ރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތު އޮތީ ހެނދުނު ހައެއް ޖަހާކަށް ހާއިރެވެ.
ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި މުއައްސަސާތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވެ އެވެ. މި ދުއާ ކޮށްދެއްވާފައިވަނީ އައްޝައިޚް އަހްމަދު މައުމޫން އެވެ.












