ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް ސިޓީއާ އެވެ. މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ސިޓީއާ ދެކޮޅަށް ސިފައިން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެކަމަކު، މިރޭގެ ފައިނަލުގައި އެކަން ބަދަލުކޮށް ސިޓީގެ މައްޗަށް ކުރިހޯދަން ސިފައިން ބޭނުންވާނެ ހާއްސަ ދެ ސަބަބެއް އެބައޮތެވެ.
އެންމެ ފަހުން ގައުމީ މުބާރާތް ބޭއްވީ 2020 ވަނަ އަހަރު ކުރީކޮޅުގަ އެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ޕޮލިސް ބަލިކޮށް ސިފައިންނެވެ. އެހެންކަމުން، މިރޭގެ ފައިނަލުގައި ގައުމީ ތަށި ދިފާއުކޮށްފިނަމަ ސިފައިންނަށް އަންނަ އަހަރު މުބާރާތް މިލްކުކުރަން ފުރުސަތު ލިބޭނެ އެވެ.
ދެން، ސިފައިންނަށް މި ފަހަރުގެ ފައިނަލް ހާއްސަވަނީ ސިޓީ މިރޭ މޮޅުވެއްޖެނަމަ ސިފައިން އަތުގައި އޮތް ރެކޯޑަކާ ހަމަކުރާނެތީ އެވެ. ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރުމުގެ ރެކޯޑް ސިފައިން ހެދީ 2010 ވަނަ އަހަރު އެވެ. ސިޓީން ވަނީ މި ފަހަރުގެ އެސޯސިއޭޝަން ކަޕާއި ލީގު ކާމިޔާބުކޮށްފަ އެވެ. ސީޒަން ކާމިޔާބުކޮށް ސިޓީން ސިފައިންގެ ރެކޯޑާ ހަމަކުރަން މަދުވަނީ މިރޭގެ ގައުމީ ތަށްޓެވެ.
ފުރަތަމަ ސެމީގައި ސިފައިން ވަނީ ތިން ސެޓުން ސިޓީ އަތުން ބަލިވެފަ އެވެ. ސިފައިން ފައިނަލަށް ދަތުރުކުރީ ތިން ވަނަ ސެމީގައި 3-1 ސެޓުން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. ސިފައިންގެ ކޯޗު ޖުނައިދު އަބްދުﷲ، އެ މެޗަށް ފަހު ބުނީ އަސްލު ސިފައިންގެ ފެންވަރުގައި ކުޅެވުނީ ޕޮލިހާ ދެކޮޅަށް ތިން ވަނަ ސެމީ މެޗުގައި ކަމަށާއި އެ ވަރަށް ކުޅެފިނަމަ ފައިނަލް މެޗުން މޮޅުވެވޭނެ ކަމަށެވެ.
ސިފައިންނަށް މި ސީޒަނުގައި ސިޓީ ބަލިކުރެވިފައި ނުވެ އެވެ. ފައިނަލްގައި އެކަން ކުރެވިދާނެތޯ އެހުމުން ޖުނައިދު ބުނީ ބޭނުންވަނީ ސިފައިން ޖޯޝާ އެކު ނުކުމެ ހިތްވަރު އެލުވާނުލައި ކުޅުން ކަމަށެވެ.
"އެއީ ފައިނަލް ވަރަށް ތަފާތު ވާނެ، ޕްރެޝަރު އިންނާނެ، އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ޕްރެޝަރު އިންނާނީ އެ ކޮޅަށް (ސިޓީ އަށް) މިހާރު، މުޅި ސީޒަން ކާމިޔާބު ކުރުމުގެ ޕްރެޝަރު އެއީ، އަޅުގަނޑުމެންނަކަށް މި ވަގުުތު އެ ޕްރެޝަރެއް ނެތް، ތިން ވަނަ ސެމީގައި ޖެއްސި ވަރަށް ޖައްސައިފިއްޔާ ފައިނަލް ކާމިޔާބުވާނެ،" ޖުނައިދު ބުންޏެވެ.
ސިޓީން ސިފައިންގެ ރެކޯޑަކާ ހަމަކުރަން މަސައްކަތް ކުރާއިރު، އެކަން އެ ގޮތަށް ވިޔަ ނުދޭން ސިފައިން ނުކުންނާނީ އެ ޓީމަށް ވެސް ކާމިޔާބެއްގެ މަގުކޮށެއް އޮތް ފުރުސަތުގެ ބޭނުން ހިފާށެވެ.
"އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ހިތްވަރެއް މީތި ކާމިޔާބުކުރަން އެއީ މި ފަހަރު ހޯދައިފިއްޔާ އަނެއްކާ (ގައުމީ މުބާރާތް) މިލްކްކުރުމުގެ ފުރުސަތު ލިބޭނެ. އެ އިންނާނެ އަހަރެމެންނަށް، އެއީ ޕްލަސް ޕޮއިންޓެއް، ދެން، ސިޓީ ބޭނުންވާނެ މުޅި ސީޒަން ނެގުމަށް، އެ ޕްރެޝަރު އެ މީހުންނަށް އިންނާނެ، ސިޓީ އަކީ ދެރަ ޓީމެއް ހުރިހާ ޑިޕާޓްމަންޓެއް ވެސް ވަރުގަދަ،" ޖުނައިދު ބުންޏެވެ.
ސިފައިންނާއި ސިޓީ އަޅާކިޔާއިރު، ބެންޗާ އެއްކޮށް ބަލާނަމަ ވަރުގަދަކޮށް އޮތީ ސިޓީ ކަމަށް، ޖުނައިދު ވަނީ ބުނެފަ އެވެ. އަދި އަމުދުން ގައުމީ މުބާރާތަށް، ސިޓީން ގުޑީސްގެ އަލީ އާމިރު (ދިގު އައްޔަ)، ހަސަން ނިލާމް (ޕާޓޭ) އަދި ހުސެއިން ވިޝާމް (ބުޅިކެ) ގެނެސްފައިވާއިރު، އެއީ އެ ޓީމަށް ލިބޭނެ އިތުރު ފުރިހަމަ ކަމެއްގެ ގޮތުގައި ޖުނައިދު ގަބޫލުކުރެ އެވެ.
"ކުޅެމުންދާއިރު ކޯޗުމެން ބެންޗުގެ ބޭނުން ވެސް ހިފާނެ، އަނެއްހެން ބުނަންޏާ ދެތިން މީހަކު ފިޔަވާ ސިޓީގައި އެ އޮތީ) ރާއްޖޭގެ ނެޝަނަލް ޓީމު، ބެންޗުގައި ވެސް އެބަހުރި ބޭނުންކުރެވޭނެ މީހުން، އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ބެންޗުގައި މެކްސިމަމް އެއް ނޫން މި ލިބިފައި އިންނަނީ، އެކަމަކު، ހުރި ހިތްވަރުގެ މެކްސިމަމް އަޅުގަނޑުމެން ބޭނުން ކުރާނަން،" ޖުނައިދު ބުންޏެވެ.
ސިޓީ އާއި ސިފައިން ބައްދަލުކުރާ ގައުމީ ވޮލީ މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.












