ލަފާ ކުރެވެނީ، ކަރުދާސްކޮޅެއް ގޮތަށް ބޮނޑިވެފައި އޮތް އެ ކާރުން މަރިޔަމް އަމާނީ ރަޝީދު، 23، ނެގިއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ހޯމަ ދުވަހުގެ ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުން ދުއްވި އެ ރަތް ކާރު ކޮންޓްރޯލުން ނެއްޓި ގޮސް ބަހެއްގައި ޖެހުނުއިރު އޭގައި ތިބީ އަމާނީގެ އިތުރުން ދެ އަންހެނުންނާއި ފިރިހެން މީހެކެވެ. ދިރިތިބި، އަނެއް ތިން މީހުންގެ ހާލު ވެސް ވަރަށް ގޯހެވެ.
އަމާނީއަކީ، ރާއްޖޭގައި، ހާއްސަކޮށް މާލޭގައި ހިނގާ ގިނަ އެކްސިޑެންޓުތަކުގެ އެންމެ ފަހުގެ ވިކްޓިމް އެވެ. އަމާނީގެ ހަށިގަނޑު އައިޖީއެމްއެޗުގައި ބާއްވާފައި އޮތްއިރު، އެތަނަށް ޖަމާވެފައި ތިބި، އޭނާގެ ގާތް މީހުންނާ މި ނޫހުގެ ނޫސްވެރިން ދެއްކި ވާހަކައިން އެނގުނު ގޮތުގައި، ދަތުރުވަރެއްގައި މާލެ އައިސް އުޅުނު، ބ. ތުޅާދޫގައި ދިރިއުޅޭ އަމާނީ ވިސްނައިގެން ހުރީ މިއަދު އެނބުރި ރަށަށް ދިޔުމަށެވެ.
އެކަމަކު، ހިތާމަވެރި ގޮތަކަށް އަމާނީގެ ފުރާނަ ގެއްލުމުން އާއިލާ މީހުން އަމާނީއަށް ކިޔަންޖެހުނީ އެންމެ ފަހުގެ ސަލާމެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގައި 10،194 އެކްސިޑެންޓު ވަނީ ހިނގައިފަ އެވެ. މިއަހަރު އެކަނި ވެސް 807 އެކްސިޑެންޓެއް ހިނގައިފި އެވެ. ވޯލްޑް ބޭންކުން އާންމުކޮށްފައި ހުރި ހިސާބުތަކަށް ބަލާއިރު 2000 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހިނގި އެކްސިޑެންޓުތަކުގައި 47 މީހަކު ވަނީ މަރުވެފަ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި 89,897 ސައިކަލާއި 6325 ކާރާއި 2931 ޕިކަޕާއި 795 ލޮރީ ރަޖިސްޓްރީކޮށްފައިވެ އެވެ. ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު އެކަނި ވެސް 9038 ސައިކަލު އަލަށް ރަޖިސްޓްރީ ކުރި އެވެ. ހަމަ އެ އަހަރު 502 ކާރު އަލަށް ރަޖިސްޓްރީކޮށް ދުއްވަން ފެށި އެވެ. އަދި ހަމަ އެ އަހަރު 263 ޕިކަޕު އަލަށް ރަޖިސްޓްރީ ކުރިއިރު 28 ލޮރީ ވެސް ރަޖިސްޓްރީކޮށްފައިވެ އެވެ.
އޭޝިޔާ ޕެސިފިކް ޖާނަލް އޮފް ޕަބްލިކް ހެލްތުން 2015 އަހަރު ޝާއިއު ކުރި މަރިޔަމް ވަސީލާގެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން އެކްސިޑެންޓު ވަނީ ސައިކަލެވެ. އެކްސިޑެންޓުތަކުގައި ގިނައިން އަނިޔާ ލިބެނީ ޓްރެފިކް ގަވާއިދުތަކާ ގަސްދުގައި ހިލާފުވުމުންނެވެ. އެކްސިޑެންޓުތަކުން އަނިޔާ ލިބޭ އެންމެ ބޮޑު ސަބަބަކީ، އެ ދިރާސާއިން އެނގުނު ގޮތުގައި ބާރަށް ދުއްވުމެވެ. އަދި އެކްސިޑެންޓުތަކުގައި ހިމެނެނީ 25 އަހަރުން ދަށުގެ ޒުވާނުންކަން ވެސް އެ ދިރާސާއިން އެނގުނެވެ.
