އަލަށް ވަޒީފަގެ މާހައުލަށް ނުކުންނަ ޒުވާނުންނަށް ހާއްސަކޮށްގެން މެރިން ސާވިސް ޕްރައިވެޓް ލިމިޓެޑުން އިންޓާންޝިޕް ޕްރޮގްރާމެއް ހުޅުވާލައިފި އެވެ.
އެ ޕްރޮގްރާމުގެ ދަށުން ޖަލްބޫޓޫން މަސައްކަތްކުރާ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުން ވެސް ތަމްރީނު ލިބިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޖަލްބޫޓުން ބުނެ އެވެ. ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ކޮންމެ މަހަކު އެލަވަންސެއް ލިބޭނެ އެވެ.
އިންޓާންޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތަމްރީނު ހިންގަން ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ވޯޓާސްޕޯޓްސް، ޑައިވިން، އެކްސްކާޝަން، މެރީނާ އޮޕަރޭޝަން، ޓްރާންސްޕޯޓް، އެޑްމިން، ފައިނޭންސް އަދި މާކެޓިން ފަދަ ދާއިރާތައް ހިމެނެ އެވެ.

ޖަލްބޫޓުން ވަނީ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ޒުވާނުން މިމަހު 20 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފަ އެވެ. އިންޓާންޝިޕްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު މެރިން އެކްސްޕޯ 2022ގެ ޖަލްބޫޓުގެ ސްޓޯލް އަދި ޖަލްބޫޓުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.














