އިންޑިއާގެ އާ ރައީސަކަށް ދްރޫޕަދީ މުރްމޫ އިންތިހާބުވުމާ ގުޅިގެން އެކަމަނާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އާ ރައީސަކީ ގަބީލާއަކަށް ނިސްބަތްވާ ސިޔާސީ ބޭކަނބަލެއް ކަމަަށްވާ، ދްރޫޕަދީ މުރްމޫ އެވެ. އުމުރުން 64 އަހަރުގެ މުރްމޫއަކީ ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ކެންޑިޑޭޓެވެ. އޮޑިއްސާ ސްޓޭޓުގެ ކުރީގެ މުދައްރިސަކަށް އުޅުއްވި މުރްމޫ ވަނީ ކުރިން ސްޓޭޓް ގަވަރުނަރުކަން ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ މުރްމޫގެ ތަޖުރިބާއާއެކު އިންޑިއާ އިން އިތުރު ކުރިއެރުންތައް ހޯދާނެ ކަމަށާއި އަދި އެކަމަނާގެ ޒައާމަތުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މިއީ އިންޑިއާގެ ގަބީލާއެއްގެ ބޭފުޅަކު ރައީސް ކަމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އިންޑިއާގެ ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސް ނަމަަވެސް، ދައުލަތް ހިންގުމުގެ ބާރެއް ނޯވެ އެވެ.
އިންޑިއާގެ ރައީސް އިންތިހާބު ކުރަނީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއާއި މަތިގޭގެ އިތުރުން، ސަރަހައްދީ ޕާލަމެންޓުތަކުގެ ގާތްގަނޑަކަށް 4،000 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

މުރްމޫ މަގާމުގެ ހުވާ ކުރެއްވުން މި މަހުގެ 25 ވަނަ ދުވަހު އޮންނައިރު މިއީ އިންޑިއާގެ ރައީސް ކަމަށް ވަޑައިގަންނަވާ 15 ވަނަ މީހަ އެވެ.











