'މައިނޯރިޓީ ޝެއާހޯލްޑާސް ޕްރޮޓެކްޝަން' އަކީ އިނގިރޭސިވިލާތުގެ ކޮންމަން ލޯ ގައި ވަރަށް ފުޅާ ގޮތެއްގައި ތަފްސީލްކޮށް, އެ ފަރާތްތަކާ މެދު ކުރިމަތިވެދާނެ ބޭއިންސާފަކުން ސަލާމަތްކުރުމަށް އޮތް މުހިންމު ހައްގެކެވެ. ރާއްޖޭގައި ކުންފުނީގެ ގާނޫނަށް 25 އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް މި ހައްގު އޮތީ ފާޅުނުވެ ވަންހަނާވެފަ އެވެ. އެކަމަކު, ސުޕްރީމް ކޯޓުން މި ހަފުތާ ނިންމި ބޮޑު ނިންމުމާއެކު, ރާއްޖޭގައި ފުރަތަމަ ފަހަރަށް މައިނޯރިޓީ ހިއްސާދާރުންނަށް ކުންފުނީގެ ހައްގުގައި އަމަލުކުރެވޭނެ މުހިންމު އުސޫލުތަކެއް ވަނީ ގާއިމްވެފަ އެވެ.
އެ މުހިންމު ހުކުމް އައީ, އއ. މަޑޫގަލި ރިސޯޓްގެ ހެޑް ލީސް ރަހުނު ކުރުމަށްފަހު, 3.7 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ބްލޫ ލެގޫން އިންވެސްޓްމަންޓް ކުންފުނީގެ މެޖޯރިޓީ ޑިރެކްޓަރުން ނިންމި ނިންމުމާމެދު އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރޭންނެވެ. އެ ނިންމުން ނިންމީ, ކުންފުނީގެ ތިން ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރުން (މެޖޯރިޓީ) ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ ނޯޓިސް ވެސް ނުދީ, ލޯނެއް ނަގަން ނިންމީ ބްލޫ ލެގޫން އިންވެސްޓްމަންޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ, އެކަން ހުއްޓުވުމަށް ތިންވަނަ ޑިރެކްޓަރު (މައިނޯރިޓީ) ކޯޓަށް މައްސަލަ ވެއްދީ އެވެ.
"މި މައްސަލާގައި ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއަށް ސުޕްރީމް ކޯޓުގެ ޖުޑީޝަލް ޕްރެސިޑެންޓެއްގެ ގޮތުގައި ވުޖޫދުވެގެން މި އައީ ވަރަށް މުހިންމު އަދި ވަރަށް ބޮޑަށް ބޭނުން ޖެހިފައި އޮތް ކަމެއް, ތަހުޒީބު ގައުމުތަކުގައި ވަރަށް ފުޅާ ގޮތެއްގައި އޮތް މި ހައްގު, ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރޭގައި ބަޔާންވެފައި ނެތުމަކީ ކުރިން ވެސް ކަންބޮޑުވުންތައް އޮތް ކަމެއް, ސުޕްރީމް ކޯޓުން މި ގެނެސްދިނީ އޭގެ ހައްލު, އެއް ހިއްސާދާރަށް ވެސް ކުންފުނީގެ ނަމުގަ ދައުވާ ކުރެވޭނެ އިސްތިސްނާ," މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލަކު ވިދާޅުވި އެވެ.
މީގެ 26 އަހަރު ކުރިން 1996 ވަނަ އަހަރު ފާސްކޮށް, މިހާރު ވެސް އަމަލު ކުރަމުން އަންނަ ރާއްޖޭގެ ކުންފުނީގެ ގާނޫނު އޮތް ގޮތުން, ކުންފުނީގެ މެންބަރުންގެ ހައްގެއްގެ ގޮތުގައި, މެންބަރެއްގެ މަސްލަހަތަށް ނުވަތަ ހައްގަކަށް އުނިކަމެއް ލިބޭފަދަ ކަމެއް ކުންފުނީ ހިންގުމުގައި ކުރާނަމަ, ކުންފުނީގެ މެންބަރުންނަށް ކޯޓަށް ދިޔުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު, ކުންފުނީގެ މަސްލަހަތަށް ގެއްލުންވާ ހާލަތުގައި ކުންފުނީގެ ދިފާއުގައި މައިނޯރިޓީ ހިއްސާދާރުންނަށް ކުރެވޭނެ ކަމެއް ގާނޫނުގައި ބަޔާންކޮށްފައި ނެތެވެ. ކުންފުނީގެ ނަމުގައި ދައުވާ ނުކުރެވެ އެވެ.
