އަންނަ ހޯމަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ރަސްމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "އަދަދު"އަށް މިއަދު ވިދާޅުވީ، މުޅި ރާއްޖެއަށް ވިއްސާރަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އެއާއެކު ދެކުނުގެ އަތޮޅުތަކަށް މިހާރު ޔެލޯ އެލާޓް ނެރެފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ، ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރަ، އަންނަ ހޯމަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ. ހަމައެއާއެކު މިއަދު މެންދުރު ފަހުން ފެށިގެން، ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މުޅި ރާއްޖެއަށް ނެރެފައިވާ އެލާޓްތަކަށް ބަލާލާއިރު، ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ.
އަދި ހދ. އަތޮޅުން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާއިރު، ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެގައި ވައި ޖެހި، ވިލާގަނޑުގައި 45 މޭލަށް ވައި ގަފދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.














