ހދ. ކުޅުދުއްފުށީގައި ހާލު ފޮޅި އަލާ ގެއަކަށް، އދ. ގެ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލް ވެންނެވީ، އެކަން އަމިއްލައަށް ތަޖުރިބާ ކޮށްލެއްވުމަށެވެެ. އޮލަކޮށް ގިރާފައި ހުރި ހަނޑޫ، ސަމުސަލަކުން ނަގައި އޮއްސާލެވުނު އިރު، ތަވާގަ ހުންނަން ޖެހޭ ހޫނުކަން ހުރީ ފިލައިފަ އެވެ. ކެތަރިން އަށް އެޅުނީ ބައި ފޮޅި އެކެވެ.
އދ. ގެ 193 މެންބަރު ގައުމުން 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ތަކެއް ކަނޑައަޅާފަ އެވެ. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ގެ ގޮތުގައި 2030 ގެ ނިޔަލަށް 17 ކަމެއް ހާސިލު ކުރުމަށް މަސައްކަތް ކުރުމަށް މެންބަރު ގައުމުތަކުން އެއްބަސްވެފައިވެ އެވެ.
މިދިޔަ ހަފުތާގެ އާދީއްތަ އަދި ހޯމަ ދުވަހު ކެތަރިން ކުޅުދުއްފުއްޓަށް ކުރެެއްވި ދަތުރަކީ، އެކަންކަން އެ ސިޓީ ގައި ފުރިހަމަ ވެފައިވަނީ ކިހާވަރަކަށްތޯ ބެއްލެވުމަށް ކުރެއްވި ދަތުރެ ކެވެ. އަދި އދ. އަށް ދެވޭނި ކޮންކޮން އެއްބާރުލުމެއްތޯ ބެލުމަކީ ވެސް ދަތުރުގެ ބޭނުމެކެވެ.
ވުޖޫދުގައި މިހާރު އޮތީ ކުޅުދުއްފުށީ ކުޅީގެ ފަސް ބައި ކޮށްފަ އެއް ބަޔަށްވުރެ ކުޑަ ތަންކޮޅެކެވެ. އެއާޕޯޓު ހެދުމާއި މަގު ހެދުމާއި ތަރައްގީގެ އެކި ކަންކަމަށް، ކުޅީގެ ބޮޑު ބައި ވަނީ ނެތިކޮށްލައިފަ އެވެ. ކުޅީގެ ވަށައިގެން ހުރި ރުއްގަސް ކަނޑާ އުކާލައި، ދާދި ފަހުން ވެސް 50 ފޫޓު ފުޅާ މިނުގެ މަގެއް ވަނީ ހަދައިފަ އެވެ.
މަދިރި "ކަމުން" ދަނިކޮށް، ކުޅި ކައިރީ ހުރި ކުއްޅަވައް ގަހާއި އެހެން ގަސްތައް ބެއްލެވުމަށް ކެތަރިން ވެންނެވީ ކިސަޑު ގަނޑަށް އެރިގެންނެވެ. ނުކުންނަވާފައި ދާން ޖެހުނީ މޫދަށް އެރި ކިސަޑު ފިލުވާށެެވެ.
ކުޅި ހިމާޔަތް ކުރަން ޖެހެނީ ރީތި ތަނަކަށް ވުމަކަށް ނޫން، ރަށް ގިރުމާއި ތިމާވެށީގެ އެތައް މައްސަލައެއް ކުޅި ނައްތާލައިފިއްޔާ ފެންމަތިވާނެ،" ކެތަރިން ވިދާޅުވި އެވެ. "ހިތައް އަރާ އެންމެ ކުރިން ކުޅި އެ އޮތް ގޮތަށް ނުބޭއްވެންވީ ސަބަބަކީ ކޮބައިބާ އޭ؟"
ކުޅުދުއްފުށި ސިޓީ ކައުންސިން އިން މައިގަނޑު ތިން ކަމެއް ކެތަރިން އަށް ހުށެހެޅި އެވެ. އެއީ ކުޅީގައި ނޭޗާ ޕާކެއް ހެދުމާއި ކުނި ގޮނޑުގެ މައްސަލަ އާއި ސުމާޓް ކައުންސިލް އެއް އުފެއްދުމެވެ.