ތަފާސްހިސާބު އެއް ކުރުމަށްފަހު ފުލުހުން 2016 ވަނަ އަހަރު ފުލުހުން ހެދި ކުރު ޕްރެޒެންޓޭޝަނުން އެނގޭ ގޮތުގައި އެންމެ ގިނައިން އެކްސިޑެންޓު ހިނގަނީ މާލޭގަ އެވެ. އެއަށްފަހު ރާއްޖޭގައި ދެން އެންމެ ގިނަ އެކްސިޑެންޓު ހިނގަނީ ދެކުނު ޕްރޮވިންސްގަ އެވެ. ދެކުނު ނަމްބަރުތައް އުފުލެނީ ބެލެވޭ ގޮތުގައި ލ. އަތޮޅާއި އައްޑޫ ސިޓީގައި ހިނގާ އެކްސިޑެންޓުތައް ހިމެނުމުންނެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަށް ޝީފާޒާ އާދަމް ޝަރީފް 2016 ވަނަ އަހަރު ހެދި ދިރާސާއަކުން އެނގޭ ގޮތުގައި ސައިކަލު ދުއްވާ މީހުން އައްޑޫގައި ވެސް އެންމެ ގިނައިން އެކްސިޑެންޓު ވަނީ ބާރަށް ދުއްވައިގެނެވެ. ޓްރެފިކްގެ އެހެން ގަވާއިދުތާ ހިލާފުވުމާއި ދުއްވާއިރު މޯބައިލް ފޯނު ބޭނުން ކުރުމާއި މަސްތުގެ ހާލުގައި ދުއްވުމަކީ ވެސް އެކްސިޑެންޓުވާ ބައެއް އެހެން ސަބަބުތަކެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން 2019 ވަނަ އަހަރު ބުނެފައި ވަނީ އެކްސިޑެންޓުވާ ގިނަ މީހުންނަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޭނުންވާ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.
"ބާރަށް ދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުމަކީ މި އުމުރުފުރައިގެ މީހުން ރާއްޖޭގައި މަރުވުން އަދި ހާނީއްކަވުމުގެ މައިގަނޑު ސަބަބު. އޭގެ ސަބަބުން ވިކްޓިމްސް އަދި އެމީހުންގެ އާއިލާއިން އުފުލަންޖެހޭ ބުރަ އިތުރުވޭ އަދި އޭގެ ސަބަބުން އިގްތިސާދަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރޭ،" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި ހޭލުންތެރިކަން ހުރި މިންވަރު ބެލުމަށް ހުޅުމާލެއަށް ހާއްސަކޮށް، ޖާދުﷲ ސައީދު އެމްއެންޔޫއަށް ހަމަ 2016 ވަނަ އަހަރު ހެދި ދިރާސާއިން ދައްކާ ގޮތުގައި ޓްރެފިކް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން އަދި ޓްރެފިކް ގަވާއިދުތައް ބަރާބަރަށް ތަންފީޒުކޮށްގެން ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް ވަރަށް ބޮޑުތަނުން މަދު ކުރެވިދާނެ އެވެ.
"ރާއްޖޭގައި ހިނގާ އެއްގަމު އުޅަނދުގެ އެކްސިޑެންޓުތައް މުޅިން ހުއްޓާނުލެވޭނެ. ނަމަވެސް ގަވާއިދުތައް ބޯލަނބައިގެން އަދި ގަވާއިދުތައް ރަނގަޅަށް ތަންފީޒުކޮށްގެން މަގުމަތީގެ އެކްސިޑެންޓުތަކާއި އެ އެކްސިޑެންޓުތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދު ކުރެވޭނެ،" އެ ދިރާސާގެ ހޯދުންތަކުގައި ޖާދުއްﷲ ލިޔުއްވާފައިވެ އެވެ.
އިއްޔެ މާލޭގައި ހިނގި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއިން ފެންނަނީ ބިރުވެރި މަންޒަރެކެވެ. އިންތިހާ ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ބަހަކަށް އުރުނުއިރު، ކައިރީގައި އެހެން އުޅަނދުތަކާއި މަގުމަތީގައި ދުވާ މީހުން އުޅުނެވެ. ބެލެވޭ ގޮތުގައި މިއީ ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތި ނަމަ ނުހިނގާނެ އެކްސިޑެންޓެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެކެވެ.












