މެދުނުކެނޑި މުޅި ރާއްޖެއަށް އިއްޔެ ވަރަށް ބޯކޮށް ވާރޭ ވެހުނުއިރު، އެންމެ ގިނައިން ވާރޭ ވެހުނީ އއ. ތޮއްޑޫއަށް ކަމަށް މޯލްޑިވްސް މިޓިއެރޮލިޖިކަލް ސާވިސް، މެޓް އޮފީހުން ބުނެފި އެވެ.
ވެއެތުވެދިޔަ 24 ގަޑިއިރު ތެރޭގަިއ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ބޯކޮށް ވާރޭވުހުނު ކަމަށް ރިކޯޑު ކުރެވުނީ މެދު ރާއްޖެތެރެ އަށެވެ. އެގޮތުން އއ. ތޮއްޑޫގެ އޮޓަމެޓިކް ވެދާ ސްޓޭޝަނުން 147 މިލިމީޓަރުގެ ވާރޭ ރިކޯޑުކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ތޮއްޑޫގެ އިތުރުން، ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލެ އާއި ކ. ގުރައިދޫގެ އިތުރުން ވ. ރަކީދޫއަށެވެ. ހުޅުލެއަށް އިއްޔެ 139.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ގުރައިދުއަށް 74.2 މިލިމީޓަރު އަދި ރަކީދުއަށް 59.3 މިލިމީޓަރު ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ވެއެތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ރިކޯޑުކުރެވިފައި ވަނީ 2015 ވަނަ އަހަރު ސ. ގަމަށް ކަމަށެވެ. އެގޮތުން ނޮވެމްބަރު 24، 2015 ގައި ގަމަށް 228 މިލިމީޓަރު ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން މައުލޫމާތު ބުނެ އެވެ.













