މި ފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވިދާލި އެތުލެޓިކްސްގެ އުންމީދީ ތަރި، އިބްރާހިމް ނާހިލް ނިޒާރު، މިހާރު ތުރުކީގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ލޯންގް ޖަމްޕް ރެކޯޑް މުގުރާލައިފި އެވެ.
ނާހިލް، 17، މިއަދު މުގުރާލި ރެކޯޑް ކުރިން އޮތީ ގައުމީ ޓީމުގެ ކުރީގެ އެތުލީޓް، ހުސެއިން ހަލީމް އަތުގަ އެވެ. ހުސެއިން ރެކޯޑް ހެދީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 6.47 މީޓަރު ދުރަށް ފުއްމައިގެންނެވެ. ނާހިލް މިއަދު ރެކޯޑް ހެދީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ލޯންގް ޖަމްޕްގެ ފައިނަލުގައި 6.71 މީޓަރު ދުރަށް ފުއްމައިގެންނެވެ.
ގދ. ތައުލީމީ މަރުކަޒު ޓީމުގައި ހިމެނިގެން މިދިޔަ މެއި މަހު އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ނާހިލް އެ މުބާރާތް ނިންމާލީ ޖުމްލަ ފަސް ރެކޯޑް މުގުރާލައި، އެ މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދައިގެންނެވެ.
އިންޓަ ސްކޫލް މުބާރާތުގެ 100 މީޓަރާއި 200 މީޓަރު ދުވުމުގެ ރެކޯޑް ހެދި ނާހިލް ވަނީ އެ މުބާރާތުގެ ލޯންގް ޖަމްޕާއި ޖޫނިއާ ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. އަދި ޓީމު އިވެންޓަށް ބަލާއިރު، ނާހިލް ހިމެނޭ ގދ. އަތޮޅު އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ވަނީ ހަތަރެއް ގުނަ 200 މީޓަރު ދުވުމުގެ މުބާރާތުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ.
މި ފަހަރުގެ އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި މެއި މަހު ކުރިއަށްދިޔަ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ފެނުނު ގިނަ އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ.