އެހެންވެ, ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވި ގޮތުގައި ޒަމާނާއެކު އަންނަ ބަދަލުތަކާއެކު އަދި ކުރިއަރާފައިވާ މުޖުތަމައުތަކުގައި ގެންގުޅޭ އުސޫލުތަކާ އެއްހަމަ ކުރާނަމަ ޑިރެކްޓަރުންގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާނެ ގޮތުގެ ވަކި އުސޫލުތަކެއް ބަޔާންވެފައި އޮތުން މުހިންމު ކަމުގައި ދެކެ އެވެ. އޭގެ ސަބަބަކީ, ފަނޑިޔާރު ވިދާޅުވި ގޮތުގައި ޑިރެކްޓަރުންގެ އަމަލުތައް ހަމަ ހަގީގަތުގައި ވެސް ތުހުމަތު ކުރެވޭ ފަދަ ގޮތަކަށް ހުރި ނަމަ, އަދި ޝަކުވާ ކުރަނީ މައިނޯރިޓީ ހިއްސާދާރެއް ނަމަ ޝަކުވާ ކުރާ ފަރާތުގެ ޝަކުވާއަށް ކޮންމެ ވެސް ހައްލެއް ލިބެން ޖެހޭތީ އެވެ.
މައިނޯރިޓީއަށް ކުންފުނީގެ ނަމުގައި ދައުވާކުރުމުގެ ހައްގު
އަޒްމިރަލްދާ ފާހަގަ ކުރައްވާ ގޮތުގައި, ކުންފުންޏާ ދެކޮޅަށް ހަދާ ގޯސްތަކުގައި ނުވަތަ ހިންގާ އަމަލުތަކުގައި ދައުވާކުރުމުގެ ހައްގު އޮންނާނީ އާންމު އުސޫލުން ކުންފުންޏަށެވެ. އެއީ, ޑިރެކްޓަރުން އެމީހުންގެ ވާޖިބުތައް އަދާކުރަނީ ހިއްސާދާރުންގެ ބަދަލުގައި ކުންފުނީގެ މަސްލަހަތަށްޓަކައި ކަމަށްވާތީ އެވެ.
"..ނަމަވެސް މި އުސޫލާ އެއްގޮތަށް އަމަލުކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވަނީ ކުންފުނީގެ އަގުލަބިއްޔަތު އޮތް ފަރާތްތަކުން ކުންފުންޏާ ދެކޮޅަށް, ކުންފުނީގެ މަސްލަހަތާ ހިލާފަށް ކަންކަން ކުރުމުން, އެ ހިސާބުން ކުންފުންޏާ ދެކޮޅަށް ހިންގާފައިވާ އަމަލުތަކާ ގުޅިގެން ކުންފުނިން ދައުވާކޮށް ފަރުވާއެއް ހޯދުން ހުއްޓުވަނީ ކުންފުނީގެ އަގުލަބިއްޔަތު އޮތް ފަރާތްތަކުން," އެ ހުކުމުގައިވެ އެވެ.
އިނގިރޭސިވިލާތުގައި އަމަލުކުރަމުން އައި ކުންފުންޏާ ބެހޭ ގާނޫނުގައި އިސްތިސްނާ ހާލަތްތަކެއް ލިޔެފައި އޮވެ އެވެ. އެއީ, ކުންފުންޏާ ދެކޮޅަށް ހަދާ ގޯސްތަކަށް ނުވަތަ ހިންގާ އަމަލުތަކަށް ދައުވާ ކުރެވޭނީ ސީދާ ކުންފުންޏަށް ކަމަށް އޮންނަ އުސޫލަށް އޮތް އިސްތިސްނާއެކެވެ. އެއީ 'ޑެރިވަޓިވް އެކްޝަން' އެވެ.
