މިލާން (ޖުލައި 3) - އިޓާލިއަން ލީގުގައި ފުރަތަމަ ފަހަރަށް އަންނަ ސީޒަނުގައި އަންހެން ރެފްރީ އަކަށް ފުރުސަތު ދޭން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ލީގު ކަަމަށްވާ އިޓާލިއަން ލީގު (ސީރި އޭ) ގައި ރެފްރީކަން ކުރުމުގެ ޝަރަފް ލިބޭ ފުރަތަމަ އަންހެން ރެފްރީ އަކީ އުމުރުން 31 އަހަރުގެ ފެެރިއޭރީ ކަޕޫޓީ އެވެ. އޭނާ ވަނީ އިޓަލީގެ ފިރިހެން ދެ ވަނަ ޑިވިޝަނާއި އިޓަލީގެ އަންހެން އެއް ވަނަ ޑިވިޝަނުގައި ރެފްރީކަން ކޮށްފަ އެވެ.
ފެެރިއޭރީ ކަޕޫޓީ އަށް ފިރިހެން ފުޓްބޯޅަ މެޗުތަކުގައި އިންސާފުކުރުމުގެ ފުރުސަތު ދިނުމުގެ މަސައްކަތް މިދިޔަ ސީޒަނުގައި ވެސް އިޓާލިއަން ރެފްރީސް އެސޯސިއޭޝަނުން ކުރި އެވެ. އެ ގޮތުން ފެެރިއޭރީ ކަޕޫޓީ ވަނީ އިޓާލިއަން ކަޕްގައި ކަލިއަރީ އާއި ސިޓަޑެއިއާ ކުޅުނު މެޗުގައި ރެފްރީކަން ކޮށްފަ އެވެ.
އެ މެޗުގެ ތަޖުރިބާގެ އަލީގައި އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނާ ވާހަކަ ދައްކައި އަންނަ ސީޒަނުގައި އިޓާލިއަން ލީގުން ވެސް ފެެރިއޭރީ ކަޕޫޓީ އަށް ފުރުސަތު ދޭން ނިންމީ އެވެ.
އިޓަލީގެ ރެފްރީސް އެސޯސިއޭޝަނުގެ ރައީސް އަލްފްރެޑޯ ޓްރެންޓަލަންގޭ ވިދާޅުވީ އަންހެން ރެފްރީ އަކު އިޓަލީގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިގައި ރެފްރީކަން ކުރުން ވެގެންދާނީ ތާރީހީ ކަމެއް ކަމަށެވެ.
"އަހަރެންގެ ނަޒަރުގައި ފެެރިއޭރީ ކަޕޫޓީ އަށް އިޓަލީގެ ކުޅެވޭ ކޮންމެ މެޗެއްގައި ވެސް އިންސާފުކުރެވިދާނެ. އެކަމަކު، މި ވަގުތަށް ބަލާއިރު ވިސްނުންތެރިކަން ބަހައްޓައިގެން އަންހެން ރެފްރީން ނެރުމުގެ މަސައްކަތް އަހަރެމެން ކުރާނީ،" ޓްރެންޓަލަންގޭ ވިދާޅުވި އެވެ.

އިޓަލީގެ ކްލަބް ލެވަލްގެ މެޗެއްގެ ތެެރެއިން ފެރިއޭރީ ކަޕޫޓީ
މި އަހަރު ފަހުކޮޅުގައި ގަތަރުގައި ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕްގައި އިންސާފުކުރުމުގެ ފުރުސަތު ތިން އަންހެން ރެފްރީ އަކަށް ދޭން ފީފާ އިން ވަނީ ނިންމައިފަ އެވެ. މިއީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އަންހެން ރެފްރީންނަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕަކުން ފެންނާނެ ފުރަތަމަ އަންހެން ތިން ރެފްރީންނަކީ ފްރާންސްގެ ސްޓެފަނީ ފްރަޕާޓް، ރުވާންޑާގެ ސަލީމާ މުކަންސަންގާ އަދި ޖަޕާނުގެ ޔޮޝީމީ ޔަމަޝީޓާ އެވެ. މި ތިން ރެފްރީންނާ އެކު ފީފާ އިން ވަނީ 36 ރެފްރީންގެ ޕޫލެއް ވޯލްޑް ކަޕަށް އެކުލަވާލައިފަ އެވެ. މީގެ އިތުރުން ވޯލްޑް ކަޕަށް ނެގި އެސިސްޓަންޓް ރެފްރީންގެ ޕޫލުގެ ތެރޭގައި ތިން އަންހެން އެސިސްޓަންޓް ރެފްރީން ވަނީ ހިމަނައިފަ އެވެ. އެއީ ބްރެޒިލްގެ ނެއުޒާ ބެކް، މެކްސިކޯގެ ކަރެން ޑިއާޒް މެޑީނާ އަދި އެމެރިކާގެ ކެތަރިން ނެސްބިޓް އެެވެ.
ޔޫރަޕްގެ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގައި އަންހެން ރެފްރީން ވަނީ އިންސާފުކޮށްފަ އެވެ. އެ ގޮތުން 2019 ވަނަ އަހަރު ލިވަޕޫލާއި ޗެލްސީ ކުޅުނު ޔުއެފާ ސުޕަ ކަޕް ފައިނަލާއި މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް އަންހެން ރެފްރީންނަށް ފުރުސަތު ދީފައިވެ އެވެ. އަދި އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވެސް މި އަހަރު ވަނީ ފުރަތަމަ ފަހަރަށް އަންހެން ރެފްރީންނަށް ފުރުސަތު ދީފަ އެވެ.
އަންހެން ރެފްރީންނަށް ގައުމުތަކުގެ މައި ލީގުން ފުރުސަތު ހުޅުވިފައި ބޭއްވުމަށް ޔުއެފާ އިން ވަނީ އެދިފަ އެވެ. ފްރާންސުން މިހާރު ފިރިހެން އެންމެ މަތީ ޑިވިޝަންތަކުގައި އަންހެން ރެފްރީންނަށް ފުރުސަތު ދޭއިރު، ޖަރުމަނުން ވެސް ފުރުސަތު ދިނުމުގައި އަންނަނީ ކުރިއެރުން ހޯދަމުންނެވެ.












