މޮންޓެވީޑޯ (އޯގަސްޓް 3) - ދެކުނު އެމެރިކާގެ ހަތަރު ގައުމެއް ބައިވެރިވެގެން، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ޖޮއިންޓް ބިޑެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ޖޮއިންޓް ބިޑެއް ހުށަހަޅަނީ އާޖެންޓީނާ އާއި ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ.
މި ހަތަރު ގައުމުން ވޯލްޑް ކަޕަށް ޖޮއިންޓް ބިޑެއް ހުށަހެޅުމަށް ރާވަމުންދާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. މީގެ ތިން އަހަރު ކުރިން، މި ހަތަރު ގައުމުން ވަނީ ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާއާ ގުޅިގެން، ޖޮއިންޓް ބިޑްގެ މަސައްކަތްކުރަން ލޯކަލް އޯގަނައިޒިން ކޮމެޓީއެއް އެކުލަވާލައިފަ އެވެ.
"މި މަސަައްކަތަކީ ވޯލްޑް ކަޕް ފެށުން އައި ތަނަށް، ވޯލްޑް ކަޕް އަލުން ގެންނަން ކުރާ މަސައްކަތެއް،" ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އަލަހަންދުރޯ ޑޮމިންގޭޒް ބުންޏެވެ.
ފީފާ ވޯލްޑް އެންމެ ފުރަތަމަ 1930 ވަނަ އަހަރު ބޭއްވީ އުރުގުއޭގަ އެވެ. ފައިނަލްގައި އާޖެންޓީނާ ބަލިކޮށް، ވޯލްޑް ކަޕްގެ ތަށި އެންމެ ފުރަތަމަ އުފުލާލީ އުރުގުއޭ އެވެ.
މި ބިޑު ކާމިޔާބުވެއްޖެނަމަ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ހަތަރު ގައުމަކުން ފީފާ ވޯލްޑް ކަޕް ހޯސްޓްކުރާ ފުރަތަމަ ފަހަރަށެވެ.
ވޯލްޑް ކަޕް 2026 ވަނަ އަހަރު ބާއްވާނީ އުތުރު އެމެރިކާގެ ތިން ގަައުމެއްގަ އެވެ. އެއީ ކެނަޑާ، އެމެރިކާ އަދި މެކްސިކޯ އެވެ.
ދެކުނު އެމެރިކާގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕަކީ 2018 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތެވެ.
ވޯލްޑް ކަޕް 2030 ވަނަ އަހަރު ބޭއްވުމަށް ޕޯޗުގަލް / ސްޕެއިން އިން ވަނީ ޖޮއިންޓް ބިޑެއް ހުށަހަޅައިފަ އެވެ. މީގެ އިތުރުން މި މުބާރާތަށް މޮރޮކޯ އިން ބިޑުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އިޒްރޭލާއި ޔުއޭއީ އިން ވެސް ބިޑުކުރަން ޝައުގުވެރިވެ އެވެ. -- އޭއެފްޕީ