މީގެ ދަށުން ކުންފުނީގެ އެންމެ ހިއްސާދާރަކު ކުންފުނީގެ މަސްލަހަތުގައި ކުންފުނީގެ ފަރާތުން ދައުވާކުރެވިދާނެ އެވެ. މިފަދަ ދައުވާއެއް ކުރާނަމަ, ކޮމަންލޯގައިވާ ގޮތުން ބައެއް ކަންކަން ސާބިތުކޮށްދޭން ޖެހެ އެވެ;
1- 'ފްރޯޑް އޮން ދަ މައިނޯރިޓީ' ނުވަތަ މައިނޯރިޓީ އޮތް ފަރާތްތަކަށް މަކާރާއި ހީލަތް ހެދުން
ކޮމަންލޯ ކޯޓުތަކުގައި މަކާރާއި ހީލަތް ފުޅާ ދާއިރާއެއްގައި މާނަކޮށްފައިވާއިރު, ކޮމަންލޯގެ ހަމަތަކާއި އިކުއިޓީގެ ހަމަތަކުން ވެސް ފްރޯޑް ކަމަށް ބަލައި ކަންކަން, މާނައިގެ ތެރޭ ހިމަނަ އެވެ. އޭގެ ތެރޭ މެޖޯރިޓީ ޑިރެކްޓަރުން ކުންފުނީގެ މަންފާތައް އަމިއްލަ މަސްލަހަތުގައި ބޭނުން ކުރުން ވެސް ހިމެނެ އެވެ.
2- 'ރޯންގްޑުއާ ކޮންޓްރޯލް' ނުވަތަ ކުންފުންޏާ ދެކޮޅަށް ގޯސް ހެދި މީހުންގެ ކޮންޓްރޯލް
މީގެ މާނައަކީ ކުންފުނީގެ ކޮންޓްރޯލް އޮތް ފަރާތްތަކުން އެ ކުންފުނީގެ ނަމުގައި ދައުވާ ކުރުން ހުއްޓުވާނެ ކަމެވެ.
އެކަމަކު, 2006 ވަނަ އަހަރު ތަފްސީލީ ބަދަލުތަކަކާއެކު އަމަލު ކުރަން ފެށި އިނގިރޭސިވިލާތުގެ އާ ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން މަތީގައި ބަޔާންކޮށްފައި ދެ ކަންތައް ވެސް މިހާރު ސާބިތުކޮށްދޭކަށް ނުޖެހެ އެވެ. އެ ގާނޫނުގައިވާ ގޮތުން ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތަށްޓަކައި ކަމެއް ނުކުރި ނަމަވެސް, ކުންފުނީގެ މަސްލަހަތާ ހިލާފު ކަމެއް ކޮށްފައިވާކަން މައިނޯރިޓީ ހިއްސާދާރަށް ސާބިތުކޮށްދެވޭނަމަ ކުންފުނީގެ ފަރާތުން ދައުވާ ކުރެވިދާނެ އެވެ.
ގާނޫނުގައިވާ ގޮތުން, ކުންފުނީގެ ފަރާތުން ދައުވާ ކުރުމުގެ ހުއްދަ ކޯޓުން ހޯދަން ޖެހޭނެ އެވެ.
ހައްގެއް ލިޔެފައި ނެތުމަކީ އެ ހައްގެއް ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫން
މައިނޯރިޓީންނަށް ކުންފުނީގެ ހައްގުގައި ދައުވާ ކުރެވޭނެ ހާލަތެއްގައި އަމަލު ކުރާނެ ވަކި އުސޫލެއް ރާއްޖޭގައި ކަނޑައަޅާފައެއް ނެތެވެ. އެކަމަކު, ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި ގޮތުގައި 'ގާނޫނެއްގައި ހައްގެއް ހިޔާމަތް ކުރާނެ ގޮތެއް ލިޔެވިފައި ނެތުމަކީ އެ ހައްގެއް ނިގުޅައިގަތުމަށް އޮތް ހުއްޖަތެއް ނޫނޭ' އެވެ. ކުންފުންޏަކީ ވަކި ގާނޫނީ ޝަހުސެއް ކަމަށްވާއިރު, ކުންފުނީގެ ހައްގުތައް ވެސް ހިމާޔަތް ކުރެވެން ޖެހޭނެ ކަމެވެ.
