ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބުން ގިނަ ގޮންޖެހުންތަކާ އެކު ކުޅުންތެރިން ދައްކަމުން އަންނަ ހިތްވަރަށް ސިފައިން ޓީމުގެ އެޓޭކަރު، ގައުމީ ޓީމުގެ ތަރި، އާދަމް ނަސީމް (އެޑަމް) ތައުރީފުކޮށްފި އެވެ.
މި ސީޒަންގައި ދިވެހި ސިފައިންގެ ކުލަބަށް އެންމެ ބޮޑަށް ދިމާވެފައިވަނީ އަނިޔާގެ މައްސަލަ އެވެ. އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ދެ މެޗުން އެޓީމު ބަލިވިއިރު، ބިދޭސީ ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކަށް އަނިޔާގެ ސަބަބުން ދެ މެޗުގައި ރަނގަޅަށް ނުކުޅެވުނެވެ.
އެހެންނަމަވެސް ޖެހިގެން އައި ތިން މެޗުން މޮޅުވެ ސިފައިން ފައިނަލް ޕްލޭ އޮފުން ޖާގަ ހޯދި އެވެ. އެ ތިން މެޗުގައި އެ ޓީމްގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ އެޑަމްގެ އިތުރުން ސެޓަރު ހުސައިން ޝާހިދު (ޝާޑު)ވެސް މޮޅަށް ކުޅުނެވެ. އަދި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ބްލޮކަރު ކާތިކު އަދި އެޓޭކަރު ޝޯން ޓީ ޖޯން ވެސް ފެނުނީ ރަނގަޅަށް ކުޅުނު ތަނެވެ.
އެހެން ނަމަވެސް އަނެއްކާ ވެސް މިހާރު މިއޮތީ ސިފައިން ޓީމަށް އަނިޔާގެ މައްސަލަތައް ދިމާވެފަ އެވެ. ލީގުގެ ފުރަތަމަ ދެ މެޗުގައި ރަނގަޅަށް ކުޅެ ދެ މެޗު ކާމިޔާބުކުރި ނަމަވެސް ސިޓީ އަތުން ބަލިވެ ލީގު ދިފާއުނުކުރެވުނީ އެވެ.
" (ސިޓީ) މެޗަށް ވަރަށް ބޮޑަށް ފޯކަސް ކުރި ޓީމުން. އެކަމަކު ޓީމްގެ އެއް ކުޅުންތެރިއަކު ވަރަށް ބޮޑަށް އިންޖަރީގައި ހުރީ. ދެން ހުރި ކުޅުންތެރިޔާ ހުރީ ހުން އައިސްފައި. ކޮންމެ ގޮތެއްވިޔަސް މި ކުޅުންތެރިންނަށް ޓީމް އެންމެ ބޮޑަށް ބަރޯސާ ވަނީ. އެހެންވެ އަސްލު މި މެޗު އެހާ ދަށްކޮށް ދިޔައީ." ސިޓީ މެޗަށް ފަހު އެޑަމް ބުންޏެވެ.
ލީގު ތަށި ދިފާއުނުކުރެވުނު ނަމަވެސް އިއްޔެ ހަވީރު ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް ސިފައިން ވަނީ ލީގު ބުރުގެ ގަދަ ހަތަރެއް ޔަގީންކޮށް، ގައުމީ މުބާރާތުން ފުރުސަތު ހޯދައިފަ އެވެ.
އެޑަމް ބުނީ އެސޯސިއޭޝަން ކަޕްގެ ފަހު މެޗުތަކާ އެކު ޓީމްގެ މޯޓިވޭޝަންވެސް ރަނގަޅުވި ކަމަށާއި، ނަމަވެސް އަނެއްކާވެސް ޓީމްގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވެ ބޭނުންވާ ފެންވަރުގައި ނުކުޅެވޭތީ ޓީމަށް އުނދަގޫތަކެއް ދިމާވެފައިވާ ކަމަށެވެ.
"ޓީމްގެ މޯޓިވޭޝަން އަސްލު ރަނގަޅު. މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އައީވެސް. އެކަމަކު މިކަހަލަ ގޮތަކަށް ކުޅުންތެރިންގެ އިންޖަރީތައް ގިނަވީމަ ކުޑަކޮށް ދަށްކޮށް އުޅެނީ. އަނެއްކާ ޝާޑު ވެސް އިންޖަރީގައި ހުރީ. އުނަގަނޑު ވަރަށް ބޮޑަށް ސަކަރާތްވެފައި ހުރީ." ޓީމްގެ ހާލަތާއި ގުޅޭގޮތުން ސިފައިން ޓީމުގެ އެންމެ މުހިންމު އެޓޭކަރު، އެޑަމް ބުންޏެވެ.
އެޑަމް ބުނީ އެންމެ ބޮޑު މައްސަލައަކީ އަނިޔާގައި ތިބި ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ނުލިބުން ކަމަށެވެ. އަދި ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ އިތުރު ގޮތެއް ވެސް ނޯންނަ ކަން އެޑަމް ފާހަަގަކުރި އެވެ.
އެންމެ ފަހުން ލީގުގައި އެޓީމުން ގުޑީސް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗުގައި ބިދޭސީ ދެ އެޓޭކަރުން ބޭނުމެއް ނުކުރެ އެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ފުލްކޮށް ކުޅުނީ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި މުހައްމަދު ޝިރުހާން އެވެ.
އެޑަމް ބުނީ ހުން އައިސް ތިބޭއިރުވެސް އަދި އަނިޔާގައި ހުންނަ ކުޅުންތެރިންވެސް ނުކުމެ ޓީމާނ އެކު އެ ކުރާ މަސައްކަތަކީ އެހެން ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.












