އިސްތަންބޫލް، ތުރުކީ (ޖުލައި 14) - ތުރުކީގެ މަޝްހޫރު ކްލަބް، ފެނަބާޗޭ އިން ކޮންޓްރެކްޓް އުވާލި ޖަރުމަނުގެ މިޑްފީލްޑަރު، މެސުޓް އޮޒިލް, އިސްތަންބޫލް ބަސަކްޝެހީރަށް ސޮއިކުރަން ނިންމައިފި އެވެ.
މިދިޔަ ބުދަ ދުވަހު ފެނަބާޗޭ އިން އޮޒިލް، 33، ގެ ކޮންޓްރެކްޓް އުވާލީ ބާކީ ތިން އަހަރެއްހާ ދުވަސް އޮއްވަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޮޒިލް އާސެނަލް ދޫކޮށް، ފެނަބާޗޭއާ ގުޅުނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އެކަމަކު، ކުއްލި ގޮތަކަށް މިދިޔަ ބުދަ ދުވަހު ފެނަބާޗޭ އިން ވަނީ އޮޒިލް، އެ ކްލަބް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. އެއީ މަސްލަހަތަށް ބަލާއިރު ދެ ފަރާތަށް އެންމެ ރަނގަޅު ގޮތް ކަމަށް ބުނެ އެވެ.
މިދިޔަ މާޗް މަހު އެންމެ ފަހުން ފެނަބާޗޭގެ މެޗަކުން ފެނުނު އޮޒިލް ވަނީ ޖުމްލަ އެކު އެ ޓީމަށް 36 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުގައި ނުވަ ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
ތުރުކީ އާއި ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮޒިލް މިހާރު ނިންމާފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ތުރުކީ ސުޕަ ލީގުގެ ޓީމު، އިސްތަންބޫލް ބަަސަކްޝެހީރަށް ބަދަލުވާށެވެ. އެ ކޮންޓްރެކްޓްގައި އިސްތަންބޫލް ބަސަކްޝެހީރުން ބޭނުންނަމަ އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށް ހިމަނާނެ އެވެ.
ޖަރުމަނުގެ ޝާލްކާ އިން 2006 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އޮޒިލް ދެން ބަދަލުވީ ވާޑާ ބްރެމެން އަށެވެ. އެ ޓީމަށް 2008 އިން 2010 ވަނަ އަހަރާ ހަމައަށް ކުޅުނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ހިމެނި އޮޒިލް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލް މެޑްރިޑުން އޮޒިލްގެ ސޮއި ހޯދި އެވެ. އެ ޓީމަށް ކުޅެދިން ތިން އަހަރު ތެރޭގައި އޮޒިލް ވެފައިވަނީ ޔޫރަޕްގެ އެންމެ ނުފޫޒުގަދަ މިޑްފީލްޑަރުންގެ ތެރޭގަ އެވެ.
އޮޒިލް އާސެނަލަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެއީ 42.3 މިލިއަން ޕައުންޑު (50 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އާސެނަލްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު، އާސެން ވެންގާއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރި އޮޒިލް އަށް އާސެނަލަށް ފަހުން ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ އުނާއި އެމެރީ އާއި މިހާރުގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ.
އޮޒިލް އާސެނަލް ދޫކޮށްލިއިރު އޭނާ އެ ޓީމާ އެކު ހޯދި ކާމިޔާބީ އަކީ ތިން އެފްއޭ ކަޕް އެވެ.
ޖަރުމަނު ގައުމީ ޓީމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅަށް ކުޅުނު އޮޒިލް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނު ޓީމުން ރިޓަޔާކުރީ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.
ފާއިތުވި ފަސް އަހަރު އޮޒިލް ގިނަ މައްސަލަތަކެއްގެ ތެރޭގައި
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފެށުމުގެ އެއް މަސް ކުރިން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު އޮޒިލާއި އިލްކާއި ގުންޑޮގާން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
ގުންޑޮގާން އާއި އޮޒިލް ޖަރުމަނު ގައުމީ ޓީމަށް ކުޅުނު ނަމަވެސް މި ދެ ކުޅުންތެރިންނަކީ ތުރުކީ އަށް އުފަން ދެ ކުޅުންތެރިންނެވެ. އެ ފޮޓޯއާ ގުޅިގެން ޖަރުމަނު މީޑިއާ އިން ވަނީ އުރުދުގާނުގެ ކެމްޕޭނުގައި އޮޒިލާއި ގުންޑޮގާން ބައިވެރިވީ ކަމަށް ބުނެ، އޮޒިލް އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެއާ އެކު ޖަރުމަނުގެ ސިޔާސީ ފަރާތްތަކުގެ ޕްރެޝަރު ބޮޑުވެ، އޮޒިލް އެންމެ ފަހުން ނިންމީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށެވެ.
އާސެނަލުން އޮޒިލްގެ ކޮންޓްރެކްޓް އުވާލުމުގެ ފަހަތުގައި ވެސް ގިނަ ކަންތައްތަކެއް ހިނގި އެވެ.
އެ ގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގެ މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެ ކަމަށް ފާޑުކިޔައިފަ އެވެ. އެކަމުގައި އާސެނަލުން ވަނީ އޮޒިލް ކުރި ކަންތައް ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެ ކަމާ މެދު އޮޒިލްގެ ހިތްހަމަނުޖެހުން ބޮޑުވި އެެެވެ.
އޭގެ ފަހުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހު އޮޒިލް ވަނީ މީޑިއާގައި ދެއްކި ވާހަކައިގައި އުއިގޫރް ކަންތައްތަކުގައި އާސެނަލުން އޭނާ ދިފާއުކުރަން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ އެމެރިކާގެ ކަޅު ނަސްލު މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން ބްލެކް ލައިވްސް މެޓާ ކެމްޕެއިން ހިންގުމުގައި އާސެނަލުން ސަޕޯޓް ދިން ގޮތަށް އުއިގޫރްގެ މުސްލިމުންގެ ދިފާއުގައި ވެސް ބަސް ބުނެވެން ވާނެ ކަމަށެވެ. އާސެނަލްގައި އޮޒިލްގެ އެންމެ ފަހު ދުވަސްތައް ހޭދަކުރަން ޖެހުނީ މެޗެއް ވެސް ކުޅެލަން ނުލިބި އެވެ.












