އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ފްލައިން ސްކޫލް ހިންގި ދުވަސްވަރު ޕައިލޮޓް ޓްރޭނިން ގައި ބައިވެރިވެ، އެ ކުންފުނީގެ އިހުމާލުން ކޯސް ނިންމައި ނުލެވުނު ދަރިވަރުންނަށް ދޭން ހަމަޖެއްސި ލޯނަށް އެދި ހުށަހަޅަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އޭއޭއޭ އިން ފްލައިން ސްކޫލް ހިންގުން ހުއްޓައިލި އިރު ކޯސް ނިންމައި ނުލެވި ތިބި ދަރިވަރުންނަށް ލޯނު ދޫކުރާނީ ތާޒާވުމުގެ ޕްރޮގްރާމެއް ފުރިހަމަކުރާ ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަނުން ކުރިން ބުންޏެވެ. އެ މިނިސްޓްރީން މިއަދު ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވި 65 ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެ ދަރިވަރުން ލޯނަށް އެދި ހުށަހަޅަން މިނިސްޓްރީން މިއަދު ހުޅުވައިލި ފުރުސަތުގެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހުޅުވައިލި ފުރުސަތުގައި ލޯނުގެ ގޮތުގައި ފައިސާ ދޫކުރާނީ ކޯހުގެ ބާކީ ބަޔަށް ވާ ވަރަށް ކަމަށެވެ. އެފައިސާ ދޫކުރާނީ މިނިސްޓްރީގެ މިއަހަރުގެ ބަޖެޓުންނެވެ.










