ރިޕޯޓު1021 ދުވަސް ފަހުން ވިކްޓަރީ އެނބުރި ދަނޑަށް

1021 ދުވަސް ފަހުން ވިކްޓަރީ އެނބުރި ދަނޑަށް

އެފްއޭއެމުން ވިކްޓަރީ ސަސްޕެންޑްކުރީ 2019، ޑިސެމްބަރު 12 ވަނަ ދުވަހު، ވިކްޓަރީގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެފްއޭއެމް ކޮންގްރެސްގައި، މި ފަަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ވިކްޓަރީން އެންމެ ފަހުން ރަސްމީ މެޗެއްގައި ކުޅުނީ މީގެ 1021 ދުވަސް ކުރިން.

ވިކްޓަރީން ރޭ ބޭއްވި ކްލަބްގެ ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ވިކްޓަރީން ރޭ ބޭއްވި ކްލަބްގެ ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެޑްމިނިސްޓްރޭޝަނުގެ މައްސަލަތަކާއި މެޗަށް ހާޒިރުނުވުމުގެ ޖޫރިމަނާ އާއި ކުޅުންތެރިންނަށް މުސާރަނުދީ އޮތް މައްސަލަތަކުގެ ގަދަ ކަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ދިޔައީ ދުވަސްތައް ގުނަމުންނެވެ. އެ ގޮތަށް ކްލަބް، މިސްރާބެއް ނެތި ދަނިކޮށް، 12 ޑިސެމްބަރު 2019 ގައި ފުޓްބޯލް އެސޯސިއޭޝަނުން ނިންމީ ވިކްޓަރީ އަށް ދިން ފަހުގެ އިންޒާރާ އެއްގޮތަށް އެ ކްލަބުން ބޯލަނބާފައިނުވާތީ އެ ޓީމު ސަސްޕެންޑް ކުރާށެވެ.

އެ ހިސާބުން ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު ވިކްޓަރީގެ އަޑުކެނޑިގެންދިޔައީ އެވެ.

ދާދި ފަހަކާ ޖެހެންދެން ވިކްޓަރީ އޮތީ، ނުމެކެވި ނުމެ ދިރި އެެވެ. އެކަމަކު، ކުރިން ވިކްޓަރީ އަށް އެކި ކުޅިވަރުތަކުގައި ކުޅުނު ފަރާތްތަކެއް އިސްވެ ތިބެ، 51 އަހަރުވީ ވިކްޓަރީގެ ހަރަކާތްތައް މިހާރު މި ވަނީ ފަށައިފަ އެވެ.

މިދިޔަ އޭޕްރީލް މަހު 29 ވަނަ ދުވަހު، ވިކްޓަރީގެ އާ ބޯޑެއް އިންތިހާބުކޮށް، ޒަމާނީ މޮޑެލަށް ކްލަބް ހިންގާނެ ކަމަށް ބުނެ، މިވީ މުއްދަތުގެ ތެރޭގައި ދަރަނިތައް އަދާކޮށް، އަލުން ކްލަބްގެ ހަރަކާތްތައް ހިންގަން ފަށައިފަ އެވެ.

ވިކްޓަރީން ދަރަނިތައް އަދާކުރުމާ އެކު، އެފްއޭއެމުން އެ ކްލަބްގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހު ހަ ވަނަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި ބައިވެރިވި މެމްބަރު ކްލަބްތަކުގެ ތާއީދާ އެކުގަ އެވެ. އެއީ އެންމެ ފުރަތަމަ އެފްއޭއެމުން ވިކްޓަރީ ސަސްޕެންޑް ކުރިތާ 982 ދުވަސް ފަހުންނެވެ.

ވިކްޓަރީން އޭޕްރީލް 29 ވަނަ ދުވަހުގެރޭ ކަލާފާނު ސްކޫލްގައި ބޭއްވި ކްލަބްގެ އިންތިހާބުގެ ތެރެއިން: ޗެއާމަން އާދަމްބެ (ކ) ބޯޑު މެމްބަރު، އަލީ ނިޔާޒު (ކ.2)، ނައިބު ރައީސް ޖީކޭ ލަތީފް (ވ.2) އަދި ބޯޑް މެމްބަރު ސައްޕޭ (ވ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދަރަނި ނުދައްކާތީ އާއި މައްސަލަތަކަށް ހައްލެއް ނުގެންނާތީ މިދިޔަ ދެ އަހަރު އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބްތަކުގެ ތާއީދާ އެކު ވިކްޓަރީ އާއި ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ވަނީ ދަމަހައްޓައިފަ އެވެ. އެކަމަކު، ދަރަނި ހަލާސްކުރުމުން ސަސްޕެންޝަން ދަމަހައްޓާނެ އުސޫލެއް ނެތި ކްލަބް ކުރިއަށްދާން ފުރުސަތު ފަހިވީ އެވެ.

