ރިޕޯޓުތަފާސްހިސާބު މަތިކުރަން ޝަރީއަތް ކުރުމާއި އޭގެ ނުރައްކާ

ތަފާސްހިސާބު މަތިކުރަން ޝަރީއަތް ކުރުމާއި އޭގެ ނުރައްކާ

ޑީޖޭއޭއިން ބުނީ ހަތަރު މަހުގެ ތެރޭ ކޯޓުގެ ބެކްލޮގް ސާފުކޮށްލާނެ ކަމަށް. އެކަމަކު ތަޖުރިބާކާރުން ބުނަނީ އެހާ ކުރު މުއްދަތެއްގައިއެކަން ކުރެވޭނީ މައްސަލަތައް ކުރުގަޅުވާލައިގެން ނިންމުމުން ކަމަށް. އަދި ތަފާސްހިސާބަށް ބަލައިގެން މައްސަލަ ނިންމުމުން ނަތީޖާ ގޯސްވެދާނެ ކަމަށް ވެސް ދެކޭ.

ކްރިމިނަލް ކޯޓުގެ އިމާރާތް: އެންމެ ގިނައިން މައްސަލަ ހުށަހެޅޭ އެއް ކޯޓަކީ ވެސް ކްރިމިނަލް ކޯޓު -- ފޮޓޯ: އަދަދު ފައިލް
ކްރިމިނަލް ކޯޓުގެ އިމާރާތް: އެންމެ ގިނައިން މައްސަލަ ހުށަހެޅޭ އެއް ކޯޓަކީ ވެސް ކްރިމިނަލް ކޯޓު -- ފޮޓޯ: އަދަދު ފައިލް

އިންސާފު ލަސްވުމަކީ ވެސް ބޭއިންސާފެކެވެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ބައްޓަންކުރީ ވެސް ގާނޫނީ އެ ހަމައިގެ މައްޗަށެވެ. ޝަރީއަތްތައް އަވަހަ ހިންގައި، އަވަހަށް އިންސާފު ލިބިދިނުމުގެ ވިސްނުމުގަ އެވެ. ތަހުގީގު ހިނގަންވީ މުއްދަތާއި ދައުވާ ކުރެވެން ޖެހޭނެ މުއްދަތަކާއި ޝަރީއަތުގެ މަރުހަލާތަކާއި ފަހު މަރުހަލާ އާއި ހުކުމާ ދެމެދު އޮންނަންވީ މުއްދަތަށް ދާންދެން ގާނޫނުގައި ލިޔުނީ އެހެންވެ އެވެ.

އެެެހެންނަމަވެސް ޖިނާއީ މައްސަލަތައް ބަލަން އުފައްދާފައިވާ ހާއްސަ ކޯޓަށް ކޮންމެ އަހަރަކު ވެސް އެތައް މައްސަލައެއް ހުށަހެޅި، މަދު މައްސަލައެއް ނޫނީ ނުނިމި މައްސަލަތައް އޮތީ އެ ކޯޓުގައި ފުނިޖެހިފަ އެވެ. ކޯޓުގެ ބެކްލޮގްގައި އަބަދުވެސް 2000 އާ ގާތް ކުރާ އަދަދަކަށް މައްސަލަ އެވެ. އެކަމަކު ކްރިމިނަލް ކޯޓަށް މައްސަލަތައް ހުށަހެޅޭ ވަރަށް ވުރެ މަސައްކަތުގެ ދުވެލި މާ ބޮޑަށް ވެސް ހުރީ ދަށްކޮށެވެ.

"މިހާރު ކްރިމިނަލް ކޯޓްގަައި މިއޮތް ބެކްލޮގް، މިހާރު މި މަސައްކަތްކުރާ ވަގުތާއި މިހާރު މި މަސައްކަތްކުރަން ލިބިފައި ހުރި ވަސީލަތްތަކާއި މުވައްޒަފުންނާއި އެކު ކުރާކަމަށްވާ ނަމަ އެ ބެކްލޮގް ކްލިއާ ކުރަން އެބަ ނަގާ 16 އަހަރު،" ކްރިމިނަލް ކޯޓުގައި މައްސަލަތައް ފުނިޖެހެމުންދާ ނިސްބަތަށް އިޝާރާތް ކުރައްވައި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެފައިވެ އެވެ.