"...މިފަދަ ހާލަތެއްގައި ކުންފުނީގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކޯޓުގެ ހުއްދައާއެކު, ކުންފުނީގެ ފަރާތުން މައިނޯރިޓީ ހިއްސާދާރުން ދައުވާ ކުރުމުގެ ފުރުސަތު ފަހިވެފައި އޮންނަން ޖެހޭ ކަމުގައި އަހުރެން ދެކެން," ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ދެއްކެވި ހުއްޖަތަކީ, ކުންފުންޏަކީ ވަކި ގާނޫނީ ޝަހުސެއް ކަމަށްވާއިރު މެޖޯރިޓީ އޮންނަ ފަރާތްތަކުން ކުންފުންޏާ ދެކޮޅަށް ހިންގާ އަމަލުތައް ބަލައި, ފިޔަވަޅު އަޅައި ފަރުވާއެއް ހޯދުމަށްޓަކައި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މައިނޯރިޓީ އޮތް ފަރާތަށް އޮވެގެން ނޫނީ, މެޖޯރިޓީ ފަރާތްތަކުން ކުންފުނީގެ ނާޖައިޒު ފައިދާ ނެގުން ނުހުއްޓުވޭނެތީ އެވެ.
އިނގިރޭސި ނިޒާމް ދިރާސާކުރައްވައި, ޑރ. އަޒްމިރަލްދާ ހުކުމްގައި ކަނޑައަޅުއްވާފައިވާ ގޮތުގައި މައިނޯރިޓީ ހިއްސާދާރުން ކޯޓުގެ ހުއްދައާއެކު ކުރާ ދައުވާތައް އެއީ ހަމަ ހަގީގަތުގައި ވެސް ބަލަން ޖެހޭ މައްސަލަތަކެއް ކަމަށް ކަނޑައެޅުމުގައި ތިން ކަމެއްވެ އެވެ. އެއީ;
1- ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް އޮންނަ ފަރާތްތަކުން ކުންފުނީގެ ނަމުގައި މިފަދަ ދައުވާއެއް ކުރުން ހުއްޓުވާނެކަން ދައުވާ ކުރަން އެދޭ ފަރާތަށް ސާބިތުކޮށްދެވޭކަން
2- ދައުވާކުރަން އެދޭ ފަރާތުން މައްސަލަ ހުށަހަޅަނީ ހެޔޮ ނިޔަތުގައި ހަމަ ހަގީގަތުގައި ވެސް ކުންފުނީގެ މަސްލަހަތުގައިކަން
3- މައްސަލަ ކުރިއަށް ގެންދިޔުމަށް މަދަނީ މިންގަނޑުން އެކަށީގެންވާ ވަރަށް ހެކި ހުރިކަން ނުވަތަ 'ޕްރިމާ ޕޭޝީ' ކޭހެއް އޮތްކަން
މިކަންކަން ފުރިހަމަވާނަމަ, ފަނޑިޔާރު ފާހަގަ ކުރައްވާފައިވާ ގޮތުގައި ކޯޓުން އެ މައްސަލަ މައުލޫއީ ގޮތުން ބަލައި ދައުވާގައިވާ ކަންކަން ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅައި ހައްލެއް ދެވެން އޮތްނަމަ އެކަން ކަނޑައަޅަން ވާނެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ތަފާތު ރައުޔެއް: 'ކުންފުނީގެ ގާނޫނު ތަރުތީބުވެފައި އޮތީ އެހެނެއް ނޫން'
ކުންފުނީގެ ހައްގުގައި މައިނޯރިޓީއަށް ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައި ޑރ. އަޒްމިރަލްދާ ނެރުއްވި ރައުޔަށް ފަނޑިޔާރު މަހާޒު އަލީގެ ތާއީދާއެކު އަގުލަބިއްޔަތު ލިބުނު ނަމަވެސް, އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ރައުޔު ތަފާތެވެ.
އުއްތަމަ ފަނޑިޔާރު ލިޔުއްވާފައިވާ ގޮތުގައި ކުންފުންޏާ ބެހޭ ގާނޫނު ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު ޑިރެކްޓަރުންގެ މައްޗަށް އޮތް ވާޖިބުތައް ނުވަތަ 'ޑިރެކްޓާސް ފިޑިއުޝަރީ ޑިއުޓީސް' އޮންނާނީ ހަމައެކަނި އެ ކުންފުންޏަކަށެވެ. އެ ޒިންމާއަކީ ކުންފުނީގެ ޑިރެކްޓަރުން ނުވަތަ މެންބަރުން އެކަކު އަނެކެއްގެ މައްޗަށް ފަރުދީ ގޮތުން އަދާކުރަން ޖެހޭ ގޮތަށް އޮންނަ ޒިންމާއެއް ނޫނެވެ.
ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން ޑިރެކްޓަރުންނަށް ލިބޭ ބާރުގެ ދަށުން ޑިރެކްޓަރުން ކުރާ ކަމަކުން ކުންފުންޏަށް ލިބޭ ކޮންމެ ވިޔަފާރީގެ ގެއްލުމަކީ ޑިރެކްޓަރުންގެ ފަރާތުން ކުންފުންޏަށް އޮންނަ ފިޑިއުޝަރީ ވާޖިބާ ހިލާފުވީ ކަމަކަށް ނުބެލޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"...ކުންފުންޏަށް ވިޔަފާރި ކުރުމުގައި މަކަރާ ހިލާތް ނުވަތަ ނުނިޔަތެއް ނެތި ކުރާ ކަމަކުން ކުންފުންޏަށް ގެއްލުން ލިބޭ ކޮންމެ ހާލަތަކީ ކުންފުނީގެ ސިޔާސަތު ކަނޑައެޅި ނުވަތަ ވިޔަފާރި ވިޔަފާރި ފަރުމާކޮށް ހިންގި ޑިރެކްޓަރުން އެކަމުގެ ޒިންމާ ފަރުދީ ގޮތުން އަދާކުރަން ޖެހޭ ހާލަތެއް ވެސް ނުމެނޫންމެ," ރައުޔުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ގަބޫލު ކުރައްވާ ގޮތުގައި ކުންފުންޏެއްގެ ހިއްސާދާރުންނަށްވުރެ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތު އިސްކުރާ ހާލަތުގައި އަމަލު ކުރެވެން އޮތީ, ރާއްޖޭގެ ކުންފުނީގެ ގާނޫނުގައިވާ ގޮތުން ކޯޓުގެ އަމުރަކުން ކުންފުނި އުވާލުމަށް އެދުމެވެ.
އެގޮތުން, ގާނޫނުގެ 80 ވަނަ މާއްދާގައިވާ ގޮތުން ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ވިޔަފާރި ކުރަމުން ގެންދަނީ އެ ކުންފުންޏެއްގެ ހުރިހާ މެންބަރުންގެ މަސްލަހަތަށްވުރެ، ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތުކުރިއަށް ގެންދިއުމަށް ކަމަށާއި އެކަމުން އެހެން މެންބަރުންގެ ހައްގުތަކަށް އުނިކަން ލިބޭ ކަމަށް ކޯޓަށް ސާބިތުވާ ހާލަތުގައި އެ ކުންފުންޏެއް އުވާލަން އަމުރު ކުރެވޭނެ އެވެ.
ކުންފުންޏާ ބެހޭ ގާނޫނުގެ އާ ބިލް: 'މައިނޯރިޓީންނަށް ދައުވާކުރުމުގެ ހައްގެއް ނެތް'
ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުންނާ ގުޅޭ މުހިންމު އުސޫލުތަކެއް ސުޕްރީމް ކޯޓުން ކަނޑައެޅި, ޒަމާނީ އާ ކުންފުނީގެ ގާނޫނެއް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަންނަނީ ކުރަމުންނެވެ. އެގޮތުން, މިހާރު މަޖިލީހުގައި އޮތް ބިލްގައި, މުސްކުޅި ކުންފުންޏާ ބެހޭ ގާނޫނުގައި ބަޔާންކުރާ ކަންކަން އިތުރަށް ތަފްސީލްކޮށް, އާ ގިނަ ކަންކަން ހިމަނާފައިވެ އެވެ.
