ރިޕޯޓުމަސްދަރު ބުނަން ކުރާ މަޖުބޫރު؛ ބިލުގެ ބާގަނޑުތަކުން ނުރައްކާ؟

މަސްދަރު ބުނަން ކުރާ މަޖުބޫރު؛ ބިލުގެ ބާގަނޑުތަކުން ނުރައްކާ؟

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން ޝަރީއަތަށް މަޖުބޫރު ކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވޭ. އެ މާއްދާގައި ހިމެނޭ ބާގަނޑުތަކުގެ ސަބަބުން ނޫސްވެރިކަމަށް ކުރިމަތިވާނެ ނުރައްކާތަކުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި.

މަސްދަރު ހާމަ ކުރުމާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: ސަރުކާރުން ބޭނުން ވަނީ ބިލު އޮތް ގޮތަށް ފާސް ކުރަން -- ފޮޓޯ: އަދަދު
މަސްދަރު ހާމަ ކުރުމާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: ސަރުކާރުން ބޭނުން ވަނީ ބިލު އޮތް ގޮތަށް ފާސް ކުރަން -- ފޮޓޯ: އަދަދު

ދައުލަތް ހިންގަނީ ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ އިންނެވެ. އެކަމަކު ދައުލަތުގެ ފައިސާ އާއި، ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އެ މައުލޫމާތުތައް ހިފަހައްޓާ ފަހަރު އާދެ އެވެ. އެފަދަ ކަންކަން ބައެއް ފަހަރު އެ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފަކު މީޑިއާއަށް ތިލަކޮށްދެ އެވެ. ވިސްލްބްލޯ ކުރާ އެ މަސްދަރު ހިމާޔަތްކޮށް، މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ތިލަކޮށްދެ އެވެ.

ރާއްޖޭގެ ފެހި ގާނޫނު އަސާސީ އެކުލަވާފައި ވަނީ ދުނިޔޭގެ މި ތަޖުރިބާގެ މައްޗަށެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ނޫސްވެރިކަމުގެ މިނިވަންކަމާއި ހައްގަކީ އެއީ އެވެ. ބޭނުމަކީ ވެސް މީޑިއާގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވެ ޖަވާބުދާރީ ކުރުވޭ ދައުލަތެއް ބިނާ ކުރުމެވެ.

ގާނޫނު އަސާސީގައި މިހެން ލިޔެފައި އޮތް ނަމަވެސް އެ ހައްގުތައް މަޖިލީހުން ފާސްކުރާ ގާނޫނަކުން ހަނިކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހަށް އޮވެ އެވެ. އެ އޮތް ހަނި ފުރުސަތުގެ ތެރެއިން، މަޖިލީހުން ދާދި ފަހުން ފާސްކުރި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް ބައެއް މާއްދާތައް ހިމަނާފައިވެ އެވެ. އެކަމާ މެދު ނޫސްވެރިންގެ ކަންބޮޑުވުންތައް ގިނަ އެވެ. ބިލު އިސްލާހު ކުރަން ގިނަ ނޫސްވެރިން އެދެ އެވެ. ތަސްދީގުނުކޮށް މަޑުޖައްސަލާން ދަނީ ގޮވާލަމުންނެވެ.

"ނޫސްވެރިން ވެސް ނޫސްވެރިންނާ ހިއްސާ ނުކުރާނެ އެމީހުންގެ ކޮންފިޑެންޝަލް ސޯސްތައް، އެހެން ނޫސްވެރިއަކަށް ވެސް އެކަން އެނގިއްޖިއްޔާ އެ މަސްދަރަށް ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެދާނެތީ، ދެން ކިިިހިނެއްތޯ ފަނޑިޔާރަކަށް ކޮން މިންގަނޑަކުން އެ ވަޒަން ކުރެވޭނީ،" މަޖިލީހުގައި ބިލް ދިރާސާކުރަމުން ދިޔަ ކޮމިޓީގައި މީޑިއާ ކައުންސިލްގެ މެންބަރު މުއިއްޒު އިބްރާހީމް ވިދާޅުވެފައިވެ އެވެ.

titledesc

ތަފްސީލު އަދިވެސް މަދު، މައުލޫމާތު ހިފެހެއްޓުމުގެ ދޮރަކަށް؟

ހެއްކާ ބެހޭ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުނު އިރު ވެސް ނޫސްވެރިންގެ ކަންބޮޑުވުމަކަށް އޮތީ އެ ކަމެވެ. މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށް މަޖުބޫރު ކުރެވެން ވާނީ ކުއްލި ނުރައްކަލެއް އޮތް މަދު ހާލަތެއްގައި ކަމެވެ. އަދި އެ ގޮތަށް މަސްދަރު ހާމަކުރަން އަންގަން ވާނީ އުސޫލުތަކެއްގެ ތެރެއިން ކަމެވެ. އެ ހިޔާލަށް ރިއާޔަތްކޮށްފައި ކޮމިޓީން ގެނައި އިސްލާހުތަކުގައި ވެސް މާ ބޮޑު ތަފްސީލެއް ނެތެވެ.

