ރާއްޖޭއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ރ. އަލިފުށްޓަށް ކަމަށް މޯލްޑިވްސް މިޓިއެރޮލިޖިކަލް ސާވިސް، މެޓް އޮފީހުން ބުނެފި އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ބޯކޮށް ވާރޭވުހުނު ކަމަށް ރިކޯޑު ކުރެވުނީ އުތުރާއި ދެކުނުގެ ރަށްތަކަަށެވެ.
އެގޮތުން ރ. އަލިފުށީގެ އޮޓަމެޓިކް ވެދާ ސްޓޭޝަނުން 156.5 މިލިމީޓަރުގެ ވާރޭ ރިކޯޑުކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އަލިފުށީގެ އިތުރުން، ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ލ. ކައްދުއާއި ށ. ކޮމަންޑުއަށެވެ. ކައްދުއަށް އިއްޔެ 120.5 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ކޮމަންޑުއަށް 101.9 މިލިމީޓަރު ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ފާއިތުވި އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ރިކޯޑުކުރެވިފައި ވަނީ 2015 ވަނަ އަހަރު ސ. ގަމަށް ކަމަށެވެ.

އެގޮތުން ނޮވެމްބަރު 24، 2015 ގައި ގަމަށް 228 މިލިމީޓަރު ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން މައުލޫމާތު ދިނެވެ.
ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
މިގޮތުން، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ.