ނަމަވެސް, މައިނޯރިޓީންނަށް ސުޕްރީމް ކޯޓުން ފަހިކޮށްދިން ހައްގު ބިލްގައި ނެތެވެ. އެ ބިލްގެ 61 ވަަނަ މާއްދާގައި ފާހަގަކުރަނީ ކުންފުނީގެ ފަރާތުން ކުރާ ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާ ގުޅޭ ގޮތުން ކޯޓު އަމުރަކަށް އެދެވިދާނެ ކަމެވެ;
1- ކުންފުނިން އަމަލުކުރާ ގޮތުގެ ސަބަބުން ޖުމްލަ ގޮތެއްގައި މެންބަރުންގެ މަސްލަހަތަށް އުނިކަމެއް ލިބުން
2- މެންބަރަކަށް ނުވަތަ މެންބަރުންނަށް އެ ހައިސިއްޔަތުން ނުވަތަ އެނޫން ހައިސިއްޔަތަކުން ނަމަވެސް އަނިޔާވެރި, އަދި އެ ފަރާތުގެ ހައްގަށް ހީނަރު ކަމެއް އަތުވެދާނެ ފަދަ ނުވަތަ ތަފާތު ކުރުން އޭގައި ހިމެނޭ ފަދަ ގޮތަކަށް ކުންފުނިން އަމަލުކުރާ ހާލަތްތަކުގައި.
މި މާއްދާގެ ދަށުން ކޯޓު އަމުރަކަށް އެދެވޭނީ ކުންފުނީގެ މެންބަރަކަށް ނުވަތަ ކުންފުނީގެ ހިއްސާ ލިބިފައިވާ މީހަކަށެވެ. އެހެންކަމުން, އަލަށް ވުޖޫދުކުރާ ކުންފުނީގެ ގާނޫނުގައި ވެސް ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލު ނެތްކަން އެނގެ އެވެ. ކުންފުނީގެ ނަމުގައި މައިނޯރިޓީއަށް ދައުވާ ކުރެވިދާނެ އިސްތިސްނާއީ އެ ހާލަތުގެ އުސޫލު އާ ބިލްގައި ވެސް ނެތީ އެވެ.
ބިލް ދިރާސާކުރާއިރު, ސުޕްރީމް ކޯޓު މި ހުކުމާމެދު ދިރާސާކުރާނެ ކަމަށް ބެލެވެ އެވެ.
އެކަމަކު, އާ ބިލްގައި ކުންފުނީގެ ކޯޕަރެޓް ވެއިލް ނެގުމުގެ މާއްދާ ތަފްސީލްކޮށް އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ; ބިލްގެ 65 ވަނަ މާއްދާގައި ކުންފުންޏެއް މަކަރާއި ހީލަތުން އަމަލެއް ހިންގައިފިނަމަ, ނުވަތަ ކުންފުނީގެ ޑިރެކްޓަރުން ނުވަތަ މެންބަރުން އަމިއްލަ މަންފާއަށް އެކަނި ކުންފުނި ބޭނުންކޮށްފިނަމަ އެ ކުންފުނީގެ ކޯޕަރޭޓް ވެއިލް ކޯޓަށް ނެގިދާނެ އެވެ. އެ ހާލަތުގައި ކުންފުނީގެ ޑިރެކްޓަރުން ނުވަތަ މެންބަރުން އެ ކުންފުންޏެއްގެ ނަމުގައި ކުރި ކަންކަމަށް ފަރުދީ ގޮތުން ޒިންމާ އުފުލަން ޖެހޭނެ އެވެ.
ރާއްޖޭގެ ކުންފުންޏާ ބެހޭ ނިޒާމް ފުޅާވެ ބޮޑުވަމުން އަންނައިރު, ޒަމާނީ ބަދަލުތަކާއި, ކުރި އަރާފައިވާ މުޖުތަމައުގެ އުސޫލުތައް ގެންނަން މަޖުބޫރުވެ އެވެ. ކޮމަންލޯގެ އިތުރުން އެމެރިކާ, އޮސްޓްރޭލިއާ, ނިޔުޒީލެންޑް, ސިންގަޕޫރް, ކެނެޑާ އަދި އެ ނޫން ވެސް ގައުމުތަކުގައި ކުންފުނީގެ ހައްގުގައި މައިނޯރިޓީ ހިއްސާދާރުން ނުކުތުމަކީ ބަލައިގެންފައިވާ މަފްހޫމެކެވެ.
އެހެންކަމުން, މިއީ ރާއްޖެއަށް ވެސް މުހިންމު ބޭނުންތެރި ފަރުވާއެކެވެ.