އަދަދުތަކުން، މައްސަލަތަކާއި އަޑުއެހުންތައް

ކްރިމިނަލް ކޯޓުން "އަދަދު" އަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކޯޓުގައި ނުނިމި 1،659 މައްސަލައެއް އެބަ އޮތެވެ. އޭގެ ތެރޭގައި ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ 369 މައްސަލައެއް ހިމެނެ އެވެ.

titledesc

މައްސަލަތައް ނިންމުމަށް ކޮންމެ ސެކްޝަނަކުން ވެސް ގިނަ އަދަދެއްގެ އަޑުއެހުން ތާވަލު ކޮށްފައިވެ އެވެ. މި އަަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ޖުމުލަ 4،872 އަޑުއެހުން ތާވަލު ކުރި އެވެ. އެކަމަކު އެއިން ބޭއްވުނީ 3،494 އަޑުއެހުމެވެ. 1،378 އަޑުއެހުން ކެންސަލްވި އެވެ. ބޭއްވޭ އަޑުއެހުންތަކުން ވެސް ތާވަލުކޮށްފައިވާ މަސައްކަތް ކުރިއަށް ގެންދެވޭނީ ބައެއް ފަހަރުގަ އެވެ.

titledesc

އިތުރު ވަގުތު މަސައްކަތްކޮށް ހަތަރު މަހުން ބެކްލޮގް ހުސްކުރުން، ވާނެތަ؟

މިދިޔަ ޖން މަހުން ފެގެން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ކްރިމިނަލް ކޯޓުގެ މަސައްކަތު ވަގުތު ވަނީ އިތުރުކޮށްފަ އެވެ. މީގެ ކުރިން މެންދުރުފަހު 2:00 އާ ހަމައަށް އަޑުއެހުންތައް ތާވަލުކުރި ނަމަވެސް މިހާރު ހަވީރު 5:00 ޖެހުމާ ހަމައަށް އަޑުއެހުން ތާވަލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިން ޔަގީންކަމަކީ މި ހަތަރު މަސް ދުވަހުގެ މުއްދަތުގައި ކްރިމިނަލް ކޯޓުގެ ބެކްލޮގް އެއްކޮށް ހުސްކޮށްލާނެކަމުގެ ޔަގީންކަމެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިތުރު ވަގުތު މަސައްކަތްކުރާ ކޮންމެ ގާޒީއަކަށް އެ ގޮތަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ.

ޑީޖޭއޭއިން އެދިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. އެކަމަކު އެ ހަތަރު މަސް ދުވަހުގެ ތެރޭގައި ބެކްލޮގް ހުސްނުކުރެވިއްޖެ ނަމަ އިތުރަށް އުފެދިދާނެ ބެކްލޮގެއް ހުސްކުރަން ގާޒީން މަސައްކަތް ކުރަން ޖެހޭނީ އިނާޔަތެއް ނުލިބޭ ގޮތަށް ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާހަކަ ދައްކަވާފައިވެ އެވެ.

ޖޭއެސްސީން ވިސްނާފައިވާ ގޮތަށް ގާޒީންނަށް އިނާޔަތެއް ލިބޭ ގޮތަށް ހަތަރު މަސް ދުވަހުގެ މުއްދަތަކުން ހާހަކަށް ވުރެ ގިނަ މައްސަލަތަކުގެ ބެކްލޮގް ހުސްކޮށްލެވޭނެ ހެއްޔެވެ؟

ދިފާއީ ވަކީލެއްގެ ގޮތުގައި މިވަގުތު އެންމެ ގިނައިން ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަމްޒާ ލަތީފް ދެކެވަޑައިގަންނަވާ ގޮތުގައި ހަމައެކަނި ގާޒީންގެ އިނާޔަތް އިތުރުކޮށް، ކޯޓުގެ އިތުރު ވަގުތު މަސައްކަތް ކޮށްގެން ބެކްލޮގް ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ހަމްޒާ ފާހަގަ ކުރެއްވީ ކްރިމިނަލް ކޯޓުން އަޑުއެހުމެއް ބޭއްވުމަށް އެއްބާރުލުން ބޭނުންވާ އިދާރާތައް ގިނަ ކަމެވެ. އެގޮތުން އަޑުއެހުމެއް ބޭއްވުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ދިފާއީ ވަކީލުންނާއި ފުލުހުންނާއި ކަރެކްޝަންސްގެ ދައުރު ވެސް ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެއީ ހަމައެކަނި ފަނޑިޔާރުގެ ކޮމިޓްމަންޓް އޮވެގެން ކުރެވޭނެ ކަމެއް ނޫން. އޭގައި އެބަ ހިމެނޭ ފަނޑިޔާރަށް އެހީތެރިވާން ކޯޓުގައި ދެން ތިބޭ މުވައްޒަފުންގެ ކޮމިޓްމަންޓް ވެސް. ކޯޓުގެ ވަސީލަތްތަކުގެ ކޮމިޓްމަންޓް ވެސް. ގޮނޑި މޭޒާއި ކޮމްޕިއުޓަރުގެ ވެސް. ޕްރޮސެކިއުޝަން އާއި ޑިފެންސްގެ ކޮމިޓްމަންޓް ވެސް. އަދި އެބަ އާދޭ، ފުލުހުންނާއި ކަރެކްޝަންސްގެ ކޮމިޓްމަންޓް ވެސް،" ހަމްޒާ ވިދާޅުވި އެވެ.