މަސްދަރު ހާމަކުރެވޭ ހާލަތްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހާލަތަކަށް ބިލުގައި ބަޔާން ކޮށްފައި އޮންނަނީ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަން އުޅޭ ކަމެވެ.

"އަޅުގަނޑުމެން އެދިފައި އޮންނާނީ ގައުމީ ސަލާމަތުގެ ބައި އުނިކުރަން، ގައުމީ ސަލާމަތް ނެތް ރާއްޖޭގެ އެއްވެސް ގާނޫނެއްގައި މާނަކޮށްދީފައެއް ނެތް، ދެން ޓެރަރިޒަމްގެ ގާނޫނުގެ ހަތްވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ހިމެނޭ ކުށް އެކަނި ހިމަނަން،" ނޫސްވެރިންގެ ޖަމިއްޔާގެ އެކްސްކޯ މެންބަރު އަހްމަދު ނާއިފް ވިދާޅުވެފައިވެ އެވެ.

ނޫސްވެރިންގެ ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ފަރާތުންނާއި މީޑިއާ ކައުންސިލްގެ ފަރާތުން ފާޅުކުރާ ކަންބޮޑުވުމަކީ މިއީ އެވެ. ގައުމީ ސަލާމަތް އަދި ޓެރަރިޒަމްގެ ކުށް އެހާ ބޮޑަށް ފުޅާ ދާއިރާއެއްގައި ދޫކޮށްލާފައި އޮތުމަކީ ނަހަމަ ގޮތުގައި އޭގެ ބޭނުން ހިފައި މައުލޫމާތު ހިފަހައްޓަން ލިބޭ ފުރުސަތެކެވެ. މާޒީގައި މިފަދަ ކަންކަން ތަޖުރިބާ ކުރެވިފައި އޮތީ ވެސް މިހެނެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މެންބަރު ސާރާ ނަސީމް ވެސް ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތް އެންމެ ރަނގަޅު ގޮތެއްގައި އެއްވެސް ގާނނެއްގައި އަދި ހެއްކާ ބެހޭ ބިލުގައި ވެސް މާނަކޮށްފައި ނެތުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޭގެ އަސަރު ކުރާނެ ކަމެކެވެ. އަދި ސިއްރު މަސްދަރުތަކުން ނޫސްވެރިންނަށް ލިބެމުން ދިޔަ މައުލޫމާތުތައް ހާމަނުވެ ހިފެހެއްޓިގެންދާނެ ކަމެކެވެ.

"އެމްޖެއޭއާއި މީޑިއާ ކައުުންސިލުން، މަޖިލީހުގެ ކޮމިޓީއަށް ދިން އެކްސްޕާޓް އޮޕީނިއަންތަކަށް އެއްވެސް ވަރަކަށް އަޅާލުމެއް ނެތި، ބިލަށް އެ ބަދަލުތައް ނުގެނެސް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް، ރައީސް ވެސް ބިލު ތަސްދީގު ކުރުމުގެ ކުރިއަށް މި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭން ޖެހޭ،" ސާރާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް ވިދާޅުވި ގޮތުގައި ރާއްޖޭގައި އަމަލު ކުރާ އެއްވެސް ގާނޫނެއްގައި ގައުމީ ސަލާމަތް އަދި އޭގެ މައްސަލަތައް މާނަކޮށްދީފައި ނެތުމުން، މިހާތަނަށް ވެސް ސަރުކާރުތަކުން ސިޔާސީ ބޭނުމަކަށް ޓަކައި އޭގެ ބޭނުން ނަަހަމަ ގޮތުގައި ހިފާފައި އެބަ ހުއްޓެވެ. އެހެންވެ މަސްދަރު ހާމަކުރުން މަޖުބޫރު ކުރުމުގައި ވެސް އެ ކަންބޮޑުވުން އޮންނާނެ ކަމެވެ.

ސިފައިންގެ ގާނޫނާއި ގާނޫނު އަސާސީގައި ވެސް އެ ކަން މާނަކޮށްފައި އޮންނަނީ ހަނި ގޮތަކަށް ކަމަށް އުޝާމް ގަބޫލު ކުރައްވަ އެވެ.

"ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނެއްގައި ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް ޑިފައިން ކޮށްފައި ނުވޭ. މި ފަދަ ހާލަތެއްގައި ސަރުކާރުން ބޭނުންވެއްޖެ ކަމަށް ވަނީ ނަމަ ހަމަ ކޮންމެ ކަހަލަ މައްސަލައެއްގައި ވެސް ގައުމީ ސަލާމަތަށް ކަމަށް ބުނެ، މަސްދަރު ހާމަކުރަން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދޭ،" ގާނޫނީ ވަކީލުކަމުގެ ހުއްދަ ވެސް އޮންނަ އުޝާމް ވިދާޅުވި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގަބޫލުކުރައްވާ ގޮތުގައި ގާނޫނު އަސާސީގެ 274 ވަަނަ މާއްދާގައި ގައުމީ ސަލާމަތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވެ އެވެ. އެ މާއްދާއަކީ ގާނޫނު އަސާސީގައި ހިމެނޭ އެކި ލަފުޒުތަކުގެ މާނަ ބަޔާން ކޮށްދީފައި އޮންނަ މާއްދާއެކެވެ. އެ މާއްދާގައި އެކަން މާނަކޮށްފައި އޮތް މިންވަރުން ފުދޭނެ ކަމަށް އަލީ ހުސައިން ވިދާޅުވެ އެވެ.

"އޭގައި މި ބުނަނީ އެއީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ ކަންކަމޭ، މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތައް ކުރިމަތިވުމޭ، މީގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ހިމެެނެއޭ، އެކަމަކު ގާނޫނާ ހިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތައް ނުހިމެނެއޭ، މި ކަން އެބަ އޮތް މާނަކޮށްދީފައި،" އަލީ ހުސައިން ވިދާޅުވި އެވެ.

titledesc

ކުށްވެރިންގެ ބިރުވެރިކަން އިތުރަށް ހުށަހެޅޭނެ؟

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މަސްދަރު ހާމަކުރަން އޮތް މާއްދާ ފަހުން އެކުލަވާލައި މަޖިލީހުން ފާސްކޮށްފައިވާ އޮނިގަނޑުގައި ދެން ހިމެނޭ ކަންބޮޑުވުމަކީ މިއީ އެވެ. ބޭއިންސާފު ހުކުމެއް ކުރެވިދާނެ ކަމަށް ބެލެވިގެން ވެސް އެ މަސްދަރު ހާމަކުރަން ފަނޑިޔާރަށް އެންގެން އިހްތިޔާރު ދެވުމެވެ. އަދި ޓެރަރިޒަމް ފަދަ ބޮޑު ކުށެއްގެ ދައުވާ ކުރެވޭ މީހަކަށް ވެސް އެ ކަމަށް އެދި ހުށަހެޅެން ބިލުގައި އޮތުމެވެ.

"ޓެރަރިޒަމްގެ ދައުވާ ކުރެވޭ މީހުންގެ ބެކްގްރައުންޑާއި ޕާސްޓާއި، މީގެ ކުރިން ކޮށްފައިވާ ކަންކަމާއި، ރާވާފައިވާ ކަންކަމާއި، ނުރައްކާތެރިކަން އޮތް ވަރު، ނޫސްވެރިން އެބަ ރިޕޯޓްކުރޭ، ސިއްރު މަސްދަރުތަކަށް ހަވާލާދީ. ދައުވާ ކުރެވޭ މީހާ އާއި ނޫސްވެރިޔާއާ އެއް ހާޒިރު ކުރެވޭތީ ނޫސްވެރިޔާ އާއި އެ މަސްދަރު ވެސް އެބަ ނުރައްކަލަށް ހުށަހެޅޭ،" އެމްޖޭއޭގެ އެކްސްކޯ މެންބަރު ނާޒިމް ހަސަން ވިދާޅުވެފައިވެ އެވެ.

މާރާމާރީއެއް ހިނގައިގެން ގޮސްފިނަމަ، ނޫނީ ވައްކަމާއި ފޭރުމުގެ ކަމެއް ހިނގި ނަމަވެސް އެ ވާހަކަ ނޫސްތަކުގައި ލިޔެ އެވެ. ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތަކަށް ނޫސްވެރިން ވަދެ އެވެ. އެއިން ހަބަރާއި ރިޕޯޓްތައް އުފައްދަ އެވެ. އާންމުންނަށް އެނގެން ޖެހޭ މައުލޫމާތުތަކަށް ވާތީ އެވެ. އެކަމަކު މިފަދަ ކަމެއް ހިނގައިދިޔަ ވާހަކަ ލިޔެގެން އިންޒާރުދީ އަންނަ ފޯން ކޯލުތައް މިހާރު ވެސް މަދެއް ނޫނެވެ.

