ރާއްޖޭގައި އަންހެނުންގެ ކްރިކެޓް ކުރިއެރުވުމުގެ ޕްލޭނެއްގެ ދަށުން ބަންގްލަދޭޝްގެ ކޯޗެއް ކަމަށްވާ ފާތެމާ ތުޒް ޖަހާރާ ހަމަޖައްސައިފި އެވެ.
ބަންގްލަދޭޝް ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ފާތެމާ އަކީ ސާޓިފައިޑް ސީއޭ އެންޑް އައިސީސީ ލެވަލް ދޭއްގެ ފެންވަރުގެ ކޯޗެކެވެ. އޭނާ އަކީ ސަރަހައްދީ ލެވަލްގެ ކްރިކެޓް ތަޖުރިބާ ހުރި ފަރާތެކެެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މައުލޫމާތު ދޭ ގޮތުގައި ފާތެމާ އަކީ 2011 އިން ފެށިގެން ކްރިކެޓް ޑިވެލޮޕްމަންޓްގެ އެކި ޕްރޮގްރާމްތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެެވެ.
މިދިޔަ ޖޫން މަހު ބޭއްވި ކްރިކެޓްގެ އަހަރީ އާންމު ޖަލްސާގައި ވަނީ އަންހެނުންގެ ކްރިކެޓް ކުރިއަރުވަން ޕްލޭންތަކެއްގެ ތެރެއިން ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެެ. އެ ގޮތުން މި މަހުން ފެށިގެން ބިދޭސީ ތިން ކޯޗުންގެ ބެލުމުގެ ދަށުން ޔޫތު ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ފެށޭއިރު، އަންހެން ކްރިކެޓަށް ވެސް ކޯޗެއް ހިމެނޭނެ ކަމަށް އޭރު ވަނީ ބުނެފަ އެވެ.
ކްރިކެޓް ބޯޑުން ބުނީ ފާތެމާ ހަމަޖެއްސީ އަންހެނުންގެ ކްރިކެޓް ޑިވެލޮޕްމަންޓްގެ މަސައްކަތުގެ އިތުރުން އިތުރުން ގައުމީ އަންހެން ކްރިކެޓް ޓީމުގެ ކޯޗުގެ މަގާމަށެެވެ. އެ ގޮތުން ކްރިކެޓްގެ ޔޫތު ޑިވެލޮޕްމަންޓް މަސައްކަތުގައި ފާތެމާ ހަރަކާތްތެރިވާއިރު، ފިރިހެން ކުދިންނަށް ވެސް ސެޝަންތައް ނަގައިދޭނެ އެވެ.
ރާއްޖޭގެ ގައުމީ އަންހެން ޓީމު އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މެޗެއް ކުޅުނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލާ ދެކޮޅަށެވެ. ކްރިކެޓް ބޯޑްގައި މިހާރު އޮތް ލީޑަޝިޕްގެ ދަށުން މާލެ އާއި ލ. ކުނަހަންދޫ އާއި ޏ.ފުވައްމުލަކުގައި އަންހެނުންގެ ކްރިކެޓްގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެ އެވެ.
އެ ގޮތުން ފާތެމާ ވެސް ކުނަހަންދޫ އާއި ފުވައްމުލަކަށް ގޮސް ސެޝަންތައް ނަގައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.












