މިލާން (އޮގަސްޓް 14) - އިޓާލިއަން ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާއި މިދިޔަ ސީޒަނުގައި ދެ ވަނަ އަށް ދިޔަ އިންޓަ މިލާން މޮޅުވެއްޖެ އެވެ.
މިލާން ވަނީ 4-2 އިން އުދިނޭޒީ ބަލިކޮށްފަ އެވެ. އިތުރު ވަގުތުގައި ޑެންޒެލް ޑަމްފްރީސް ޖެހި ގޯލުން އިންޓަ އިން ވަނީ 2-1 އިން ލެޗޭ އަތުން މޮޅުވެފަ އެވެ.
ރޮޑްރީގޯ ބެކާއޯ ބޮލުން ޖެހި ގޯލުން އުދިނޭޒީން ދެ ވަނަ މިނިޓްގައި ލީޑުނަގާފައިވަނިކޮށް މިލާނަށް 11 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ތެއޯ ހެނާންޑޭޒް އެވެ. އަންޓޭ ރެބިޗް 15 ވަނަ މިނިޓްގައި މިލާން ކޮޅަށް ނަތީޖާ އަނބުރާލި ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އުދިނޭޒީން އެއްވަރުކުރި އެވެ. އެ ޓީމުގެ ގޯލު ޖެހީ އެޑަމް މަސީނާ އެވެ.

މިލާން ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފްގެ ކުޅުން ފެށިތަނުން މިލާނަށް އަނެއްކާ ވެސް ލީޑުނަގައިދިން ގޯލު ޖެހީ ބްރަހިމް ޑިއާޒް އެވެ. އަދި މެޗުގެ 68 ވަނަ މިނިޓްގައި ރެބިޗް ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައި، މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ލެޗޭ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 81 ސިކުންތު ތެރޭ ރޮމެލޫ ލުކާކޫ ވަނީ އިންޓަ އަށް ލީޑުނަގައިދީފަ އެވެ. މިއީ ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ އަށް އަލުން ބަދަލުވުމަށް ފަހު ލުކާކޫ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ތަކުރާރުކޮށް ލެޗޭ އިން އިންޓަ އަށް ޕްރެޝަރުކޮށް، ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ.
މެޗުގެ 48 ވަނަ މިނިޓްގައި ލެޗޭގެ ގޯލު ޖެހީ ފެޑެރީކޯ ޑި ފްރެންސެސްކޯ ދިން ބޯޅައަކުން އަސާން ސީސޭ އެވެ. އިންޓަ އަށް އަލުން ލީޑުނަގައިދޭން ޑަމްފްރީސް ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، ލުކާކޫ ޖެހި ޝޮޓް ލެޗޭ ކީޕަރު ވްލަޑިމީރޯ ފަލްކޯނޭ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ފަހު މިނިޓްގައި ޑަމްފްރީސް ވަނީ ގޯލު ޖަހައި، އިންޓަ މޮޅުކޮށްދީފަ އެވެ.












