ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން، ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުލް ހައްގު ހެލާލް ވިދާޅުވެއްޖެ އެވެ.
އަންވަރުލް ހައްގު މި ގޮތަށް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގައި ބޭއްވި ސާފްގެ އޯޑިނަރީ ކޮންގްރެސް އަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
މީގެ ކުރިން 13 ފަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، އެއް ފަހަރު ފިޔަވައި ހުރިހާ އަހަރަކު ބޭއްވީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގަ އެވެ. ދެ ގައުމެއް މެދުވެރިވެގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީ ލަންކާ އާއި ރާއްޖޭންނެވެ.
ސާފް ޗެމްޕިއަންޝިޕް ފޯމެޓް ބަދަލުކުރަން ލިބިފައިވާ ޕްރޮޕޯސަލާ އެއްގޮތަށް ކުރިއަށްދާން ގައުމުތަކުން ނިންމައިފިނަމަ ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގެ މެޗުތައް، ސާފްގެ ހަތް ގައުމުގައި ވެސް ކުޅޭނެ އެވެ.
މާކެޓިން އޭޖެންޓެއް މެދުވެރިކޮށް ސާފަށް ލިބިފައިވާ ޕްރޮޕޯސަލްގައިވާ ގޮތުން އެއް މަހަށް ދިގު ދެމިގެންދާ ގޮތަށް ސާފް ޗެމްޕިއަންޝިޕް ބަދަލުވާނީ ހޯމް އެންޑް އަވޭ ފޯމެޓަށެވެ. ކޮންމެ ގައުމަކަށް އަމިއްލަ ގައުމުގައި މެޗު ކުޅެން ފުރުސަތު ލިބޭނެ ގޮތަށް މި ފޯމެޓުން ފުރުސަތު އޮންނާނެ އެވެ. ކުރިޔާ ހިލާފަށް މެޗުތައް އެއް ދަނޑެއްގައި ކުޅެ، ނިންމާލުމުގެ ބަދަލުގައި ގިނަ ސަރަހައްދެއްގައި ކުޅޭ ގޮތަށް ވެސް ފުރުސަތު އޮންނާނެ އެވެ.
"ކޮންމެ ދެ އަހަރަކުން ސާފް ޗެމްޕިއަންޝިޕާއި ކްލަބް ޗެމްޕިއަންޝިޕް ބޭއްވުން އެއީ ޓާގެޓަކީ، މާކެޓިން ކޮމްޕެނީ އަކުން އެބައޮތް ސާފް ޗެމްޕިއަންޝިޕާއި ކްލަބް ޗެމްޕިއަންޝިޕަށް ޕްރޮޕޯސަލެއް ހުށަހަޅާފައި. އެއީ ގިނަ ދަނޑުތަކެއްގައި ލީގު ފޯމެޓަށް މެޗުތައް ކުޅޭގޮތަށް، އަހަރެމެން އެ ޕްރޮޕޯސަލް މެމްބަރު ގައުމުތަކަށް ފޮނުވާނަން، އެ މީހުން މި ހުށަހެޅުމާ ބެހޭގޮތުން ދިރާސާކޮށްފައި އަހަރެމެންނަށް ފީޑްބެކް ދޭނެ،" އަންވަރުލް ހައްގު ވިދާޅުވި އެވެ.
"އެންމެން (ހުރިހާ ގައުމަކުން) މި ޕްރޮޕޯސަލަށް އެއްބަސްވެއްޖެނަމަ މި ގޮތަށް އަހަރެމެން ކުރިއަށްދާނަން،"
ހޯމް އެންޑް އަވޭ ސިސްޓަމަށް ކުޅޭއިރު، އިންޑިއާ އާއި ޕާކިސްތާން ފަދަ ގައުމުތަކަށް އަމިއްލަ ގައުމުގައި އެއް ގައުމާ އަނެއް ގައުމާ ދެމެދުގެ މެޗުތައް ނުކުޅެވޭ ގޮތް ވެއްޖެނަމަ، މުބާރާތް އިންތިޒާމްކުރުމުގެ ޒިންމާ ނަގާ ކުންފުނިން، އެ މެޗެއް ކުޅޭނެ ނިއުޓްރަލް ދަނޑެއް ހަމަޖައްސައިދޭން ޖެހޭނެ އެވެ.
