މިލާން (އޮގަސްޓް 21) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނުން 3-0 އިން ސްޕެޒިއާ ބަލިކޮށް ލީގުގެ ކުރިއަށް ޖެހިލައިފި އެވެ.
އިންޓަ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އޮތީ ތާވަލުގެ ކުރީގަ އެވެ. ލީގުގައި ރޭ ލާޒިއޯ އާއި ޓޮރިނޯ ގޯލެއް ނުޖެހި އެއްވަރުވެ، އެ ދެ ޓީމު އޮތީ ދެ ވަނަ އާއި ތިން ވަނަ މަގާމުގަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އިން ފުރަތަަމަ މިނިޓުން ފަށައިގެން ސްޕެޒިއާ އަށް ޕްރެޝަރު ބޮޑުކުރަން ފެށިއިރު، އިންޓަ އިން އެންމެ ފުރަތަމަ ފޮނުވާލި ހަމަލާތައް ސްޕެޒިއާގެ ގޯލްކީޕަރު، ބާޓްލޮމިއޭ ޑްރަގޯސްކީ ވަނީ މަތަކޮށްފަ އެވެ.
އިންޓަ އިން ލީޑުނެގީ މެޗުގެ 35 ވަނަ މިނިޓްގަ އެވެ. މި ގޯލުގައި ތަފާތަކީ އިންޓަގެ ކުރިއަށް ކުޅޭ ރޮމެލޫ ލުކާކޫ އާއި ލައުޓާރޯ މާޓީނޭޒްގެ ކޮމްބިނޭޝަން އެވެ. އިންޓަގެ މިޑްފީލްޑަރު، ނިކޯލޯ ބަރޭރާ މަތިން އޭރިއާތެރެއަށް ޖެހި ބޯޅަ ލުކާކޫ ބޮލުން ދިނީ އޭރިއާބޭރުގައި ހުރި މާޓީނޭޒް އަށެވެ. އޭނާ ވަނީ އެއް ފަހަރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަ އަށް ލީޑުފުޅާކޮށްދޭން ޑެންޒެލް ޑަމްފްރީސް އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ކީޕަރު ޑްރަގޯސްކީ ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ލުކާކޫ އަށް ދީގެން ޖެހުމުގެ ފުރުސަތު ވެސް ޑަމްފްރީސް އަށް އޮތެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިއާތެރެއިން ލުކާކޫ ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
އިންޓަ އިން ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭގައި ލީޑުފުޅާކުރި އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން، ހަކާން ޗަނޮނޮގްލޫ ވަނީ އިންޓަގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
މެޗުގައި އިންޓަ އިން ޖެހި ފަހު ގޯލަކީ ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ އެޑިން ޒެކޯ އާއި އެންހެލް ކޮރޭއާ ގުޅިގެން ކުރި މަސައްކަތުން ޖެހި ގޯލެކެވެ. މެޗުގެ 82 ވަނަ މިނިޓްގައި ޒެކޯ އޭރިއާތެރެއިން ހުސްކޮށްލާފައި ކޮރޭއާ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލައިފަ އެވެ.