ވިކްޓަރީގެ ތާރީހުގައި ނިމިދިޔަ 10 އަހަރު: ހިންގާ ބޯޑު އައުމާއި ނިމިދިއުމުގެ ޑެކޭޑެއް

މިދިޔަ 14 ވަރަކަށް އަހަރަށް ބަލާއިރު، ވިކްޓަރީ އަކީ ހިންގާ ބޯޑު އެންމެ ގިނައިން ބަދަލުވި އެއް ކްލަބް އެވެ. އެ ގޮތުން 2009 ވަނަ އަހަރު، ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް، ކްލަބްގެ ޗެއާޕާސަަނަކަށް އިންތިހާބު ވެވަޑައިގެން، ބޮޑެތި އަގުތަކުގައި ކުޅުންތެރިންތަކެއް ގެނެސް، ބޮޑު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ތިން އަހަރު ފަހުން ފެނުނީ ބޯޑު ބަދަލުވިތަނެވެ.

ދެން، ވިކްޓަރީއާ ހަވާލުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އީވާ އަބްދުﷲ އެވެ. ވިކްޓަރީގެ އިސް ފަރާތްތަކެއްގެ އާއިލާ އަކަށް ނިސްބަތްވެވަޑައިގަންނަވާ އީވާގެ ލީޑަޝިޕްގައި 2012 ވަނަ އަހަރުން ފެށިގެން ބަދަލުތަކެއްގެ މަލަމަތި ވިކްޓަރީން ފެނުނު ނަމަވެސް ތިން އަހަރު ވެސް ނުވަނީސް އެކަން ވެސް ނިމުނީ އެވެ. އެރި ވަރަށް ވުރެ ފަހަތަށް، ވިކްޓަރީ ވެއްޓުނީ އަނެއްކާ ވެސް އަޑިގަނޑަކަށެވެ.

އޭގެ ފަހުން، ވިކްޓަރީއާ ހަވާލުވި، ޗެއާޕާސަނުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު އައްސަދު، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރުކަން ކުރެއްވި މުހައްމަދު އިސްމާއިލް އަދި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތައް މީގެ ކުރިން ފުރުއްވި، އިބްރާހިމް ނަޒީމް ހިމެނިވަޑައިގަންނަވަ އެވެ.

މި ހުރިހާ ފަރާތަތަކުން ކްލަބް ހިންގުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ފާހަގަކޮށް، 2018 ވަަނަ އަހަރުގެ ޑިސެމްބަރު މަހު 22 ވަނަ ދުވަހު ވިކްޓަރީގެ ޗެއާޕާސަން ކަމަށް އިންތިހާބުވި ޑރ. އިބްރާހިމް ނާޝިދު (ނާޝް)، ދައުރުގެ ތިން އަހަރު ފުރިހަމަވިތާ ދެ މަސް ފަހުން އިސްތިއުފާ ދިންއިރު، ކްލަބް އޮތީ ސަސްޕެންޝަނެއްގަ އެވެ.

ވިކްޓަރީން މިދިޔަ އޭޕްރީލް މަހު ފަހު ކޮޅުގައި، ކުރިން އެ ޓީމަށް ކުޅުއްވި ސީދާ ގަލޮޅަށް ނިސްބަތްވާ، ހުސެއިން އާދަމް (އާދަމްބެ) އެ ޓީމުގެ ޗެއާމަން އަށް ހަމަޖެއްސިއިރު، އޭނާ އަކީ މި ވަގުތު މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ ފަރާތެވެ.

ވިކްޓަރީގެ ކޯޗަކަށް ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ ހަމަޖެއްސުމަށް ބޭއްވި އިވެންޓްގައި، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމްބެ ފާހަގަކުރެއްވީ ވިކްޓަރީގައި ކުޅިވަރުން ބޭރުގެ އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ.

