ކުރިއަށް އޮތް ދެ ދުވަހު ކޮންމެވެސް ވަރަކަށް މޫސުން ގޯސްވި ނަމަވެސް, އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ހޯމަ ދުވަހު ވިއްސާރަވީ ނަމަވެސް އަންގާރަ ދުވަހަށް މޫސުން ރަނގަޅުވާނެ ކަމަށް ދައްކާ ކަމަށެވެ.
ނަމަވެސް ބުރާސްފަތިން ފެށިގެން އަނެއްކާވެސް ވިއްސާރަވާ ކަމަށް ދައްކާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ މޫސުމަށް ބަލާއިރު ހާއްސަކޮށް ދެކުނާއި މެދުރާއްޖެ ތެރެއަށް ބޯކޮށް ވިއްސާރަ ވެހޭނެ ކަމަށާއި ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ކަމަށް ދައްކާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިއްސާރަ ކަމަށް ދެއްކި ނަމަވެސް މިވަގުތު ރާއްޖޭގެ އެއްވެސް ހިސާބަކަށް އެއްވެސް އެލާޓެއް ނެރެފައި ނުވާ ކަމަށެވެ.

"އެލާޓެއް ނެރެފަ ނެތަސް ރާއްޖޭގެ ބައެއް ހިސާބުތަކަށް ވާރޭ ވެހެމުންދޭ. ކުރިއަށް އޮތް ދުވަސްތަކަށް ވިއްސާރަ ވާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ،" މެޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ކުރިއަށް އޮތީ ސްކޫލުތަކުގެ ބަންދާއި އީދު ބަންދު ދުވަސްތައް ކަމަށްވުމުން ދަތުރު ކުރުމުގައި ސަމާލު ވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.













