މީގެ ހަ ދުވަސް ކުރިން އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގެ އެތުލެޓިކްސް އިވެންޓްގައި ގައުމީ އަންހެން ރިލޭ ޓީމުން ހެދި ހަތަރެއް ގުނަ 100 މީޓަރުގެ ރެކޯޑް، މިއަދު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މުގުރާލައިފި އެވެ.
ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނެނީ ޒުވާން ހަތަރު އެތުލީޓުން ކަމަށްވާ، އައިޝަތު ހިމްނާ ހަސަން، މަރިޔަމް އަލްހާ ހުސައިން، އާމިނަތު ލަޔާނާ މުހައްމަދު އަދި ރިފާ މުހައްމަދު އެވެ.
ކޮންޏާގެ އެތުލެޓިކްސް ފީލްޑްގައި މިއަދު ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހަތަރެއް ގުނަ 100 މިޓަރު ފައިނަލްގައި ގައުމީ އަންހެން ރިލޭ ޓީމުގެ ޓައިމިން އަކީ 48.21 ސިކުންތުންނެވެ. މިއީ ހަ ދުވަސް ކުރިން ކޮމަންވެލްތު ގޭމްސްގައި އިނގިރޭސިވިލާތުގެ ބާމިންހަމްގެ އަލެކްސަންޑަ ސްޓޭޑިއަމްގައި ދުވި ޓައިމިން އަށް ބަލާއިރު ކުރު މުއްދަތެއްގައި ލިބުނު ކުރިއެރުމެކެވެ. ކޮމަންވެލްތު ގޭމްސްގެ ޓައިމިން އަކީ 49.19 ސިކުންތެވެ.

ކޮމަންވެލްތު ގޭމްސްގައި އެތުލެޓިކްސް އިވެންޓް ފުރިހަމަ ކުރުމަށް ފަހު ރިލޭ ޓީމު އުފާފާޅުކުރަނީ.-- ފޮޓޯ: ގެޓީއިމޭޖަސް
މި ރެކޯޑް އެންމެ ފަހުން ހެދި ތިން ފަހަރު ވެސް ރިލޭ ޓީމުގައި ހިމެނުނު ތިން ދުވުންތެރިންނަކީ ހިމްނާ އާއި ރިފާ އަދި އަލްހާ އެވެ.
ސޮލިޑާރިޓީ ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރުގެ ފައިނަލުގައި ހަ ގައުމު ދުވަން އޮތް ނަމަވެސް އިވެންޓް ފުރިހަމަ ކުރީ ހަތަރު ގައުމެވެ. އިވެންޓް ފުރިހަމަ ނުކުރެވުނީ އުޒްބެކިސްތާނާއި މޮރޮކޯ ޓީމަށެވެ.
ފައިނަލް ކާމިޔާބުކުރީ 43.83 ސިކުންތުން ނިންމި ގެމްބިއާ ޓީމެވެ. ދެ ވަނަ އަށް ދިޔަ ބަހްރޭންގެ ޓީމު ނިންމީ 44.11 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި ތުރުކީ ޓީމުގެ ޓައިމިން އަކީ 44.49 ސިކުންތެވެ. ހަތަރު ވަނަ އަށް ދިޔައީ ރާއްޖެ އެވެ.
މި ފަހަރުގެ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި ރާއްޖޭން ވަނީ ހަތަރެއް ގުނަ 100 މީޓަރުގެ ރެކޯޑްގެ އިތުރުން 100 މީޓަރާއި 200 މީޓަރުގެ އަންހެނުންގެ ދުވުމުގެ ރެކޯޑްގެ އިތުރުން ލޯންގް ޖަމްޕްގެ ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ސަތޭކަ މީޓަރާއި 200 މީޓަރުގެ އަންހެނުންގެ ރެކޯޑް ހެދީ ހިމްނާ އެވެ. އަދި ލޯންގް ޖަމްޕްގެ ރެކޯޑް މުގުރާލީ ޒުވާން އެތުލީޓް، އިބްރާހިމް ނާހިލް ނިޒާރު އެވެ.