ވިކްޓަރީގެ ބޯޑު މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ކުރިން ވިކްޓަރީ އަށް ކްރިކެޓް ކުޅުއްވައި، ބޯޑު މެމްބަރުކަން ވެސް ކުރެއްވި، އަލީ ނިޔާޒް ރޭ ވިކްޓަރީގެ ޖޯޒީ ހަވާލުކުރުމުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ވެސް ދެއްވި ޔަގީންކަމަކީ، ވިކްޓަރީގައި ފުޓްބޯޅަ ނޫނީ ކުޅިވަރުން ބޭރުން ހާސިލްކުރަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"މިއީ އެހެން އެއްވެސް މަގުސަދެއް އޮވެގެން އަޅުގަނޑުމެން ކުރާ މަސައްކަތެއް ނޫން. އަޅުގަނޑު މި ހުރި މަގާމު (މަޖިލީސް މެމްބަރެއްގެ ހައިސިއްޔަތުން)ގެ ގޮތުން ލިބޭ ނުފޫޒާއި ބާރުގެ ސަބަބުން ކަމެއް ކުރާކަށް ވެސް ނޫން، މި އުޅެނީކީ، އަޅުގަނޑު މި އުޅެނީ ވިކްޓަރީ އަށް ދިވެހި ކުޅިވަރަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ ނިޔަތުގައި އެ ބޭނުމުގައި ކުރާ ކަމެއް،" އަލީ ނިޔާޒް ވިދާޅުވި އެވެ.

ވިކްޓަރީން އަލުން އެ ކްލަބްގެ ހަރަކާތްތައް ހިނގަން ފެށި މި ކުރު މުއްދަތުގެ ތެރޭގައިވަނީ އަށް ލައްކައެއްހާ ރުފިޔާގެ ދަރަނި ދައްކައިފަ އެވެ. ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ފެންވަރު ރަނގަޅު ޓީމެއް އެކުލަވާލައި، އެ ޓީމު ގޮވައިގެން ފުރަތަމަ ޑިވިޝަނަށް އެރުމުގެ ތައްޔާރީތަކެއްގެ ގޮތުން، ޅ. ހިންނަވަރުގައި 10 ދުވަހުގެ ކޭމްޕެއް ވެސް ޖެހި އެވެ.

ވިކްޓަރީގެ ބޯޑުން ދެކޭގޮތުގައި އެ ކްލަބް އޮތީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން "ތައްޔާރުވެފަ" އެވެ.

ވިކްޓަރީ ދެ ވަނަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު، ގަލޮޅު ދަނޑުގައި ކުޅޭނީ ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ވިކްޓަރީން އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން: ދެ ވަަނަ ޑިވިޝަނުގައި ވިކްޓަރީން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބީޖީ ސްޕޯޓްސް ކްލަބާ ބައްދަލުކުރާނެ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން ވިކްޓަރީ ބަލިވި ދުވަހުގެ ފަހުން، މިވީ 1021 ދުވަސް ތެރޭ ވިކްޓަރީން ރަސްމީ މެޗެއްގައި ނުކުންނަ ފުރަތަމަ ފަހަރެވެ.

ވިކްޓަރީގެ ސަޕޯޓަރުން ދަނޑަށް ވަންނާނެތަ؟

ވިކްޓަރީ ސަސްޕެންޑްވުމުގެ ކުރިން އެ ކްލަބް އެންމެ ފަހުން ކުޅުނު ދެ ސީޒަނުގެ ތެރޭގައި ޖުމްލަ ހަ މެޗު ދަނޑަށް ހާޒިރުނުވެގެން ވަނީ ގެއްލިފަ އެވެ. ވިކްޓަރީ ދަނޑަށް ހާޒިރުނުވާތީ، އިދިކޮޅު ޓީމަށް މެޗު ލިބޭއިރު، އެ މެޗުތަކުގެ ހަބަރުތައް ނޫސްތަކުން ގެނައުމާ އެކު ވިކްޓަރީގެ ސަޕޯޓަރުންގެ ޝުއޫރުތައް ބަނޑުންކޮށްލަ އެވެ. އޭގެ ތެރޭގައި ގަވާއިދުން ވިކްޓަރީގެ މެޗުތައް ބަލަން ދަނޑަށް ދާ ފަރާތްތައް ވެސް ހިމެނެ އެވެ.

