މިސަރުކާރުން ސްކޫލްތަކުގެ ދަރިވަރުންނަށް ފަށާފައިވާ ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ހަމައެކަނި ނާސްތާ ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރުމުން، އެ ޕްރޮގްރާމަށް ކުރާ ހަރަދު އެތައް ގުނައެއް ކުޑަވެއްޖެ އެވެ.
ގިނަ ސްކޫލްތަކެއްގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ވިޔަފާރި އުސޫލުން ފެށި ނާސްތާ ޕްރޮގްރާމްގެ އިސްރާފު ބޮޑުކަމުގެ ޝަކުވާތައް ގިނަވެފައިވަނިކޮށް، ކޮވިޑުގެ ސަބަބުން 2020 އަހަރު ޖޫނަ މަހު މެދުކަނޑާލި އެވެ.
ނަމަވެސް އެ ޕްރޮގްރާމް މިދިޔަ އަހަރު އަލުން ފަށައި، ހެނދުނުގެ ނާސްތާ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް މިނިސްޓްރީން ވަނީ މި އަހަރުގެ މިހާތަނަށް ނާސްތާ ދީފަ އެވެ.
ނާސްތާ ޕްރޮގްރާމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީން "އަދަދު"އަށް ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، ކޮންމެހެން ނާސްތާ ބޭނުންވާ ދަރިވަރުން ތިބި ސްކޫލުތައް ދެނެގަނެ އެސްކޫލުތަކަށް މިހާރުވެސް އަންނަނީ ހެނދުނުގެ ނާސްތާ ފޯރުކޮށްދެމުންނެވެ.
އެގޮތުން 24 ސްކޫލަކުން 400 އަށްވުރެ ގިނަ ދަރިވަރުން ތިބި ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮވިޑާ ގުޅިގެން ނާސްތާ ޕްރޮގްރާމް ހުއްޓާލި ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ނާސްތާ ފޯރުކޮށްދިނުމަށް 709،920ރ. ހަރަދު ވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ 2019ގަ އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް ފެށީ އެ އަހަރުގެ ޖުލައި މަހު އެވެ.
އެ ޕްރޮގަރާމް ފެށިއިރު 213 ސްކޫލެއްގެ 46,259 ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރިވި އެެވެ. އެ އަހަރު ނާސްތާ ޕްރޮގްރާމަށް ކަނޑައެޅި ބަޖެޓު ކުޑަވެ ދެ ފަހަރެއްގެ މަތިން ބަޖެޓަށް އިތުރު ކުރި އެވެ. އެގޮތުން ފަހުން އިތުރު ކުރި 34 މިލިއަން ރުފިޔާއާ އެކު އެ އަހަރު ނާސްތާ ޕްރޮގްރާމަށް ވަނީ 184 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ.
ސްކޫލުގައި ނާސްތާ ދިނުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 135 މިލިއަން ރުފިޔާ އެވެ.













