ދ. ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި ރެއިން ފެށިގެން ކުރަމުންދާ މުޒާހަރާ ހޫނުވެ، ފުލުހުންނާއި އާންމުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ކުޑަހުވަދޫ މީހުން މުޒާހަރާ ކުރަމުން ދަނީ އެރަށުގެ ފެނަކައިގައި އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި ހުރި ފާރިހް ނަމަކަށް ކިޔާ މީހަކަށް ހާޓް އެޓޭކެއް ޖެހުމުން އެމަޖެންސީކޮށް މާލެ ގެންގޮސްދިނުމަށް އެދުމުން އެއާޕޯޓުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ.
ރެއިން ފެށިގެން އެ ރަށު އެއާޕޯޓް ސަރަހައްދުގައި ދަނީ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އަޑު އުފުލަމުންނެވެ. އަދި ރެއިން ފެށިގެން ވަނީ އެ އެއާޕޯޓުގެ ބޭރުގައި މީހުންނަށް ނުނިކުމެވޭނެހެން ޓިނުޖަހާ ބަންދުކޮށްފަ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ފުލުހުންނާއި އާންމުން ކުރިމަތިލުމެއް ހިނގާތަނެވެ. ފުލުހުންނާ ދިމާއަށް އާންމުން ވެއްޔާއި ގާ އުކަމުންދާއިރު، ފުލުހުން ވެސް ދަނީ ޝީލްޑާއި ރަޔަޓު ގިޔަރުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުންގެ އިތުރުން އެ ރަށު ކައުންސިލްގެ ބަހެއް ވެސް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެ ރަށުގައި ހަމަނުޖެހުން ހިނގަމުންދާއިރު، މަންޓާ އެއާގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ އިއްޔެ އެކަން ހިނގައިގެން މިއަދާ ހަމައަށްވެސް އެއްވެސް ފަރާތަކުން މީހަކު ބަލިވެގެން ދަތުރުކުރަން މަންޓާއަށް ރިކުއެސްޓެއް ކޮށްފައި ނުވާ ކަމަށެވެ.
އަދި އެ ރަށު މީހުން ބަލި މީހާ ގެންގޮސްދީފައި ނުވާ ކަމަށް ބުނާ ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ.
މުޒާހަރާކުރަން ކުޑަހުވަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވާއިރު، ބަލި މީހުންނާއި، ހާލުބޮޑު ސީރިއަސް ބަލި މީހުންވެސް އުފުލޭނެ އިންތިޒާމުތައް އެއާޕޯޓުން ހަމަޖެއްސައި ނުދޭނަމަ މުޒާހަރާ ނުހުއްޓާނެ ކަމަށްވެސް ދަނީ ބުނަމުންނެވެ.