"އެ ތިން ކަންތައް ފާހަގަ ކުރިން، ހިލޭ އެހީ އެއް ލިބިގެން ވިއަސް ކުޅީގަ ނޭޗާ ޕާކު ހެދޭނެ ގޮތެއް ވެއްޖިއްޔާ ވަރަށް ރަނގަޅު،" ކުޅުދުއްފުށި ސިޓީގެ މޭޔަރު އަހުމަދު އާތިފު ވިދާޅުވި އެވެ.
އދ. ގެ އަމާޒުތަކުގެ ތެރޭގައި ފަގީރުކަން ނައްތާލުމާއި އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލުމާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމާއި ހައްގުތަކުން އެއްވެސް މީހަކު ބާކީ ނުކުރުން ހިމެނެއެވެެ. ފުދުންތެެެރިކަން އިތުރުކުރުމާއި ތައުލީމާއި ސިއްހަތާއި އިޖުތިމާއީ ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތް ކުރުން ހަދަ ކަންތައްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"މުދިމުންނަކީ ވަރަށް މުހިންމު ބައެއް، އަހަރެންމީ ކޮން ދީނެއްގެ މީހެއްކަން ނޭގޭތީ އެމީހުންގެ ސުވާލެއް އޮވެދާނެ، އެމީހުން ބައްދަލުކޮށް ވާހަކަ ދެއްކުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެެއް،" ކެތަރިން ވަނީ ކުޅުދުއްފުށީގެ ހުރިހާ މުދިމުންނާއި ބައްދަލު ކުރައްވާ އެމީހުންގެ ކަނބޮޑޫވުންތައް އަޑު އައްސަވައިފަ އެވެ.

އަފީފުއްދީން ސްކޫލްގެ ސެން ކުލާހުގެ ދަރިވަނުންނާއި އެކު ކެތަރިން ފޮޓޯ އަކަށް އިށީނދެގެން -- ފޮޓޯ ކުޅުދުއްފުށީ ސިޓީ ކައުންސިލް
ބާރަ ވަރަކަށް ހާސް މީހުން ދިރިއުޅޭ ކުޅުދުއްފުށީގަ، ކެތަރިން ކޮންމެހެން ވެސް ބައްދަލުކުރަން ބޭނުންވި އިދާރާތައް ގިނަ އެވެ. ތިން ސްލޫކް ހުންނައިރު، ބިޒީ ޝެޑިއުލް އިން ކޮންމެ ސްކޫލަކަށް ދިން 30 މިނިޓުގައި ކެތަރިން އެންމެ އިސްކަމެއް ދެއްވީ ހާއްސަ އެހީއަށް ބޭނުންވާ، ސެން ކްލާހުގެ ކުދިންގެ ކަންތައްތައް ބެއްލެވުމަށެެވެ. މޭލެ ފިޔަވާ، ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެންމެ ގިނައިން ތައުލީމު ހާސިލު ކުރަނީ ކުޅުދުއްފުށީގެ ސްކޫލް ތަކުގަ އެވެެ.
"ސްކޫލުން ރަނގަޅު ތައުލީމެއް ލިބުނަސް، އެ ކުދިންނަށް ބޭނުންވާ ވަރަށް ގިނަ އެހެން ކަންތައްތައް ހުންނާނެ، ހާއްސަކޮށް ހޮސްޕިޓަލުގައި ނަފްސާނީ ބަލީގެ ޑޮކްޓަރަކު ހުންނަން ޖެހޭނެ،" ކެތަރިން ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ސްކޫލް ތަކުގެ ސެން ކްލާސް ތަކުގެ މުވައްޒަފުންނާއި ފެމެޅި އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އދ. ގެ މާލެ އޮފީހުގެ ރަސްމީ ޓުވީޓް އެކައުންޓުން ވަނީ ޓުވީޓް ކޮށްފަ އެވެ.
"ގޭންގެއް، ކުޅުދުއްފުށީގައި ނޫޅޭތަ؟" ކެތަރިން މި ސުވާލު ކުރި އެވެ. މަސްތުވާ ތަކެތީގެ މައްލަ ކުޅުދުއްފުށިގައި ވެސް އެބަ އޮތެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި ގޭންގުތައް އުޅޭކަން ކެތަރިންނަށް ވަނީ ސާފުވެފަ އެވެ. މަސްތުވާ ތަކެތީގެ ހާލަތު އޭނާ ދަނެގަންނަން ބޭނުންވި ވަރަށް ދަނެއެއް ނުގަނެވުނެވެ.
