ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި މިރޭ ޕޮލިސް ކްލަބް ކަޓުވާލައި ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލުގައި ސިފައިންގެ ކްލަބް ކުޅޭނީ ސްޕޯޓްސް ކްލަބް ސިޓީއާ އެެވެ. އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބުކުރި ސިޓީން ވަނީ ދެ ވަނަ ސެމީގައި ސިފައިން އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ފުރަތަަމަ ސެމީގައި ސީދާ ތިން ސެޓުން، ކްލަބް ވެމްކޯ ބަލިކުރި ޕޮލިހަށް މިރޭ ސިފައިން އަތުން ނާކާމިޔާބުވީ 3-1 ސެޓުން ބަލިވުމުންނެވެ.
މިރޭގެ މެޗަށް ނުކުތްއިރު، ސިފައިންނާއި ޕޮލިސް ވަނީ މި ފަަހަރުގެ ސީޒަނުގައި ދެ ފަހަރެއްގެ މަތިން ވާދަކޮށްފަ އެވެ. އެސޯސިއޭޝަން ކަޕްގައި ސިފައިން ދެ ސެޓު ގެންގޮސްފައި އޮއްވައި، ފަހަތުން އަރައި ޕޮލިސް މޮޅުވި އެވެ. އެކަމަކު، ގައުމީ ލީގުގައި ސިފައިން ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ.

ގައުމީ މުބާރާތުގެ ތިން ވަނަ ސެމީގައި ސިފައިންނާއި ޕޮލިހުން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-20، 28-30، 25-18 އަދި 25-17 އިންނެވެ.
ފުރަތަމަ ދެ ސެޓުގައި ޕޮލިހަށް ކޮންމެވެސް ވަރެއްގެ ފައިޓެއް ސިފައިންނަށް ދެވުނު ނަމަވެސް ފަހު ދެ ސެޓު ދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. ސިފައިން ޕްރެޝަރެއް ނެތި ފަހު ދެ ސެޓުގައި ކުޅެލި އެވެ.
ފުރަަތަމަ ސެޓު ފަށައިގެން، ޕޮލިހުން އެ ޓީމުގެ ސެޓަރު، މުއްތުސާމީ އަޕަވޫ އާއި އެޓޭކަރު އަނޫ ޖޭމްސްގެ ބޭނުންހިފައިގެން ރަނގަޅަށް ކުޅެ، ކޮންމެ ވެސް ވަރެއްގެ ލީޑެއްގައި ދެމި އޮތެވެ. އެކަމަކު، 10-10 އިން ސްކޯ އެއްވަރުވެ، އޭގެ ފަހުން ސެޓުގެ އޮއެވަރު އެނބުރުނީ ސިފައިން ކޮޅަށެވެ. އެ ޓީމުގެ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު) ހިއްލައިދޭ ބޯޅަތައް، އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ، މަނޫ ޖޯސެފް އާއި ޝޯން ޓީ ޖޯން އަދި ގައުމީ ވޮލީ ޓީމުގެ، އާދަމް ނަސީމް (އެޑަމް) ނިންމަމުން ދިއުމުގެ ފައިދާނަގައި، ފުރަތަމަ ސެޓު، 25-20 އިން ސިފައިން ގެންދިޔަ އެވެ.
ދެ ވަަނަ ސެޓު ފަށައިގެން ވެސް ޕޮލިހުން ލީޑެއް ނެގި ނަަމަވެސް ސިފައިން ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން ސިފައިން 12-15 އިން ލީޑެއް ނެގި ނަަމަވެސް ޕޮލިހުގެ ރޫހު ފެނުނީ ރަނގަޅުކޮށެވެ. ޕޮލިހުން އެންމެ ބޮޑަށް ބަރޯސާވާ ކުޅުންތެރިޔާ، އަނޫ ޖޭމްސް އާއި ސެންޓަ ކުޅުންތެރިޔާ، އަކިން އައްމާލް އަދި ޒުވާން ކުޅުންތެރިޔާ، ޝާމިލް މުހައްމަދުގެ އެޓޭކްތައް ރަނގަޅު ވަގުތުގައި ފެނި، 19-19 އިން އެއްވަރުވި އެވެ. އޭގެ ފަހުން ދެން ފެނުނީ ފޯރިގަދަ ކުޅުމެކެވެ.
ދެ ވަނަ ސެޓު ނިންމަން ދެ ޓީމަށް ވެސް ފުރުސަތު ލިބި ފަހު ވަގުތު ގޯހެއް ހެދެނީ އެވެ. އެ ގޮތަށް ދަނިކޮށް، ފުރުސަތުގެ ބޭނުންހިފައި، ޕޮލިހަށް އެޓޭކާއި ޑިފެންސް މެނޭޖް ކުރެވުނު ވަގުތު އަނޫ ޖޭމްސް ނިންމި ބޯޅަތަކުން ޕޮލިސް 30-28 އިން ދެ ވަަނަ ސެޓު ގެންދިޔަ އެވެ.

ޕޮލިސް ކުޅުންތެރިންނާއި އޮފިޝަލުން ލޯ މެޑަލް އަޅައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު
ޕޮލިހަށް ދެ ވަނަ ސެޓު ގެންދެވުނު ނަމަވެސް އެ ހިތްވަރު ދެން ކުޅުނު ދެ ސެޓުގައި ނުދެއްކުނެވެ. ސިފައިން ފެނުނީ ވަރަށް ވަރުގަދަ ރޫހެއްގައި ކުޅެލިތަނެވެ. ނަތީޖާ އަކަށްވީ ރަނގަޅު ލީޑެއްގައި އޮވެ، ސިފައިން ފަހު ދެ ސެޓު، 25-18 އާއި 25-17 އިން ގެންގޮސް މެޗުން މޮޅުވުމެވެ.
ގައުމީ މުބާރާތުގެ ތިން ވަނަ އަށް ދިޔަ ޕޮލިހަށް މިރޭ ލޯ މެޑަލް ހަވާލުކޮށްދެއްވީ ވީއޭއެމްގެ އެކްސްކޯ މެމްބަރު، މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.
ސިފައިންނަކީ އެންމެ ފަހުން ގައުމީ މުބާރާތް ބޭއްވިއިރު ޗެމްޕިއަނެވެ. އެ ގޮތުން 2020 ވަނަ އަހަރު ސިފައިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފަސް ސެޓު ކުޅެގެން ޕޮލިސް ބަލިކޮށްފަ އެވެ. މި ފަހަރުގެ ފައިނަލުގައި ސިފައިން ތަށި ދިފާއުކުރުމުގެ އަމާޒުގެ އިތުރުން އެހެން ޓާގެޓެއް ވެސް އެބައޮތެވެ. އެއީ 2010 ވަނަ އަހަރު ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކޮށްގެން ސިފައިން ހެދި ރެކޯޑާ ސިޓީ ހަމަކުރިޔަ ނުދީ، އެ ކަން ދިފާއުކުރުމުގެ ޓާގެޓެވެ.












