މި އަހަރުގެ ހައްޖު އަޅުކަމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު، މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ސޯލިހު މިރޭ ރާއްޖެ ވަޑައިގެންނެވިއިރު, ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ހިމާޔަތް ދިނުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާތީ, އެކަމުގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑުވެފަ އެވެ. ގޮތަބަޔަ ރާއްޖެ އެތެރެވާން ހުއްދަ ދިން ގޮތާމެދު ސަރުކާރުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
ރައީސްގެ ދެ ކަނބަލުންގެ ހައްޖަށް ވަޑައިގެންނެވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށް މި މަހުގެ ހަތަރުވަނަ ދުވަހު އެވެ.
މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދިޔަ ފުރަތަމަ ފަހަރެވެ. ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އަދި މިދިޔަ އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ހައްޖުވެރިން ގޮސްފައި ނުވެ އެވެ.
ތިން ގުރޫޕަކުން ހައްޖަށް ދިޔައިރު އެންމެ ފަހުން ރާއްޖެއިން ދިޔަ ހައްޖުވެރިންނާ ރައީސް ސޯލިހު ވަނީ އެއާޕޯޓުން ބައްދަލުކުރައްވައިފަ އެވެ.

މި އަހަރު ރާއްޖޭގެ އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. އަނެއް 100 ކޯޓާ އާންމުކޮށް ހުޅުވާލީ އެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީ ވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. އަމިއްލަ ކުންފުނިތަކަށް އެހެން ފަހަރުތަކުގައި ފުރުސަތު ދިނަސް މި ފަހަރު ފުރުސަތެއް ނުދެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މި ފަހަރު އެ ކަމަށް ހުޅުވާލައި ފުރުސަތު ދޭން ވަގުތު ނުލިބޭ ކަމަށެވެ. ކޯޓާ ކަނޑައެޅުމަށް ފަހު ސައުދީ ސަރުކާރުން އެންގީ ހައްޖުގެ އަޅުކަމަށް ގާތްގަނޑަކަށް މަސް ދުވަސް ވެފައިވަނިކޮށެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފުރަތަމަ ފްލައިޓް އޮތީ ޖުލައި މަހުގެ 20 ވަނަ ދުވަހުގަ އެވެ. ދެވަނަ ފްލައިޓް އޮތީ ޖުލައި މަހުގެ 23 ވަނަ ދުވަހުގަ އެވެ. އަދި ފަހު ފްލައިޓް އޮތީ މި މަހުގެ 27 ވަނަ ދުވަހުގަ އެވެ.