ކެތަރިން ބައްދަލުކުރި އޮފީސް ތަކުގެ ތެރެއިން އެއް މުވައްސަސާ އިން، ހޫނު މަރުކަބާ އެއް ކިޔައި ހަދިޔާ ދީ، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެތަނަށް އައި ކުރިއެރުން ފާހަގަ ކުރި އެވެ. އެ މުވައްސަސާގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ވާހަކަ ތަކުން، ހިދުމަތް ހޯދުމުގައި ހުރި ގޮން ޖެހުންތަކާއި ކެތަރިން އަށް ސާފުވި އެވެ.
"ބައެއް ފަރާތްތަކުގެ ވާހަކަތައް ހުރި ގޮތަކަށް ނޫން ހަގީގަތުގައި ކަންތައްތައް ހުންނަނީ، ސުވާލަކީ މައްސަލެއް ނެތް ކަމަށް ދައްކަން ވީ ކީއްވެހޭ؟" މަތި އޮމާން ކުރާ އޮފީސްތައް ކެތަރިން އަށް ރަނގަޅެއް ނޫނެވެ.

ރޯނު ވަށަަން ތިބި ބަޔަކާއި ކެތަރިން ބައްދަލުކުރަނީ: އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރޯނު ބޮޑި އަކަށް ލިބެނީ މާ ކުޑަ އަގެއް-- ފޮޓޯ ކުޅުދުއްފުށި ސިޓީ ކައުންސިލް
ރޯނު ވަށަން ތިބި އަންހެނުން ތަކާއި ދިމާވުމުން، ބޮނބި ފިނދޭތޯ ކެތަރިން މަސައްކަތް ކުރި އެވެ. ސަމާސާ އަކަށް ހަދާފައި، ރޯނު ވަށަން ތިބި މީހުން ބުނީ އެކަން ދަސް ކުރަން އެއް މަސް ދުވަސް ކެތަރިން އަށް ބޭނުން ވާނެ ކަމަށެވެ.
ކުޅުދުއްފުށީގައި ހާލު ފޮޅި އެއް ދެ ރުފިޔާ އަށް ވިއްކާ އިރު ރޯނު ބޮޑި އެއް ވިއްކަކީ 150ރ. އަށެެވެ. އެކަމަށް ހޭދަވާ ވަގުތާއި ޑޮލަރުން ޖެހޭ ވަރު ކެތަރިން ހިސާބު ހެދި އެވެ.
"ހާދަ ބުރަ އަކާއި ގިނަ ވަގުތަކުން ނޭ، ރޯ ވެށެނީ، އުނދުން ކައިރީ ހޫނުގައި ހުރެގެން ފޮޅި ވެސް ފިހުމަކީ ވެސް ބުރަ ކަމެއް، ކުރާ މަސައްކަތާއި ބަލާފައި ލިބޭ އަގު މާ ބޮޑަށް ވެސް ކުޑަ،" ކެތަރިން އަށް ގަބޫލުކުރަން ދަތިވި އެވެ.
މޭޔަރު އާތިފު ވިދާޅުވި ގޮތުގައި، ކެތަރިން ފާހަގަ ކުރެއްވުނީ މައްސަލައިގެ ފުނަން ދާން ބޭނުންފުޅުވާ ބޭކަނބަލެއްގެ ގޮތުގަ އެވެ. ކޮންމެ ކަމަކާއި ގުޅޭ ގޮތުން ވެސް ވަރަށް ތަފްސީލު ހޯއްދަވާ ކަމަށް، ކުޑަ ވަގުތު ކޮޅެއްގެ ތަޖުރިބާ ހިއްސާ ކުރައްވަމުން، އާތިފު ވިދާޅުވި އެވެ.
"ޒުވާން ކުދިން ވަރަށް ހަރުދަނާ ވާހަކަ ދެއްކި، އެކުދިން މުސްތަގުބަލާ މެދު ވިސްނާ، ކުޅުދުއްފުށިގެ ތަރައްގީގައި މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ ބައިވެރިވުން އޮންނަން ޖެހޭ،" ދަތުރުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ކެތަރިން ވިދާޅުވި އެވެ. "އަދި އަހަރެން ބަލަން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ކުޅުދުއްފުށީގައި އެބަހުރި، ދެ ދުވަހުގެ ދަތުރެއް މާ ކުރު."











