އޯކިޑުމަގުގައި ހުންނަ މީޑިއާ ނެޓު އޮފީހަށް ވަދެ ބަޔަކު މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:48 ހާއިރު ކަމަށެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މި މާރާމާރީގައި ހަމަލާދީފައިވަނީ އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. އޭނާއަށް ހަމަލާދީފައިވަނީ އޮފީހަށް ވަތް ހަތަރު މީހުންގެ ގުރޫޕަކުންނެވެ. އެމީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.
އަނިޔާ ލިބުނު މީހާގެ ބޮލަށް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.
މާރާމާރީ ހިންގި ތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން ފިޔަވައި ދެން އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.














