ރާއްޖޭހެ ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއްގައި ބްރުނާއީ ދާރުއްސަލާމް އާއި ލާއޯސްއާ ދެކޮޅަށް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ މަހު ގައުމީ ފުޓްބޯޅަ ޓީމުން ބްރުނާއީ އާއި ލާއޯސްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މިހާރު ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.
އަންނަ މަހުގެ ފީފާ ދުވަސްތައް (ސެޕްޓެމްބަރު، 19-27) އާ ދެމެދު ބްރޫނާއީ އާއި ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗުތައް އޮންނާނީ ބްރުނާއީގަ އެވެ. މިއީ ފީފާ ޑޭސްގައި ކުޅޭ ދެ މެޗުކަމަށްވާތީ، މިއީ ފީފާ ރޭންކިން އަށް ވެސް ގުނާނެ މެޗުތަކެކެވެ. އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގަ އެވެ. ލާއޯސް އޮތީ 183 ވަނައިގަ އެވެ. އަދި ބްރޫނާއީ އޮތީ 190 ވަނައިގަ އެވެ.
ގައުމީ ޓީމުން ވަނީ މި އަހަރުގެ މާޗް މަހުގެ ފީފާ ދުވަސްތަކުގެ ތެރޭގައި މާލޭގައި ބަންގްލަދޭޝާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. އޭގެ ކުރިން ޖެނުއަރީ މަހު ފަހުކޮޅުގައި ނޭޕާލަށް ގޮސްގެން އެ ގައުމުގައި ދެ މެޗެއް ކުޅެން ލިބުނު ފުރުސަތު ދޫކޮށްލީ އޭރުގެ ހާލަތުގެ ގޮތުން، ލީގު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާތީ އެވެ.
އެންމެ ފަހުން ގައުމީ ޓީމުން ކުޅެފައިވަނީ މިދިޔަ ޖޫން މަހު އުޒްބެކިސްތާންގައި ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ.
ގައުމީ ޓީމުގެ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ، އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ރާއްޖޭން އޭނާގެ ކޯޗުކަމުގައި މެޗުތައް ގިނައިން ކުޅޭ ވަރަކަށް ބޭނުންވާ ސިސްޓަމަށް ހާނުވަން ފަސޭހަވެގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅުގައި، ގައުމީ ކޯޗުކަމާ ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ވަނީ ހަތް މެޗު ކުޅެފަ އެވެ. ދެ މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ތިން މެޗުން ވަނީ ބަލިވެފަ އެވެ.
މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ މޮޅުވީ މާޗް މަހު އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝް އަތުންނާއި ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިންގައި ލަންކާ އަތުންނެވެ. ފޯ ނޭޝަންސް ކަޕްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ސީޝެލްސް އާއި ލަންކާއާ ދެކޮޅަށް ރާއްޖެ އެއްވަރުވިއިރު، އެ މުބާރާތުގައި ބަންގްލަދޭޝް އަތުން އަދި މިދިޔަ ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިންގައި ތައިލެންޑާއި އުޒްބެކިސްތާން އަތުން ވަނީ ބަލިވެފަ އެވެ.












