މިދިޔަ މަހު ރާއްޖޭން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓުގެ އިތުރުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 44 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 274 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 394 މިލިއަން ރުފިޔާގަ އެވެ.
އެގޮތުން މިދިޔަ މަހު ރާއްޖެއަށް 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 78 ޕަސެންޓް އިތުރު އަދަދެކެވެ.
އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވެސް ވަނީ 60 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ މަހު ރާއްޖެއިން 247 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ.
ޖޫން މަހު ރާއްޖޭން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ.
މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މި އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 5.2 ބިލިއަނަށް އަރާފަ އެވެ. މިއީ 78 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރާއްޖެއަށް މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.3 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ހިމެނޭއިރު އޭގައި އޮމާނުން އެތެރެކުރި 1.1 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް ހިމެނެ އެވެ.
ރާއްޖެއަށް މިދިޔަ މަހު މުދާ ހިފައިގެން 93 ކާގޯ އުޅަނދު ދަތުރުކުރިއިރު 114 އުޅަނދު ރާއްޖެއިން މުދާ ހިފައިގެން ފުރި އެވެ.











