ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި ރާއްޖެއަށް އެެތެރެކޮށް އެ ބާވަތްތަކުގެ ޖަނަވާރުން ވިޔަފާރިކުރުމާއި ރާއްޖެއިން އެފަދަ ބާވަތްތައް ބޭރުކުރުން ހުއްޓުވުމަށް އަމަލުކުރާނެ ތަފްސީލީ އުސޫލުތަކާ އެކު ރައްޔިިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގުކުރައްވައި އެ ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ.
"ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލް އަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު"ގެ ނަމުގައި އިއްޔެ ތަސްދީގު ކުރި ގާނޫނުގެ މަގުސަދަކީ ދެމެހެއްޓެނިވި ނޫން ގޮތަކަށް ވިޔަފާރިކުރާ ނަމަ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބާވަތްތަކާއި އެބާވަތްތަކުގެ ބައިތަކުގެ ވިޔަފާރިކުރުމާއި އެެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ އުސޫލުތައް ކަނޑައެޅުމެވެ.
އެ ގާނޫނުގެ އެއް މަގުސަދަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެއްޗާއި އެތަކެތީގެ ބައިތަކުގެ ވިޔަފާރިކުރުމުގެ ބައިނަލް އަގުވާމީ މުއާހަދާއާ އެއްގޮތަށް ރާއްޖޭގައި ވެސް އެކަންކަމުގެ އުސޫލުތައް ކަނޑައެޅުމެވެ. އަނެއް މަގުސަދަކީ އެފަދަ ބާވާތްތައް ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި ރާއްޖޭން ބޭރުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމެވެ. އެފަދަ ބާވަތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ އެ ތަކެތި ހިފަހައްޓައި، އެ ތަކެއްޗާ މެދު އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަކީ ވެސް އެ ގާނޫނުގެ މަގުސަދެކެވެ.
ގާނޫނާ ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް
ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގައި، އެފަދަ ބާވަތްތައް އެތެރެކުރުމަށާއި ބޭރުކުރުމަށް ހުއްދަ ދޭނެ އުސޫލުތަކެއް ހުރި އިރު އެނޫން ގޮތްތަކަކީ ކުށް ކަމަށް ކަނޑައަޅާފައިވެ އެވެ. އެއާ އެކު އެ ކުށްތަކަށް ދޭނެ އަދަބުތައް ވެސް އެބަހުއްޓެވެ.
- ގާނޫނުގައިވާ އުސޫލުން ދޭ ހުއްދައެއް ނުނަގައި އެފަދަ ބާވަތްތައް އިމްޕޯޓްކުރާ ފަރާތްތަކާއި އެކްސްޕޯޓް އަދި ރި އެކްސްޕޯޓްކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރު އޮތް އަދަބަކީ 10،000ރ. އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
- އެ ކުށް ތަކުރާރުކުރާ ނަމަ ފުރަތަމަ ކަނޑައެޅި ޖޫރިމަނާ ދެގުނަކޮށް، ޖޫރިމަނާ ބޮޑުކުރެވޭނެ އެވެ.
- އެފަދަ ބާވަތެއް އަމިއްލަ ބޭނުމަށް ގެންގުޅުމާއި ވިއްކުން އަދި ވިއްކަން މަސައްކަތް ކުރުމާއި އާއްމުންނަށް ފެންނަ ތަންތަނުގައި ބެހެއްޓުން ފަދަ ކަމެއް ކުރާ ފަރާތްތައް ފުރަތަމަ ފަހަރު، 5،000.ރ އާއި 500،000.ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
- އެ ގާނޫނުގައި ބައެއް ކުށްތަކަށް އަދަބު ކަނޑައަޅާފައި ނުވާއިރު އެ އިން ކުށެއް ކޮށްފި މީހަކު 1،000.ރ އިން ފެށިގެން 50،000.ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިހްތިޔާރަށް ވަނީ ދޫކޮށްލައިފަ އެވެ.
- އެ ގާނޫނުގައި މަނާކޮށްފައިވާ ކަމެއް، އެހެން ގާނޫނަކުން ޖިނާއީ ކުށަކަށް ވާނަމަ އެ ކުށް ކުރި މީހަކަށް ޖިނާއީ ދައުވާ ވެސް ކުރެވޭނެ އެވެ.
އިއްޔެ ތަސްދީގުކުރި ގާނޫނުގައި، އެ ގާނޫނު ތަންފީޒުކުރާނެ އިދާރާތައް ކަނޑައަޅާފައި ވެ އެވެ. އެއީ "މެނޭޖްމަންޓް އޮތޯރިޓީ" އާއި "ސައިންޓިފިކް އޮތޯރިޓީ" އެވެ. މެނޭޖްމަންޓް އޮތޯރިޓީ އަކީ އެ ގާނޫނު ތަންފީޒުކުރުމަށް ރައީސް ކަނޑައަޅުއްވާ ސަރުކާރުގެ އިދާރާތަކެވެ. ސައިންޓިފިކް އޮތޯރިޓީއަކީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީއާއި މެރިން ރިސާޗް ސެންޓަރު ގުޅިގެން އުފައްދާ އިދާރާ އެކެވެ.