މީގެ ސަބަބުން ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންގެ ޝެޑިއުލްއަށް ވެސް މަސައްކަތް އިތުރުވެގެން ދާއިރު، ކޯޓުގެ މުވައްޒަފުންގެ މަސައްކަތް މާ ބޮޑަށް އިތުރުވެ އުފެއްދުންތެރިކަން ދަށްވާނެ ކަަމަށް ހަމްޒާ ގަބޫލުކުރައްވަ އެވެ.

"ހުލާސާ ބަޔާނަށް ދިއުމުގެ ކުރިއަށް މައްސަލައިގެ ކޮންމެ އަޑުއެހުމަކު ދައްކާފައިވާ ވާހަކަތައް މައްސަލައިގެ ހަސްމުންނަށް އެބަ ދޭން ޖެހޭ. އެ ކަން ކުރަން ކޮންމެ ވެސް އެކަަކު އާންމުކޮށް ކޮންމެ ސެކްޝަނެއްގައި މި އިންނަނީ. އެހެންވެ ފަނޑިޔާރުންގެ އެފިޝިއެންސީއަށް ވުރެ ފުޅާކޮށް ވިސްނަން ޖެހޭ ކަމެއް އެއީ ބެކްލޮގް ކްލިއާ ކުރުމަކީ،" ހަމްޒާގެ ވިސްނުން ތަފްސީލްކޮށްދެއްވަމުން އޭނާ އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން ވެސް ގަބޫލު ކުރައްވާ ގޮތުގައި ކްރިމިނަލް ކޯޓަށް މައްސަލަތައް ހުށަހެޅޭ މިންވަރަށް އެކަނި ބެލި ނަމަވެސް ބެކްލޮގް ސާފުކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނިޒާމު އިސްލާހު ކުރުމުގައި ސިޔާސީ ނިޔަތް ތެދު ނިޔަތް ބޭނުންވާއިރު އެ އެއްބާރުލުން ސަރުކާރުން ދޭ ކަމާމެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ.

"ކްރިމިނަލް ކޯޓުގައި އިތުރު ވަގުތު ހިންގައިގެން މަސައްކަތް ކުރާތާ ދެ މަސް ދުވަސް، ޝަރީއަތް ހިންގައިގެން މަދު މައްސަލައެއް ނިމިފައި އޮންނާނީ، މީހަކު އިއުތިރާފް ވެގެން މައްސަލައެއް ނިމުނަކަސް، އަޅުގަނޑު އަތުގައި ހުރި ބޮޑެތި މައްސަލަތައް އެ ފަހުން ވެސް މާ ބޮޑަކަށް ވަކި ކުރިއަކަށް ނުދޭ،" މުހްތާޒް ވިދާޅުވި އެވެ.

މައްސަލަތައް "ކުރުގަޅުވާލުމުން" - އިތުރު ގޯސްތަކެއް ނުކުމެދާނެ؟

ކޯޓުގެ މުވައްޒަފުންނާއި ވަސީލަތްތައް އިތުރުނުކޮށް އަދި ދައުލަތުގެ މުވައްޒަފުންގެ މެދުގައި އިންސާނީ ވަސީލަތްތައް އިތުރުނުކޮށް، ހަމައެކަނި މަސައްކަތުގެ ވަގުތު އިތުރުކޮށްގެން ހަތަރު މަސް ދުވަހުން ބެކްލޮގް ހުސްކުރަން އުޅުން ވަކީލް ހަމްޒާ ސިފަކުރެއްވީ "މައްސަލަތައް ކުރުގަޅާލުން" ގޮތުގަ އެވެ.

"ކުރީގައި ސުޕްރީމް ކޯޓުން ވެސް ގެންގުޅުނު އުސޫލެއް އޮވޭ، ފަނޑިޔާރުން ފޮނުވައިގެން، ވީ އެއްޗެއް ވީ ކަމަށް ބަލާފައި، މައްސަލަ އެއްކޮށް ނިންމާލުން، އޭރަށް ހުރިހާ މައްސަލައެއްހެން ދަނީ އިސްތިއުނާފަށް، މައްސަލަތައް ކުރުގަޅުވާލީމާ ވާނީ އެހެން،" ހަމްޒާ ވިދާޅުވި އެވެ.

ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި ހަމްޒާއަށް ވެސް ފެނިވަޑައިގަންނަވާ ގޮތުގައި މައްސަލަތައް ކުއްލިއަކަށް ކުރުކޮށްލައި ނިންމަން އުޅެފިނަމަ ދެން ވެސް ނުކުންނާނީ އެ ނަތީޖާ އެވެ. ގާޒީން ވެސް "އަވަސް އަރުވާލާން އުޅޭނަމަ" ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް މައްސަލައެއް ނިންމާލުމަކީ އާންމު ކަމަކަށް ވެދާނެ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

"ކުރު މުއްދަތެއްގެ ތެރޭގައި، ފަނޑިޔާރުން ވިސްނަވަން ޖެހޭ ވަރަށް ވިސްނާވަޑައިނުގެން މައްސަލަތައް ނިންމެވެމުން ދާން ފަށައިފި ނަމަ، އަންނާނެ ނަތީޖާއަކީ ހައި ކޯޓު އޯވަލޯޑް ވުން، ހައި ކޯޓުގެ ބެކްލޮގް ބޮޑުވުން، ހަމަ މި ސައިކަލްއަކަށް ނިންމުމެއް ނާންނާނެ ނޫންތޯ،" ހަމްޒާ ވިދާޅުވި އެވެ.

މުހުތާޒް ވެސް އެ ވާހަކައަށް ތާއީދު ކުރައްވަ އެވެ. މުހްތާޒް ފާހަގަ ކުރެއްވި ކަމަކީ އެހެން މަސްތަކަށް ވުރެ ޑިސެމްބަރު މަހު މައްސަލަތައް ނިންމަން އުޅޭ ވަރު ގިނަ ވާނެ އެވެ. ބޭނުމަކީ ތަފާސްހިސާބު ރަނގަޅު ކުރުމެވެ. މި ވެސް ތަފާސްހިސާބު ރަނގަޅު ކުރަން ކުރާ ކަމަކަށްވާ ނަމަ މައްސަލަތައް އަވަސް އަރުވާލައިގެން ނިންމަން އުޅުމަކީ ގާތް ކަމެއް ކަމަށް މުހުތާޒް ވިދާޅުވި އެވެ.

"ކުރުގަޅުވާލައިގެން އެ ގޮތަށް މައްސަލަތައް ނިންމަން ވެއްޖެއްޔާ ވަރަށް ގިނަ އިޝޫތައް [މައްސަލަތައް] އަދި ނުކުންނަން ފަށާނެ. ޕްރޮސީޖަރަލް މައްސަލަތައް ނުކުންނާނެ، ހައި ކޯޓަށް މައްސަލަތައް ގޮސް ހައި ކޯޓުގެ ލޯޑު ބޮޑުވާނެ، ދެން ހައި ކޯޓަށް ފަނޑިޔާރުންނާއި މުވައްޒަފުން މަދުވެގެން އުޅޭނީ. ހައްތަހާ ވެސް ތިކަން ކުރާހާ ވާނީ،" މުހުތާޒު ވިދާޅުވި އެވެ.

ގާޒީން އިތުރު ވަގުތު މަސައްކަތްކޮށްގެން ނަތީޖާ ނެރުމަށް ޖޭއެސްސީން ވިސްނާފައިވާ މި ޕްލޭނަށް މަސައްކަތް ކޮށްގެން ނަތީޖާ ނެރެވޭނީ ކީހާ ވަރަކަށްތޯ ޖޭއެސްސީން ވެސް ޖޭހެނީ ބަލަން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އަދި އެކަށީގެންވާ ނަތީޖާއެއް ނުނެެރެވޭ ނަމަ އެެ ޕްލޭން ޖެހޭނީ ހުއްޓައިލަން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި މައްސަލަތައް ގިނަ އެވެ. އަވަހަށް މައްސަލަތައް ބެލި އަވަހަށް އިންސާފު ގާއިމް ކުރަން ވެސް ޖެހެ އެވެ. އެކަމަކު އެ ކަން ކުރެވޭނީ ކޯޓުގެ ވަސީލަތްތަކާއި މުވައްޒަފުން އިތުރުކޮށް، ޒަމާނީ ހައްލުތަކެއް ގެނެސްގެންނެވެ. ކުއްލިއަކަށް މަސައްކަތު ވަގުތު އިތުރުކޮށް، އަވަސް އަރުވާލައިގެނެއް ނޫނެވެ. އަވަހަށް އިންސާފު ގާއިމް ކުރާއިރު ވެސް އިންސާފު ލިބޭތޯ ޔަގީންކުރަންޖެހެ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox