ގައުމީ ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލުގައި މިރޭ އެންމެ ފަހުގެ ދެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ބައްދަލުކުރާނީ މި ފަހަރުގެ ފައިނަލުގެ ފަހު ޖާގަ އަށެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅޭ ގައުމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސްޕޯޓްސް ކްލަބް ސިޓީންނެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ޕޮލިސް ވަނީ ސީދާ ތިން ސެޓުން ކްލަބް ވެމްކޯ ބަލިކޮށް ތިން ވަނަ ސެމީން ފުރުސަތު ހޯދައިފަ އެވެ. ސިފައިން ތިން ވަނަ ސެމީ ކުޅެން ޖެހުނީ ރޭ ކުޅުނު ދެ ވަނަ ސެމީގައި ސިޓީ އަތުން ބަލިވުމުންނެވެ.
ރޭގެ މެޗަށް ފަހު ސިފައިންގެ ކޯޗު ޖުނައިދު އަބްދުﷲ ބުނީ ސިޓީ އަތުން ރޭ ފުރަތަމަ ސެޓު ގެއްލުނު ހިސާބުން ކުޅުންތެރިން މާޔޫސްވުމަކީ ދެން ކުޅުނު ދެ ސެޓުގައި އެ ޓިމުގެ ކުޅުމަށް އަސަރު ކުރި ސަަބަބު ކަމަށެވެ.
"އިދިކޮޅު ޓީމަކީ (ސިޓީ އަކީ) އެންމެ ވަރުގަދަ، މި މުބާރާތުގެ ވެސް އެންމެ ވަރުގަދަ ޓީމު ހަމަ، އިދިކޮޅަށް އޮތް ޓީމު ވަރުގެ ޓީމެއް ނޫން މާދަމާރޭ (މިރޭ) މި އޮތީ، ދެ ފަހަރު ޕޮލިހާ ކުޅެފިން، އެއް ފަހަރު އަހަރެމެން މޮޅުވެފައި، އަނެއް ފަހަރު ބަލިވެފައި މި އޮތީ،" ޖުނައިދު ބުންޏެވެ.
އެސޯސިއޭޝަން ކަޕްގައި ސިފައިން ދެ ސެޓު ގެންގޮސްފައި ވަނިކޮށް ޕޮލިސް ވަނީ ފަހަތުން އަރައި 3-2 ސެޓުން މޮޅުވެފަ އެވެ. ގައުމީ ލީގުގެ ދެ ވަނަ ސިފައިން ހޯދީ ޕޮލިސްގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.
"އާންމުކޮށް ސިފައިންނާއި ޕޮލިހުން ކުޅޭ މެޗުގައި ކަށިން ހިތްވަރު ލައިގެން، ދެ ޓީމު ވެސް ކުޅޭނެ. އަޅުގަނޑަށް އެބައޮތް، އަޅުގަނޑުމެން ޓީމާ މެދު ޔަގިންކަން، އެ މެޗުން މޮޅުވެގެން ފައިނަލަށް ދާން،" މިރޭގެ މެޗާ ބެހޭގޮތުން ޖުނައިދު ބުންޏެވެ.
ސިޓީން މި ފަހަރު ގައުމީ މުބާރާތް ކާމިޔާބުކޮށްފިނަމަ 2010 ވަނަ އަހަރު ސިފައިން ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްގެން ހަދާފައިވާ ރެކޯޑާ ހަމަކުރާނެ އެވެ. ސިފައިންގެ ޓީމުން ރެކޯޑް ހިމާޔަތްކުރަން ހާއްސަ އަމާޒެއް އެބައޮތްތޯ އެހުމުން ޖުނައިދު ބުނީ އެ ވިސްނުން ވެސް އެބަހުރި ކަމަށާއި މި ވަގުތު ހުރިހާ ފޯކަސް އެއް އޮތީ ޕޮލިސް މެޗަށް ކަމަށެވެ.