ސާފް ޗެމްޕިއަންޝިޕް ދެން އޮންނާނީ އަންނަ އަހަރުގަ އެވެ.
ސާފް އިން އެންމެ ފުރަތަމަ ރަސްމީކޮށް ކްލަބް ޗެމްޕިއަންޝިޕް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަން އިއުލާނުކުރީ 2011 ވަނަ އަހަރު އެވެ. އެ ފަަހަރު ނިންމީ ސާފްގެ ފުރަތަމަ ކްލަބް މުބާރާތް ބަންގްލަދޭޝްގައި ބޭއްވުމަށެވެ. އެކަަމަކު، އެކި ސަބަބުތަކާ ހުރެ އެ ފަހަރު އެ މުބާރާތް ނުބޭއްވި ޖެހުނީ ފަސްކުރާށެވެ.
ދެ ވަނަ ފަހަރަށް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ ދެކެވުނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. އެ ފަހަރު ނިންމީ 2014 ވަނަ އަހަރު ސްރީ ލަންކާގައި ފުރަތަމަ ކްލަބް ޗެމްޕިއަންޝިޕް ހޯސްޓް ކުރާގޮތަށެވެ. އެ ފަހަރު މުބާރާތް ނުބޭއްވުނު އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސަރަހައްދުގެ ގަދަބާރު އިންޑިއާ އިން މުބާރާތް ކުރިއަށް ގެންދަން މާ ބޮޑު ޝައުގުވެރިކަމެއް ނުގެންގުޅޭތީ އެވެ. އޭގެ ފަހުން 2016، 2017 އަދި 2018 ވަަނަ އަހަރު ވެސް ކްލަބް ޗެމްޕިއަންޝިޕްގެ ވާހަކަ އެކި ފަހަރު މަތިން ދެކެވުނު ނަމަވެސް އޮތީ ރަސްމީކޮށް އެ މުބާރާތް ނުފެށި އެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު، ސާފް ޗެމްޕިއަންޝިޕް މާލޭގައި ހޯސްޓްކުރިއިރު، ބޭއްވި ސާފްގެ ބައްދަލުވުމުގައި ކްލަބް ޗެމްޕިއަންޝިޕާ މެދު މަޝްވަރާތަކެއް ބޭއްވުނެވެ. އޭރު ވާހަކަ ދެކެވުނީ ކޮންމެ ގައުމެއްގެ ޗެމްޕިއަނުންނަށް ފުރުސަތު ދީގެން ކްްލަބް ޗެމްޕިއަންޝިޕް ބޭއްވުމަށެވެ.
އެކަމަކު، ސާފް ކްލަބް ޗެމްޕިއަންޝިޕް ފޯރިގަދަ ކުރުމުގެ ބޭނުމުގައި އިންޑިއާ އާއި ބަންގްލަދޭޝް އަދި ރާއްޖޭން ދެ ކްލަބް، ސްރީ ލަންކާ، ބޫޓާން، ނޭޕާލް އަދި ޕާކިސްތާން، ކޮންމެ ގައުމަކުން އެއް ކްލަބް ކުޅޭގޮތަށް ރޭވުން އެއީ މި ވަގުތަށް އޮތް ވިސްނުމެކެވެ.
ހޮނިހިރު ދުވަހު ބޭއްވި ސާފް އޯޑިނަރީ ކޮންގްރެސްގައި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާޒީ ސަލާހުއްދީން ވަނީ ހަތަރު ވަނަ ދައުރަަކަށް ސާފްގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފަ އެވެ. ކާޒީ ވިދާޅުވީ ސާފް ސަރަހައްދުގައި އަހަރަކު ހަ މުބާރާތް ބޭއްވުމަކީ އޭނާގެ ލީޑަޝިޕްގެ ދަށުން ހޯދުނު ކުރިއެރުމެއް ކަމަށެވެ.












