ގައުމީ ވޮލީބޯޅަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފަަހަތުން އަރައި، 3-1 ސެޓުން ކްލަބް ވެމްކޯ އަތުން މޮޅުވެއްޖެ އެވެ.
ވެމްކޯ އިން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ހަވީރު 3-1 ސެޓުން ފަހަތުން އަރައި އޮއްފު އެފްސީ ބަލިކޮށްފަ އެވެ. އެކަމަކު، މިއަދު ސިފައިން ކައިރީގައި ވެމްކޯ އިން ފުރަތަމަ ސެޓު ގެންދިޔަ ނަމަވެސް ރަނގަޅަށް ހިފަހައްޓައިނުލެވުނީ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ވެމްކޯ އިން ފެށީ ރަނގަޅު ރޫހެއްގަ އެވެ. ވެމްކޯ އިން ވަނީ، އެ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އިންޑިއާގެ ސެންޓަ ބްލޮކަރު، އަޝްވަލު ރާއީގެ އެޓޭކްތަކާ އެކު ފުރަތަމަ ސެޓު 25-18 އިން ގެންގޮސްފަ އެވެ. ފުރަތަމަ ސެޓުގައި ވެމްކޯ އިން ލީޑު ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ވެސް ދެއްކި އެވެ. އަދި ސެޓުގެ ފަހުކޮޅުގައި ވެސް އެ ޓީމުން ރަނގަޅު ނިންމުންތައް ނިންމައި، ސެޓު ކާމިޔާބު ކުރުމުގައި ކުރި ހޯދި އެވެ.

ވެމްކޯގެ ކުޑަކާއްޓެ ސިފައިންގެ ޝާޑު އާއި މަނޫ ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެކަމަކު، ދެ ވަނަ ސެޓުން ފެށިގެން މަންޒަރު ބަދަލުވި އެވެ. ސިފައިން ސެޓަކަށް ފަހު ސެޓެއް ކޮންފިޑެންސް ރަނގަޅުކޮށް ނިންމާލި އެވެ. ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، މަނޫ ޖޯސެފް ވަނީ މިއަދު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ސިފައިންގެ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް) ގެ ވެސް މޮޅު ކުޅުމާ އެކު، އެ ޓީމުގެ އެޓޭކް ފެނުނީ ތަފާތު ކޮށެވެ. އަދި ޑިފެންސް ބޯޅަތަކުގައި ވެސް ސިފައިންގެ ޓީމު ފަހަތަށް ޖައްސާލެވޭ ގޮތެއްނުވި އެވެ.
ސިފައިން މެޗުން މޮޅުވީ ފަހު ތިން ސެޓު، 19-25، 23-25 އަދި 19-25 އިން ގެންގޮސްގެންނެވެ.
މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ސިފައިން ވަނީ ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށްފަ އެވެ. އެކަމަކު، ލީގު ބުރަށް ފަހު، ފައިނަލުގެ ފަހު ޖާގަ ލިބޭ ޓީމެއް ކަނޑައަޅަން ކުޅުނު ޕްލޭއޮފް މެޗުގައި ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ސިފައިންގެ މައްޗަށް ކުރިހޯދައިފަ އެވެ. އެ ފަހަރު ވެމްކޯ އަތުން ވީ ބަލި ހަނދާން ނައްތާލަން ސިފައިންނަށް މި ނަތީޖާގެ ބޭނުންހިފޭނެ އެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި މިރޭ ކުޅޭ މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ބައްދަލުކުރާނީ ޕޮލިސް ކްލަބާ އެވެ. ސިޓީ ވަނީ ރޭ ކުޅުނު މެޗުން ސީދާ ތިން ސެޓުން، ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މިރޭ 20:30 ގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ މި ފަހަރުގެ ގައުމީ ލީގުގައި ޕޮލިހުގެ ފުރަތަމަ މެޗެވެ. އެންމެ ފަހުން ބޭއްވި ގައުމީ ލީގުގައި ޕޮލިސް ދިޔައީ ދެ ވަނަ އެވެ.












