ގައުމުން ބޭރުގެ މީހުންނާ ކުރާ ކައިވެނި، ނުވަތަ ކްރޮސް-ބޯޑާ ކައިވެނިތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި 402 ކްރޮސް-ބޯޑާ ކައިވެނި ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވެ އެވެ. މި ކައިވެނިތައް ނިސްބަތްވާ ގައުމުތަކުގެ އަދަދު 48 އަށް އަރައެވެ.
މައުލޫމާތު ހޯޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން، ފެމިލީކޯޓުން އަދަދާ ހިއްސާކޮށްފައިވާ މައުލޫމާތުގެ ވަކިވަކި ހިސާބުތަކަށް ބަލާއިރު، 2017 އާއި 2021 އާ ދެމެދު ރާއްޖެއިން ބޭރުގެ މީހުންނާ ކައިވެނިކުރި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިން ހިޔާރުކޮށްފައިވަނީ އަވައްޓެރި ސްރީލަންކާ އިންނެވެ. އެއީ 153 ކައިވެންޏެވެ.
އެންމެ ގިނަ ދިވެހި-ލަންކާ ކައިވެނި ކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. އެއީ 30 ލަންކާ އަންހެނުންނާއި 12 ލަންކާ ފިރިހެނުންނެވެ.
ދެވަނަ އަށް އެންމެ ގިނައިން ދިވެހިން ކައިވެނިކޮށްފައިވަނީ އިންޑިޔާ މީހުންނާ އެވެ. އެއީ ޖުމްލަ 36 ކައިވެންޏެވެ.
ތިންވަނައަށް އެންމެ ގިނައީ ދިވެހި-ފިލިޕީންސް ކައިވެނިތަކެވެ.

ދިވެހިން ބިދޭސީންނާ ކައިވެނި ކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، މި ސަގާފަތް މިހާރު ވަނީ ބަދަލުވެފަ އެވެ. މީގެ ކުރިން ދިވެހިންގެ ތެރެއިން އާންމުކޮށް ބިދޭސީންނާ ކައިވެނި ކުރަނީ އުމުރުން ދުވަސްވީ މީހުން ކަމަށްވީ ނަމަވެސް، މި ފަހަކަށް އައިސް ބިދޭސީންނާ ކައިވެނިކުރާ ދިވެހި ޒުވާނުން ގިނަ އެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން މީގެ ތެރޭގައި ހިމެނެ އެވެ.












