ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑާއި ވައިގެ ދަތުރުފަތުރަށް ބުރޫއަރައިފި އެވެ.
މިހާރު ރާއްޖެއަށް ކުރަމުން ދަނީ ޖޫން/ޖުލައިގެ ގަދަ ވިއްސާރަ އެވެ. މިދިޔަ މަހާއި މި މަހުވެސް ބޮޑުބައެއް ގޮސްފައި ވަނީ ވިއްސާރަ ކޮށެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު 'ދައުރު'އަށް ވިދާޅުވީ މާލެ ސަރަހައްދަށް ވިއްސާރަ އެންމެ ބޯކޮށްލި ވަގުތު ހަތަރު ފްލައިޓެއް ޑިލޭވި ކަމަށާއި ނަމަވެސް މިހާރު ވިއްސާރަ ތުނިކޮށްލުމުން އަލުން ދަތުރުތައް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ސީޕްލޭންގެ ދަތުރުތައްވެސް ވަނީ ކެންސަލްވެފަ އެވެ.
އަދި ރިސޯޓުތަކަށް ފުރާ ލޯންޗުތަކަށް ނުފުރި ގިނަ ބަޔަކު އެއާޕޯޓުގައި ތާށިވެފައި ތިބި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދަށް މިވަގުތު ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ހަވީރު 4:35 އިން ފެށިގެން ރޭގަނޑު 8:45 އަކާ ހަމައަށެވެ.
މެޓުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، 19 މޭލާއި 24 މޭލަށް ވައިގަދަވާނެ ކަމަށް އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މ.އަތޮޅުން ފެށިގެން އައްޑޫ އަށް ވެސް އޮތީ ހުދު އެލާޓް ނެރެފަ އެވެ. ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ކަނޑު ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.













