ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޕްލޭއޮފް މެޗުގައި މިރޭ ސީދާ ތިން ސެޓުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ލީގު ބުރުގެ ބަދަލުހިފައި ކްލަބް ވެމްކޯ އިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
މި ފަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން ވެމްކޯ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގު ބުރުގައި ދިވެހި ސިފައިންގެ ކްލަބް އަތުން ސީދާ ތިން ސެޓުން ބަލިވި މެޗެވެ. އެހެންކަމުން، މިރޭ ޕްލޭއޮފް މެޗުގައި މި ލިބުނު މޮޅަކީ ވެމްކޯ އަށް ކުރީގެ ނާކާމިޔާބީ ހަނދާނުން ފޮހެލަން ލިބުނު ރަނގަޅު މޮޅެކެވެ.
އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ވެމްކޯ ކުޅެން ޖެހޭނީ ލީގު ބުރުގެ އެއް ވަނަ ހޯދި ސްޕޯޓްސް ކްލަބް ސިޓީއާ އެވެ. މިއީ ސިޓީ އާއި ވެމްކޯ ކުޅޭ ފުރަތަމަ ފައިނަލެވެ. ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ވެމްކޯ ވަނީ މޮޅުވެފަ އެވެ. ވެމްކޯ އެ މެޗުން މޮޅުވީ 3-1 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ސިފައިންނާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ 25-18، 25-22 އަދި 25-22 އިންނެވެ.
އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅޭ ވެމްކޯ އަށް މިރޭގެ މެޗުގައި ތަފާތު ދެއްކީ އިންޑިއާގެ ސެންޓަ ބްލޮކަރު އަޝްވަލް ރާއީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޝްވަލް އަށް ލީގު ބުރުގައި ސިފައިންނާ ދެކޮޅަށް މޮޅު ކުޅުމެއް ނުދެއްކުނު ނަަމަވެސް މިރޭ ވަނީ ތަފާތު ދައްކައިފަ އެވެ. އޭނާގެ އެޓޭކްތައް ހުއްޓުވުން ސިފައިންނަށް ވީ އުނދަގޫ ކަމަކަށެވެ.
ފުރަތަމަ ސެޓުގައި ސިފައިންނާއި ވެމްކޯ އަތުން ގިނަ ގޯސްތަކެއް ހެދުނު ނަމަވެސް ލީޑުގައި އޮވެ، ވެމްކޯ އިން ސެޓު ނިންމާލީ 25-18 އިންނެވެ.
ދެ ވަނަ ސެޓުގައި ސިފައިންގެ އިންޑިއާ ކުޅުންތެރިޔާ، ޝޯން ޓީ ޖޯން އާއި މަނޫ ޖޭމްސްގެ އެޓޭކްތައް ކޮންމެވެސް ވަރަކަށް ފެނުނުއިރު، ސިފައިންގެ އެޓޭކަރު، އާދަމް ނަސީމް (އެޑަމް) ވެސް ރަނގަޅަށް ކުޅުނެވެ. އެކަމަކު، ސެޓުގެ ވަކި ހިސާބަކުން ވެމްކޯ ކޮންޓްރޯލް ނަގައި، ސިފައިންނަށް ފުރުސަތެއް ނުދީ މޮޅަށް ކުޅުނެވެ.
ވެމްކޯގެ އިންޑިއާ ސެޓަރު ރަންޖިތު ސިންގް ދޭ ބޯޅަތަކުގައި އިސްމާއިލް ސާުޖިދު (ކުޑަކާއްޓޭ) އާއި އާދަމް ފައިރޫޒް ވެސް ޕޮއިންޓްތަކެއް ހޯދައިދީ ދެ ވަނަ ސެޓު 25-22 އިން ގެންގޮސް ވެމްކޯ އަށް މެޗުގެ ކޮންޓްރޯލް ނަގައިދިނެވެ. ސިފައިންގެ ކޯޗު ޖުނައިދު އަބްދުﷲ ޓައިމްއައުޓްތަކެއް ނަގައި، އެ ޓީމު ހަމަޔަކަށް އެޅުވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ސިފައިންގެ ފޯމު މިރޭ ފެނުނީ ދަށްކޮށެވެ.
ފުރަތަމަ ދެ ސެޓު ދިއުމުން ސިފައިން ތިން ވަނަ ސެޓު ކުޅެން ޖެހުނީ ޕްރެޝަރުގައި އޮވެ އެވެ. މި ސެޓުގައި ވެސް މުހިންމު ވަގުތުތަކުގައި ސިފައިންގެ ޓީމަށް ގޯސްތަކެއް ހެދި، ވެމްކޯ އިން ރަނގަޅު ލީޑެއް ދެމެހެއްޓި އެވެ. ނަތީޖާ އަަކަށްވީ ތިން ވަނަ ސެޓު ވެސް 25-22 އިން ގެންގޮސް ވެމްކޯ މެޗުން މޮޅުވުމެވެ. ތަޖުރިބާގެ ބޭނުންކޮށް، މިރޭގެ މެޗުގައި ވެސް ވެމްކޯގެ އަޝްފާގު އާދަމް (އައްކަޅޭ) ވަނީ ޑިފެންސް ބޯޅަތަކާއި އެޓޭކްގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ވެމްކޯ އާއި ސިޓީ ބައްދަލުކުރާ މެޗު ފަށާނީ 20:15 ގަ އެވެ.












