މާލެއިން ފެށިގެން ވިލިމާލެއާ އެކު ތިލަފުށްޓާ ގުޅައިލުމަށް އަޅާ ބްރިޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ބާއްވަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މިއަދު "އަދަދު" އަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ބާއްވަން ހަމަޖެހިފައިވާ އެއް ރަސްމިއްޔާތަކީ ބްރިޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކަމަށެވެ.
"ކޮންކްރީޓް އަޅާ މަންޒަރު ދިއްލީއަށް [ދިއްލީގައި އޮންނަ ރަސްމިއްޔާތަށް] ލައިވް ކުުރާނެ. ހަމަ އެވަގުތު މާލޭގައި ވެސް ރަސްމިއްޔާތެއް އޮންނާނެ،" މަބްރޫކް ވިދާޅުވި އެވެ.
ބްރިޖު މަޝްރޫއުގެ ހުލާސާ
މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އޭރުން ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ އެވެ.

މާލޭން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. އެ ޕްރޮޖެކްޓްގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި ދެ މަގާއި ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.
މާލެ-ތިލަފުށި ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ. ނަމަވެސް މި ރިޔާސީ ދައުރު ނިމެންވާއިރަށް ބްރިޖުގެ މަސައްކަތް މުޅީން ނުނިމޭނެ އެވެ.
މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.












