މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެން ހެދިފައިވާއިރު، މަގުތަކުން ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މާލެ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރުއެސް) އިން ފަށައިގެން ކުރަމުން ގެންދާ ކަމަށެވެ.
މިގޮތުން، މިއަދު ހަވީރު 5:30 އިން ފެށިގެން ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެޖް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ޕަންޕު ބަހައްޓައިގެން ހިއްކުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
އަދި އައިޖީއެމްއެޗް ސަރަހައްދުގައި ވެސް ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެފްއާރުއެސްގެ ސިފައިން ދަނީ ކުރަމުންނެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދަނީ ޖޫން/ޖުލައިގެ ގަދަ ވިއްސާރަ އެވެ. މިދިޔަ މަހާއި މި މަހުވެސް ބޮޑުބައެއް ގޮސްފައި ވަނީ ވިއްސާރަ ކޮށެވެ.

މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑާއި ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.
މިގޮތުން، ސީޕްލޭންގެ ބައެއް ދަތުރުތައް ކެންސަލް ކުރަންޖެހުމާއި ރިސޯޓުތަކަށް ދާން ލޯންޗު ދަތުރުތައް ނުކުރެވި އެއާޕޯޓުގައި ވެސް ގިނަ ޓޫރިސްޓުން ވަނީ ތާށިވެފަ އެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދަށް މިވަގުތު ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ހަވީރު 4:35 އިން ފެށިގެން ރޭގަނޑު 8:45 އަކާ ހަމައަށެވެ.
މެޓުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، 19 މޭލާއި 24 މޭލަށް ވައިގަދަވާނެ ކަމަށް އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މ.އަތޮޅުން ފެށިގެން އައްޑޫ އަށް ވެސް އޮތީ ހުދު އެލާޓް ނެރެފަ އެވެ. ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ކަނޑު ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.












