ޓާމިނަލް ކެފޭ ތެރޭގައި އިންދައި ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ ބޮލަށް ވަޅި ހަރައި މަރާލިތާ ހަތަރު އަހަރު ފަހުން މައްސަލާގައި ހުކުމް ކުރަން މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލް ވެއްޖެ އެވެ.
އެ މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހުލާސާ ބަޔާން އިއްވިއިރު، ހުކުމް ކުރުން މާޗު މަހުގެ 31 ވަނަ ދުވަހަށް ތާވަލު ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އެ ދުވަހު ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭގެ ހަތަރު މަސް ފަހުން މިއަދު މެންދުރުފަހަށް ތާވަލުކުރި އަޑުއެހުން ވެސް ކެންސަލްވެފައިވާ ކަން ކްރިމިނަލް ކޯޓުން އެންގި އެެވެ.
"މިއަދު މައްސަލަ ބައްލަވާ ގާޒީ [ހުސައިން ފާއިޒް ރަޝާދު] ސަލާމުގައި ހުންނެވުމުން އެ ސެކްޝަންގެ ހުރިހާ އަޑުއެހުމެއް ވަނީ ކެންސަލް ކުރެވިފައި، މިއަދު މެންދުރުފަހު 3:00 ޖަހާއިރު ތާވަލުކޮށްފައިވާ [ނަދީމްގެ މަރު މައްސަލައިގެ] އަޑުއެހުން ވެސް ކެންސަލް،" ކްރިިމިނަލް ކޯޓުގެ އޮފިޝަލް މި ނޫހަށް ވިދާޅުވި އެވެ.
ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދީ މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން 29 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

މައްސަލާގައި ދައުލަތުން ދެއްކި ވާހަކަތައް
ނަދީމްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށެވެ.
އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވަދެ ނަދީމަށް ހަމަލާދީފައިވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.
މެޑިކަލް ލީގަލް ރިޕޯޓްތަކަށާއި، މަރުގެ ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރުގެ ހެކިބަހަށް ހަވާލާދީ ދައުލަތުން ބުނީ، ނަދީމް މަރުވީ އޭނާގެ ސިކުނޑީގެ ފަހަތުބައި، ބޮލުގެ ނާށިގަނޑުން ބޭރަށް ނުކުމެ، ފުން ޒަހަމްތަކަކާއެކު ސިކުނޑިއަށް ލޭ އެޅިފައި ވާތީ ކަމަށެވެ.
ދައުލަތުން ބުނާ ގޮތުގައި މަފާޒްއާ އެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ އަދި އޭނާއާއެކު ނުކުމެގެން ގޮސްފައިވަނީ އަލީ ނިފާޒް އެވެ. އޭނާ އެހެން މީހަކަށް ހަމަލާދޭން ދިޔަ ކަމަށް ޝަރީއަތުގެ ކުރީގެ އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވެ އެވެ. އެވާހަކައަކީ މީގެ ކުރިން ޝަރީއަތުގެ އަޑުއެހުންތަކުގައި ދައްކާފައިވާ ވާހަކައެއް ނޫނެވެ.
މީގެ އިތުރުން ނަދީމަށް ހަމަލާ ދިނުމަށްފަހު ތިން ސައިކަލުގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަން ދައުލަތުން ފާހަގަކުރި އެވެ. ޓާމިނަލް ކެފޭއަށް ވަން މަފާޒާއި ނިފާޒް ފިލި ކަމަށް ދައުލަތުން ބުނަނީ އެ ދެމީހުން ބަލައި އައި ދެ ސައިކަލެއްގެ ފަހަތުގަ އެވެ. ދެން ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލް އިނީ ސައިކަލުގައި އެކަނި ކަމަށް ބުނެ އެވެ. އެފަދައިން ޝަރީއަތުގެ މަރުހަލާގެ ހުރިހާ އަޑުއެހުމެއްގައި ބުނި ނަމަވެސް ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ ކަރަމްގެ ފަހަތުގައި 18 އަހަރު ނުވާ ކުއްޖާ އިން ކަމަށް ބުނެފަ އެވެ.
މަފާޒް ނުވަތަ ނިފާޒް ގޮވައިގެން ދިޔަ ހުސައިން ޝާމިނަށް ދައުވާ އުފުލިއިރު ދެން ހުރީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ. އެ މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ދާތީ، ކުށުގައި ތުހުމަތުވާ މީހުން ދޫކުރުމަށް ދައުލަތުން އުޒުރުވެވީ، އެމީހުންގެ ފަރާތުން އަދިވެސް މުޖްތަމައުއަށް ނުރައްކާ އޮތް ކަމަށް ބުނެ އެވެ.
އެހެންވެ ހުލާސާ ބަޔާނަށްފަހު ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުމުގައި ގާޒީ ކަނޑައެޅުއްވީ އެމީހުން ދޫނުކުރުމަށެވެ.












