މޯލްޑިވްސް ކަސްޓަމްސް ސާވިސް ހަރުދަނާކޮށް ރާއްޖޭގައި ޑްރަގުގެ މައްސަލަތަކާއި މަނީ ލޯންޑްރިން މައްސަލަތަކަށް އެ އިދާރާ މެދުވެރިކޮށް ހައްލު ހޯދުމަކީ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ އަހަރީ ޖަލްސާގައި ރައީސް ވިދާޅުވީ ކަސްޓަމްސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކަަސްޓަމްސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު އެއީ ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ބައެއް ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ، ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމާއި، މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކަސްޓަމްސްގެ މުވައްޒަފުން މަސަައްކުރަން ޖެހޭނީ ބަދަހިކަމާ އެކު އެއް ޓީމެއްގެ ގޮތުގަ އެވެ. ޒިންމާ އަދާކުރުމުގައި އެންމެ މުވައްޒަފަކު އިހުމާލުވިޔަސް މުޅި މުއައްސަސާ ބޮއްސުންލާނެ ކަމަށް ވެސް ވދާޅުވި އެވެ.
"އޭގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް، ކަސްޓަމްސްގެ ސަރަހައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވާނީ އެހީތެރިކަން ފޯރުކޮށްދީފައި. އަދި، ކަސްޓަމްސް އަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަކުރުމަށްވެސް ސަރުކާރުން މިގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.

ޑްރަގް އެތެރެކޮށް ވިއްކުމާއި މަނީ ލޯންޑާ ކުރުން ފަދަ ކުށްތައް ހުއްޓުވުމަށް ޓަކައި ކަސްޓަމްސް އޮފިސަރުން މަސައްކަތްކުރަނީ ނުރައްކާތަކުގެ ތެރޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކަސްޓަމްސްގެ މުވައްޒަފުންނަކީ މިފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ، މުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަކޮށްދެވިގެން ކަމަށް އަޅުގަނޑު ގަބޫލުކުރަން، ރައީސް ވިދާޅުވި އެވެ.
ކަސްޓަމްސް މުވައްޒަފުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ނެތުން ކަމަށް ވިދާޅުވެ، އެ މައްސަލައަށް ހައްލު ހޯއްދަވައިދެެއްވާނެ ކަމަށް ވެސް މިރޭގެ ރަސްމިއްޔާތުގައި ރައީސް ވައުދުވެވަޑައިގެންނެވި އެވެ.












