ގުއާޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދަށް އަރުވައިފި އެވެ.
އެ ގައުމުގެ ވެރިކަން ކުރާ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިއްޒަތް ޝާހިދަށް އެރުވީ ގުއާޓަމާލާގެ ރައީސް އެވެ.
މިއީ ހާރިޖީ ދާއިރާގައި ކޮށްދެއްވާފައިވާ ހިދުމަތްތަކާއި، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ޝާހިދަށް އެރުވި އިއްޒަތެކެވެ. އަދި، މިއީ އދ. އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި އިއްޒަތެކެވެ.
އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އަކީ 1973 އިން ފެށިގެން ގުއާޓަމާލާގައި ދެމުން އަންނަ އިއްޒަތެކެވެ. މި އިއްޒަތް އެ ޤައުމުން އަރުވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި، ހާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށެވެ.
އެ ނިޝާނުގެ އިއްޒަތް ނިސްބަތްވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.

ގުއާޓަމާލާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ އެގައުމުގެ ރައީސާއި، ފޮރިން މިނިސްޓަރު އަދި ކެބިނެޓުގެ އެހެން މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖީހުގެ ރައީސް އާއި، ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވާފަ އެވެ.