"އެ ރޫހު ވެސް (ރެކޯޑް ހިމާޔަތް ކުރުމުގެ ވިސްނުން) އެބައޮތް. މީގެ، އަސްލު ވާގޮތަކީ ޑިޕެންޑް މި ވަނީ ތިބި ކުޅުންތެރިންނަށް، މިރޭ (ރޭ) މި ކުޅުނު ޓީމު (ސިޓީ) އަށް ބަލާއިރު، މިއީ އަޅުވާކިޔާލެވޭ ވަރު ޓީމެއް ނޫން، ކުޅުންތެރިންނަށް ބަލާއިރު، އެކަމަކު، މި ހުރި އިންޖަރީތަކާއި ރިކަވާ ކުރުމާ ކަންކަމަށް ބަލާއިރު، މި ހިސާބަށް އައިސް މި ތިބީ ވަރަށް ޓައިޓް ޝެޑިއުލެއްގެ ތެރެއިން ގާތްގާުތުގައި މެޗުތައް ކުޅެފައި،" ޖުނައިދު ބުންޏެވެ.
"ދެން އެބައިން ތި (ރެކޯޑް)ގެ ޕްްރެޝަރު ވެސް، އަޅުގަނޑު ހިއެއްނުވޭ ބަޔަކު އެއްކޮށް ސީޒަން ނަގާފާނެތީ ޖެހިލުންވެއޭ، ފުރަތަމަ ޕޮލިސް ސެމީ މެޗަށް، ދެން އެހެން މެޗަކަށް ވިސްނެން އޮތީ،"
ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ތަޖުރިބާ ހޯދައިދީ ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގައި މި ހޯދޭ ކާމިޔާބީތަކާ މެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށެވެ.
"ﷲ ކިބައިން ހަމްދާ ޝުކުރު ކުރަން، އަޅުގަނޑުމެންގެ ވަރަށް ޒުވާން ޓީމެއް، އަޅުގަނޑުމެން ތަޖުރިބާ ހޯދަމުން މި އަންނަނީ ގައުމީ ސެމީ ފައިނަލެއްގެ މެޗަކަށް އަޅުގަނޑުމެން ނުކުތްއިރު، އަޅުގަނޑުމެންގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ގުޅިގެން މަސައްކަތް ކުރަނީ، އެހެންވެ، މިއަދު (އިއްޔެ) މި ނެރެވުނީ ވަރަށް ރަނގަޅު ނަތީޖާއެއް، ހުރިހާ ކުޅުންތެރިންގެ މަސައްކަތުން، އޮފިޝަލުން މެނޭޖްމަންޓުން ހުރިހާ އެންމެންގެ މަސައްކަތުން ނެރެވުނު ނަތީޖާއެއް،" ފައްލޯ ބުންޏެވެ.
ފައްލޯ ބުނީ ޕޮލިސް ޓީމަށް ވެސް އިންޖަރީގެ މައްސަލަ އެބަހުރި ކަމަށާއި ކުރިން ދެ މެޗެއްގައި ވެސް އެކަން ފާހަަގަކޮށްފައި ކަމަށެވެ. އެހެންވެ، އަބަދު އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި ޗެލެންޖްތައް ނަގައިގެން ކުރިއަށް ވިސްނަން ބޭނުންވާ ކަމަށް ފައްލޯ ވަނީ ބުނެފަ އެވެ.
"ދެން ކޮންމެ ދުވަހަކު އިންޖަރީ އިންޖަރީއޭ ކިޔާކަށް ބޭނުމެއް ނޫން، ރިކަވަރީ ސްޓޭޖުގައި މިއޮތީ، އެ އަށް މަސައްކަތް މި ކުރަނީ، އިންޖަރީ އަކީ އަސްލު ފުރަތަމަ މެޗުގައި ބެންޗު ޓީމާ އެކު މަސައްކަތް ކުރަން ޖެހުނު ސަބަބަކީ ވެސް، އިންޖަރީގެ މައްސަލަ އެ ގޮތަށް ހުރީމަ، އެ ދުވަހު ވެސް ޕާފޯމަންސް ރަނގަޅުވީމަ ހިތްވަރު އާލާވީ، ދެން، މިއަދު ސީދާ ތިން ސެޓުން މޮޅުވީމަ މިއީ ވަރަށް ރަނގަޅު ހިތްވަރެއް،" ފައްލޯ ބުންޏެވެ.
އެންމެ ފަހުން 2020 ވަނަ އަހަރު ޖެނުއަރީގައި ކުޅުނު ގައުމީ ފައިނަލުގައި ސިފައިން ވަނީ ފަސް ސެޓު ކުޅެގެން ޕޮލިސް ބަލިކޮށްފަ އެވެ. މި ފަހަރުގެ ގައުމީ މުބާރާތުގައި ސިފައިންނާއި ޕޮލިސް ކުޅޭ ތިން ވަނަ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.