"ކުށެއް ކޮށްގެން މީހަކު ހައްޔަރު ކުރީ، ހައްޔަރު ކުރި މީހާގެ ވަނަވަރު ހޯދާފައި ލިޔުން ނަމަވެސް، ކޯޓުގައި ހިނގާ މައްސަލައެއް ރިޕޯޓް ކުރިޔަސް، އެ އާޓިކަލްއެއް ޕަބްލިޝް ކުރާއިރަށް ފޯނު ކޯލުތައް އަންނާނެ، ހަބަރު ނަގާށޭ، ކޯޓު ކޭސްއެއްގައި ހެކިބަސް ދެވޭ އޮފިސަރެއްގެ ނަން ލިޔެފިއްޔާ އެ ކަން އާންމުވެގެން އެބަ އެ އޮފިސަރަކަށް ވެސް ތްރެޓްތައް އާދޭ،" އެމްޖޭއޭގެ ރައީސް އަލީ ރިފްޝާން މި ނޫހަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ގާނޫނީ ވަކީލު ކަމުގެ ހުއްދަ އޮންނަ މަޖިލިސް މެންބަރު އަލީ ހުސައިން ފާހަގަ ކުރައްވާ ކަމަކީ ތަހުގީގު ކުރާ ފަރާތުންނާއި ދައުލަތުންނާއި ދައުވާ ރައްދުވާ މީހަކު އެދިގެން ޝަރީއަތަށް ހުށަހެޅިއަސް އެ ކަމުގައި ގޮތެއް ނިންމަނީ ފަނޑިޔާރެވެ. ފަނޑިޔާރު މިނިވަންނުވުމަކީ މުޅިން އެހެން މައްސަލައެކެވެ. އެފަދަ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެ އޮންނަ އިޖުރާއަތަކުން ދެން ބަލާނީ އެވެ.

"ނުރައްކާތެރި ހާލަތަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހިދާނެ، އަޅުގަނޑުމެން ރާއްޖެއަށް މިހާރު ވެސް އެފަދަ ކަމެއް ތަޖުރިބާ ކުރެވިއްޖެ. މުސްތަގުބަލުގައި އެފަދަ ކަމެއް ކުރިމަތިނުވާނެ ކަމަށް ބަލައިގެން ނުވާނެ. އެހެންވެ އެފަދަ ހާލަތެއްގެ މައްޗަށް ފަނޑިޔާރު ނިންމާ ނިންމުމެއްގެ މައްޗަށް ނޫސްވެރިޔާ މަސްދަރު ހާމަކުރަން އޮންނާނީ. ފަނޑިޔާރު މިނިވަން ނުވުމަކީ އަދި އެހެން މައްސަލައެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

ސަރުކާރުން ދޫދިނުމެއް ނެތްތަ؟

ރައީސް އޮފީހުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި، އެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ބިލުގެ މުހިންމުކަން ބޮޑުވުމުން، އެ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމުގެ ވިސްނުމެއް ނެތެވެ.

އެކަމަކު، އެ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ވަކި އެއްޗެއް ސީދާ ވިދާޅުވެފައި ނެތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭގައި ނޫސްވެރިން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ބިލުގެ 136 ވަނަ މާއްދާގައި ހަގީގަތުގައި އެ ކަންބޮޑުވުމެއް ނެތް، މަސްދަރު ހާމަކުރަން ޖެހޭ ހާލަތަކީ ދެ ފަރާތުގެ އެއްބަސްވުމުގައި، އޭގެ އިތުރުން މަސްދަރު ހާމަ ކުރަން ހަމައެކަނި ޖެހޭ ހާލަތަކީ ޝަރީއަތުގައި އެކަން ހާޒިރުވެ، ޝަރީއަތުގައި އެކަން ނިންމުން،" ނަޝީދު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ސަރުކާރުގެ ނިޔަތް އޮތީ މިހާރު އޮތް ގޮތަށް މަސްދަރު ހާމަކުރަން އޮތް މާއްދާގައި ފާހަގަވާ "ބާގަނޑުތަކާ" އެކު ކުރިއަށް ދިއުމަށެވެ. އެ ބާގަނޑުތަކުގެ ސަބަބުން ދިމާވާނެ ނުރައްކާތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި، ނޫސްވެރިކަން ކުރަން އިތުރު ގޮންޖެހުމަކަށް އަންނާނެ ކަމަށް ބެލެވެ އެވެ. މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް ފުޅާވެދާނެ ކަމަށް ވެސް ބެލެވެ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox