ގެބޮންގެ ސަރުކާރުން އަރުވާ އިއްޒަތް، "ނޭޝަނަލް އޯޑާ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" ގެ އިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މިއަދު އަރުވައިފި އެވެ.
މިނިސްޓަރ ޝާހިދަށް މި އިއްޒަތް އެރުވީ ގެބޮންގެ ވެރިރަށް ލީބްރަވިލް ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ގައުމުގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާ އެވެ.
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތެރިންނަށް އަރުވާ މި އިއްޒަތް އެ ގައުމުގައި ތައާރަފް ކުރެވުނީ 1971 ވަނަ އަހަރު އެވެ.
ޝާހިދު މިވަގުތު ގެބޮންގައި ހުންނެވީ ވެސް އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ. ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވި ފުރަތަމަ ދިވެއްސެވެ.













