ގައުމީ ކްރިކެޓް ޓީމަށް 15 އަށް ވުރެން އަހަރު ކުޅެދިން އަހުމަދު ހަސަން (އައްމަޑޭ)، ބައިނަލްއަގުވާމީ ކްރިކެޓުން (ގައުމީ ޓީމުން) ރިޓަޔާކޮށްފި އެވެ.
އައްމަޑޭ، 33، އިންޓަނޭޝަނަލް ކްރިކެޓް، ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކުރީ މިއަދު ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން މެލޭޝިއާގައި ކުރިއަށްދިޔަ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ކުޅުނު ފަހު މެޗަށް ފަހު އެވެ.
ކުއަޑްރަންގިއުލާ ސީރީސްގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި މިއަދު މެލޭޝިއާއާ ދެކޮޅަށް ކުޅުނުއިރު، އެ މެޗަށް ފަހު އައްމަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރި އެވެ. އެ އަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ އައްމަޑޭގެ ގައުމީ ހިދުމަތުގެ އަގުވަޒަންކޮށް ގާޑް އޮފް އޮނާއެއް އަރުވައިފަ އެވެ. އައްމަޑޭ އަކީ މި ވަގުތު ޓީމުގައި ހުރި އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ.
ކްރިކެޓް ބޯޑުން ހޮވި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައްމަޑޭ، އަކީ ބެޓްސްމަނެއްގެ އިތުރުން ކުޅަދާނަ އޮފްސްޕިނަރެއް ވެސް މެ އެވެ. ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމާއި ގައުމީ ސްކޮޑުގައި ހިމެނޭ ޑިސިޕްލިން ކުޅުންތެރިންގެ ތެރޭގައި އައްމަޑޭ ހިމެނެ އެވެ.
އައްމަޑޭ ވަނީ 2015 ވަަނަ އަހަރުގެ ފަހުން ގައުމީ ޓީމުގެ މެޗުތަކުގައި ޖުމްލަ އެކު 408 ލަނޑު ހަދައި، 18 ވިކެޓް ނަގައިފަ އެވެ.

މިދިޔަ އަހަރު ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ) އައްމަޑޭ (ވ) އަށް ގައުމީ ޖޯޒީ ހަވާލުކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ރިޓަޔާމެންޓް އިއުލާނުކުރުމަށް ފަހު މީޑިއާއާ ވާހަަކަ ދައްކަމުން އައްމަޑޭ ބުނީ ހަޔާތުގައި ހުސްކޮށް ލިބުނު ގިނަ ވަގުތުތައް ހޭދަކުރީ ކްރިކެޓް ކުޅުމުގައި ކަމަށެވެ. އަދި ގައުމީ ޖޯޒީގައި އެންމެ ފަހު މެޗުގައި ގައުމީ ކުޅުންތެރިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އައްމަޑޭ ބުނެފައިވެ އެވެ.
އައްމަޑޭ ބޭނުންވީ ގައުމީ ޖޯޒީގައި ކުޅުނު ފަހު މެޗުގައި މޮޅަކާ އެކު ނިންމާލުމަށެވެ. އެކަމަކު، މިއަދު މެލޭޝިއާއާ ދެކޮޅަށް 94 ލަނޑުން ރާއްޖެ ބަލިވުމުން އެންމެ ބޭނުންވި ގޮތަށް ހުރިހާ ކަމެއް ނުދިޔަކަން އައްމަޑޭ ފާހަގަކުރި އެވެ.
އައްމަޑޭ އަކީ ކްރިކެޓްގެ ސްކޫލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން 2000 ގެ ކުރީކޮޅުގައި ފާހަގަވި ކުޅުންތެރިއެކެވެ. އޭނާ އަށް އެންމެ ފުރަތަމަ ދުވަހު ކޯޗުކޮށްދިން، އިމާދު އިސްމާއިލް މި ފަހަރު ވެސް ގައުމީ ޓީމުގެ ކޯޗިން ޓީމުގައި ހިމެނެ އެވެ.
އިމާދު ބުނީ ކްރިކެޓް އާއިލާ އަކަށް ނިސްބަތް ނުވެ، ކުޅުމުގެ ތެރެއަށް އައިސް ކުޅެވެން އޮތް ހުރިހާ އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެ، އައްމަޑޭ ކްރިކެޓްގައި ހޯދި ކާމިޔާބީތަކަކީ ފާހަަކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ކިޔެވުމާއި ވަޒީފާގެ ކަންކަން ކުރަމުން ވެސް އޭނަ (އައްމަޑޭ) ކްރިކެޓަށް އެ ބެހެއްޓި ހާއްސަ ޝައުގުވެރިކަން، ފަރުވާތެރިކަން، އެއީ އަންނަން އޮތް ޖީލުތަކުން ފިލާވަޅު ނަގަން ޖެހޭ ކަމެއް،" އިމާދު ބުންޏެވެ.
ކްރިކެޓް ބޯޑުން ވެސް ވަނީ އައްމަޑޭ ގައުމީ ޓީމަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރާ ކަމަށް ބުނެފަ އެވެ.












