ކުރިއަށް އޮތް ހަފްތާވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
މިދިޔަ މަހުން ފެށިގެން ރާއްޖޭއަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ބައެއް ރަށްރަށަށް އުދަ އަރާ ފެންބޮޑުވެފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހު މާލެ އަށްވެސް ވަނީ ވަރަށް ބޯކޮށް ވިއްސާރަވެހި ފެންބޮޑުވެފަ އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ލަފާކޮށްފައި ވާއިރު ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ބުނެ އެވެ.
މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު 45 ބާރުމިނަށް ވައިގަދަވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާވެސް ރާއްޖޭގެ މޫސުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ހަފްތާވެސް ރާއްޖޭގެ މޫސުން ގޯސްކަމަށް ދައްކަނީ. އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.












