ރާއްޖޭގައި ކްރިކެޓަށް އެކި ގޮތްގޮތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން އަންނަ ފަރުހަތު ޖަލީލް (ފަރޫ)ގެ ހިދުމަތުގެ އަގުވަޒަންކޮށް، އޭނާ އަށް ދުނިޔޭގެ ކްރިކެޓްގެ މައި ޖަމިއްޔާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ލޯންގް ސާވިސްގެ ނަމުގައި ހާއްސަ އެވޯޑެއް ދީފި އެވެ.
އައިސީސީގެ އަހަރީ ބައްދަލުވުމުގައި ފަރުހަތުގެ ފަރާތުން އެވޯޑާ ހަވާލުވެ ވަޑައިގެންނެވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް އެވެ. ކްރިކެޓް ބޯޑުން ދެކޭގޮތުގައި ފަރުހަތުގެ މި ހިދުމަތްތައް ކްރިކެޓްގެ މައި ޖަމިއްޔާ އިން ބަލައިގަތުމަކީ ބޮޑު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ދިވެހި ކްރިކެޓްގެ މަޝްހޫރު އާއިލާ އަކަށް ނިސްބަތްވާ ފަރުހަތުގެ ބައްޕަ އަކީ ލެޖެންޑް، މއ. އިރުމަތީގޭ އަހުމަދު ޖަލީލް އެވެ. ސްކޫލްގެ އަހަރުތަކަށް ފަހު 1980 ގެ އަހަރުތަކުގެ ތެރޭގައި ކްރިކެޓް ކުޅެން ފެށުމަށް ފަހު އޭނާ ރަސްމީކޮށް ކުުޅުން ނިންމާލީ 1996 ގަ އެވެ. އޭގެ ފަހުން ކްރިކެޓް އަމްޕަޔަރެއްގެ ގޮތުގައި ވެސް ފާހަގަވެގެންދިޔަ، ފަރުހަތު ވަނީ ކްރިކެޓް ބޯޑުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އިންޑޯ ކްރިކެޓް ރާއްޖެ އަށް ތައާރަފްކުރަން ބޭއްވި އިވެންޓްގެ ތެރެއިން ފަރުހަތު (ކ) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.
މއ. މިލާނަށް ނިސްބަތްކޮށް މިލާން ކްރިކެޓް ކްލަބުގެ ނަމުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކުރީގެ ކުޅުންތެރިޔާ ޗަމްޕާ ހުސެއިން އަފީފް، 1988 ގައި ކްލަބެއް ވެސް އުފެއްދި އެވެ. ގަވާއިދުން ކްރިކެޓް މުބާރާތްތަކުގައި ވާދަކުރި އެ ކްލަބް އުވިގެން ދިޔަ ނަމަވެސް އެ ނަމަށް އަލުން ދިރުން ގެނައީ ފަރުހަތު އެވެ.
ފަރުހަތުގެ މިލާން އެކަޑަމީ ރަޖިސްޓްރީކުރީ 2009 ވަނަ އަހަރުގެ މާޗު މަހު އެވެ. އެ އެކެޑަމީން ކްރިކެޓަށް ހާއްސަކޮށް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ. އެ އެކެޑަމީން ކްރިކެޓްގެ ބިންގާ އެޅި ކުޅުންތެރިން މި ވަގުތު ގައުމީ ޓީމުގައި ވެސް އެބަތިބި އެވެ.
ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންގެ ގުޅުން ބަދަހި ކުރުމާއި ދިވެހި ކްރިކެޓްގެ ތާރީހުގެ މުހިއްމު ހަނދާންތައް އެއް ތަނަކުން ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކްރިކެޓް ލޯންޖް، ޖަލީލް މާލަމްގެ ނަމުގައި މިދިޔަ އަހަރު ހުޅުވިއިރު، މިއީ ފަރުހަތުގެ ތަސައްވުރެވެ. ދިވެހި ކްރިކެޓަށް ފަރުހަދު މި އަގުހުރި ހަދިޔާ ދިނީ ބައްޕަގެ ލެގަސީ ދިރުވުމުގެ ވިސްނުމާ ވެސް އެކުގައި އެ ލޯންޖަށް ބައްޕަގެ ނަމާ ގުޅުވައިގެން ނަން ދީގެންނެވެ.
ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ފަރުހަތު ކްރިކެޓުން ކުރި މަސައްކަތް ރާއްޖޭން ވެސް ވަނީ ބަލައިގެންފަ އެވެ. އެ ގޮތުން ބަލާއިރު، ރާއްޖޭގެ ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން 2003 ވަނަ އަހަރު ޒުވާނުންގެ އިނާމާއި 2015 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ފަރުހަތަށް ލިބިވަޑައިގެންނެވި އެވެ.
ސާޅީހަަަކަށް އަހަރު ދިވެހި ކްރިކެޓަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުރި ފަރުހަތުގެ އާއިލާގެ ލެގަސީ ދިރުވުމުގެ ޒިންމާ މި ވަގުތު އޮތީ ފަރުހަތުގެ ދަރިފުޅު، ޔޫސުފް އަޒްޔާން ފަރުހަތުގެ އަތުގަ އެވެ. އެންމެ ފަހުން، މެލޭޝިއާގައި ބޭއްވި ކުއަޑްރަންގިއުލާ ސީރީސްގައި ރާއްޖޭގެ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކުރީ އަޒްޔާން އެވެ.












