ފުރަތަމަ އަޒުކަމަށް ވާންވީ ދިވެހިންގެ މެދުގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ ފުރިހަމަ އަގީދާއަށް ގުޑުމެއް އެރިޔަ ނުދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ހިޖުރީ އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ ރައީސް ސޯލިހް ދެއްވި ހިތޯބުގައި އެމަނިކުފާނު ވިދާޅުވީ ކީރިތާ ރަސޫލާގެ ނަބަވީ ހިޖުރައިން އިންސާނީ ތާރީހަށް ގެނުވައިދިން އިންގިލާބީ ބަދަލުތަކަކީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ސަބަބުން އިންސާނީ ހަޔާތް އާރާސްތުވެގެން ދިޔުން ކަމަށެވެ.
"މިފަދަ ޒިކުރާތައް އާ ކުރާ އިރު، އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ، ހިޖްރައިގެ މަތިވެރި ޒިކުރާއިން ލިބިދޭ އިބްރަތްތެރި ފިލާވަޅުތަކުން އަޅުގަނޑުމެންގެ ހަޔާތުގެ އާބާތުރަ ފިލުވުމެވެ." ރައީސްގެ ހިތޯބުގައިވެ އެވެ.
ކީރިތި ރަސޫލާ ދެއްކެވި މިސާލުތަކަކީ އިޖުތިމާއީ ގޮތުންނާއި، އިގުތިސޯދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް، ހަމަ ކޮންމެ ބަޔަކު ވެސް ނަމޫނާއަކަށް ބަލަންވީ ފުރިހަމަ މިސާލުތަކެެއް ކަމަށެވެ. އަދި ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައި ވިޔަސް، ކުރިއަރައިދާން އެދޭ ބަޔަކަށް ފެންނާނެ އެންމެ ރީތި މިސާލުތަކަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ އިންސާނުންގެ މެދުގައި އޮންނަންވީ ގުޅުމުގެ ބަދަހިކަމެވެ. ވެރިންނާއި ރައްޔިތުންނާ ދެމެދުގައި އޮންނަންވީ ގުޅުމާއި، ދައުލަތުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި، ދޭދޭ ރައްޔިތުންގެ މެދުގައި ހަރުދަނާ ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން، ނަބަވީ ތާރީޚުގެ ޞަފްޙާތަކުން އަޅުގަނޑުމެންނަށް ފެނެ އެވެ." ރައީސް ވިދާޅުވެފައިވެ އެވެ.

ދުނިޔަވީ ހަޔާތުގައި މިއަދު އަރާ ހަމަކުރެވިފައި މި ވަނީ އިންސާނީ ތާރީހު ނުދެކޭ ފަދަ ހަލަބޮލި ދުވަސްވަރަކާ ކަމަށް ރައީސް ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ސިޔާސީ އޮއިވަރު މުޅިން ބަދަލުވެ، އިގުތިސޯދީ ގޮތުންނާއި، ސިއްހީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެެއް ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ މިފަދަ ޒިކްރާއެއް އާކުރާއިރު، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ އަޒުމަކަށް ހަދަންވީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމްދީނުގެ މަތިވެރި އަގީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަހުލާގާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށެވެ." ރައީސް ވިދާޅުވި އެވެ.
ދިވެހިންގެ މެދުގައި މި އޮތް އެއްބަނޑު އެއްބަފާކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، މުޖުތަމައުގެ ސުލްހައާއި ހަމަޖެހުމަށް މަސައްކަތް ކުރުމަށް، ދިވެހި ރައްޔިތުންގެ ކިބައިން ރައީސް އިލްތިމާސް ކުރެއްވި އެވެ.













