ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ރައުޔަ ހޯދަން ޖެހޭ ނަމަ ޝަމީމްގެ ރައުޔަ ހޯދަން އެދި ހުށަހެޅުމަށްޓަކައި ރަސްމީ މެއިލްއެއް ޕީޖީ އޮފީހުން ހަމަޖައްސައިފި އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެ އޮފީހުގެ މަސައްކަތާ ގުޅޭ ގޮތުންނާއި ގާނޫނު އަސާސީންނާއި ގާނޫނުން ޕީޖީއަށް މަތިކޮށްފައިވާ ޒިންމާތަކާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ކަމަކާ ގުޅިގެން ސީދާ ޕީޖީގެ ސަމާލު ކަމަށް ގެންނަން ޖެހޭ ކަންކަމުގައި މިއަދުން ފެށިގެން މެއިލް ކުރެވޭނެ ކަމަށެވެ.
އެ ކަމަށް ހަމަޖެއްސި މެއިލް އެޑްރެސް އަކީ concerns@pgoffice.gov.mv އެވެ.
"މި އީމެއިލްއަށް ފޮނުއްވާ މެއިލްތަކުގެ ތެރެއިން ސީދާ ޕްރޮސެކިއުޓާ ޖެނެރަލް ޖަވާބެއް ނުވަތަ ރައުޔައެއް ދޭން ޖެހޭ ނަމަ، އެ އީމެއިލަށް ޖަވާބު ދެއްވާނީ ސީދާ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒު ހުސައިން ޝަމީމެވެ." ޕީޖީ އޮފީހުން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
މެއިލްއަށް ސީދާ ވަކި ޖަވާބެއް ޕީޖީ ނުދެއްވިއަސް އެ އޮފީހުގެ މަސައްކަތްތައް ބައްޓަން ކުރުމުގައި އެ އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭކަން ކަމަށް ޕީޖީ ޝަމީމް ރިއާޔަތް ކުރައްވާނެ ކަމަށް ވެސް އެ އޮފީހުގައިވެ އެވެ.

"މިއީ މި އޮފީހުގެ މަސައްކަތްތަކާއި، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާންމުންގެ ހިޔާލާއި މަޝްވަރާ އާއި ބައިވެރިވުން އިތުރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނެންގެވި އިސްނެންގެވުމެކެވެ." ޕީޖީން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.













