ބައެއް ހޮސްޕިޓަލްތަކުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް އާސަންދައިގެ ހިދުމަތްތައް ނުލިބޭ މައްސަލަ ބޮޑުވެއްޖެއެވެ.
އޮންލައިންކޮށް ޑޮކްޓަރަށް ދައްކަން އާސަންދައިގެ ހިދުމަތްތައް ނުލިބޭ އެއް ހޮސްޕިޓަލަކީ އޭޑީކޭ ހޮސްޕިޓަލެވެ. އެގޮތުން, އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ފައިސާ ދެއްކުމުގެ އިތުރަށް ލިބޭ ބޭސް ސިޓީއަށް ބޭސް ގަންނަން ޖެހެނީ ވެސް އަމިއްލަ ޖީބުންނެވެ.
އެ ހޮސްޕިޓަލުގެ އޮންލައިން ކޮންސަލްޓޭޝަންތަކަށް އާސަންދަ ނުދެނީ އާސަންދައިން އެގޮތަށް އަންގާފައިވާތީ ކަމަށް އެކަމާ ބެހޭގޮތުން 'އަދަދު' އާ ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވި އެވެ. އަފްއާލް ވިދާޅުވީ އެއީ އާސަންދައިން ނިންމި ނިންމުމެއް ކަމަށާއި، އެ ހޮސްޕިޓަލުން އަމަލު ކުރަމުންދަނީ އެއާ އެއްގޮތަށް ކަމަށެވެ.
މިކަމާ ގުޅިގެން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގާ (މަރީ) ވިިދާޅުވީ އޮންލައިން ކޮންސަލްޓޭޝަންތައް ފެށީ ކޮވިޑްގެ ލޮކްޑައުންގެ ހާލަތުގައި ކަމަށާއި، މިހާރު އެ ހާލަތު ނެތް ކަމަށެވެ. އަދި، އެކި ސިސްޓަމްތަކުގެ ތެރެއިން އޮންލައިން ކޮންސަލްޓޭޝަން ކުރިއަށް ގެންދާނަމަ، މޮނިޓާ ކުރަން އުނދަގޫވާތީ، މިހާރު އޮންލައިން ކޮންސަލްޓޭޝަން ކުރިއަށް ގެންދަނީ ހަމައެކަނި 'ވިނަވި' ސިސްޓަމުން ކަމަށެވެ.
މަރީ ވިދާޅުވީ، ވިނަވި ސިސްޓަމްގެ ތެރޭގައި ހިމަނާފައިވާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އޮންލައިން ކޮންސަލްޓޭޝަންތަކަށް އާސަންދަ ލިބޭނެ ކަމަށެވެ. އަދި، އެ ސިސްޓަމުގައި ހިމަނާފައި ނުވާ ސިއްހީ ހިދުމަތްދޭ ތަންތަން ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މަރީ ވިދާޅުވިއެވެ.