ޔަގީނުން ވެސް މިދިޔަ އަހަރުތަކުގައި ދިވެހި ފުޓްބޯޅަ މަތިން ގިނަ ބަޔަކު ފޫހިވި އެއް ސަބަބަކީ ޒަމާންވީ ފުޓްބޯޅައިގެ ތާރީހީ ކްލަބްތައް ހިންގަން އައި ފަރާތްތަކުން ކްލަބް މަގުމަތިކޮށްލާ އުސޫލުން އަމަލުކޮށްފައި ހުރުމުންނެވެ. ކޮންމެ ބަޔެއް ވެސް ކްލަބްގެ މަސައްކަތް ނިމިދާއިރު، އޮންނަނީ އޭގެ ކުރިން ތިބި ބަޔަކަށް ނޫނީ އޭރު އެކި ޒިންމާތަކާ ހަވާލުވެ ތިބި ބަޔަކަށް ތުހުމަތުތަކެއްގެ އިނގިލި ދިއްކޮށްފަ އެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ވަކިވަކި ފަރުދުންގެ ބަދަލުގައި ވެއްޓެނީ ކްލަބްގެ އަގެވެ. ކިލަނބުވަނީ މުއްސަނދި ތާރީހެއް ގުޅިފައި އޮތް ކްލަބްގެ ނަމެވެ.

"މިހާރު މި އައި ވިކްޓަރީގެ މެނޭޖްމަންޓުން ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފި. އެކަމަކު، ސުވާލަކީ އެ މަސައްކަތް ދެމެހެއްޓުން، ފުރަތަމަ ޑިވިޝަނަށް އަރަން ކުރާ މަަސައްކަތުގައި ބައިވެރިވާން ބޭނުން، އެކަމަކު، މީގެ ބަލަން ޖެހޭ ފުރަތަމަ ޑިވިޝަނަށް ނޭރިއްޖިއްޔާ ދެން ވާނެ ގޮތެއް ވެސް،" ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 10 އަހަރު ދުވަސް ވަންދެން ގަވާއިދުން ކޮންމެ ސީޒަނެއްގައި ވިކްޓަރީގެ ގިނަ މެޗުތަކެއް ބަލަން ދިޔަ އެ ކްލަބްގެ ސަޕޯޓަރަކު "އަދަދު" އަށް އޭނާގެ ޝުއޫރު ފާޅުކުރި އެވެ.

"(ވިކްޓަރީގެ) މެޗު ބަލަން ދާނަން. އެކަމަކު، މިހާރު ރާއްޖޭގެ މާހައުލު މި އޮތް ގޮތުން، ވިކްޓަރީ އާއި ނިއު އެނބުރި އަޔަސް، ކުރިން ދަނޑަށް މީހުން ދިޔަ ވަރަކަށް ނުދާނެ. ފުޓްބޯޅަ އަށް ވެސް، ޖުމްލަކޮށް ކުޅިވަރަށް ވެސް އާންމުންގެ އިތުބާރު ހޯދަން ޖެހޭ ކަންކަމަށް ފޯކަސް ކުރަންޖެހޭ،"

ރާއްޖޭގެ ކުޅިވަރުގައި ވިކްޓަރީ އަކީ ހަމައެކަނި ފުޓްބޯޅައިގެ ނަމެއް ނޫނެވެ. ހުރިހާ ކުޅިވަރެއްގެ މަތީ ފަންތީގައި ވާދަކޮށް، ގައުމީ ތަށިތައް ހޯދި ކާމިޔާބު ކްލަބެކެވެ. ވިކްޓަރީ، ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު، ފުޓްބޯޅައިން ސަސްޕެންޝަނެއްގައި އޮވެފައި، އެނބުރި އަންނައިރު، އެ ކްލަބް ކުރިން އޮތް ލެވަލަށް ދާން ކުރަން ޖެހޭ މަސައްކަތް އޮތީ ޓީމުގެ ނަތީޖާ އެކޭ އެއްވަރަށް ކްލަބްގެ ސަޕޯޓަރުންގެ އިތުބާރު ހޯދުމާ ވެސް ގުޅިފަ އެވެ.

އައްޒާމް އަލިފުޅު

ސްޕޯޓްސް އެޑިޓަރ

އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ހަތަރު ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox